ކަނޑުމަތީގެ ހާދިސާ

ޓަގުތައް އައިސްފި، ބޯޓު ފުންކުރުން އަންނަ ބުދަ ދުވަހު

Aug 26, 2021

ކ. ރަސްފަރި ފަރަށް އަރާފައިވާ ކާގޯ ބޯޓު ފުންކުރުމަށް ބޭނުންވާ އުޅަނދާއި ވަސީލަތްތައް ރާއްޖެ ގެނެސްފި އެވެ.

ބޯޓު ފުންކުރުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކެޕްޓަން އާދިލް ރަޝީދު ވިދާޅުވީ ބޯޓު ފުން ކުރުމަށް ދެ ޓަގު ބޯޓު މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ. އެއީ 150 އާއި 50 ޓަނުގެ ދެ ޓަގު ބޯޓެވެ. މީގެއިތުރުން ބޯޓު ފުންކުރުމަށާއި ބޯޓު ފުންކުރާއިރު އެ ސަރަހައްދުގެ ވެއްޓަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ބޭނުންވާނެ ވަސީލަތްތައް ދުބާއީއާއި މޮރިޝަސް އިން ހޯދާފައިވާ ކަމަށެވެ.

އާދިލް ވިދާޅުވި ބޯޓު ފުންކުރާއިރު ބޯޓު ފަޅައިގެން ގޮސް ތެޔޮ ބޭރުވެދާނެތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން ބޯޓުގައި ހުރި 1200 ޓަނުގެ ތެޔޮ މަތީ ޓޭންކުތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށެވެ. އެ މަސައްކަތް ނިމުމުން އެކެއް ސެޕްޓެމްބަރުގައި ބޯޓު ފުންކުރުމުގެ މަސައްކަތް ފަށައި، ޖެހިގެން އަންނަ ދުވަހު ބޯޓު ފުންކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"ބޯޓުގެ މަތީ ޓޭންކްތަކަށް ތެޔޮތައް ބަދަލުކުރަނީ ވެސް ލިބިދާނެ ގެއްލުން ކުޑަކުރަން. ފުންކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ތެޔޮ ލީކްވެ އެކަހަލަ ގެއްލުމެއްވާ ނަމަވެސް އަވަހަށް ބޯޓު ފުންކޮށްލާނަން،" އާދިލް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެންޑީއެފްގެ ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ މި ބޯޓު ރާއްޖެ ސަރަހައްދުން ފާހަގަކުރެވުނީ މިމަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އެކަމަކު ބޯޓު ފަރަށް އަރާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. ބޯޓު ފަރަށް އެރި ކަމުގެ ރިޕޯޓް ކޯސްޓްގާޑަށް ލިބިފައިވަނީ އަމިއްލަ ފަރާތަކުން މިމަހުގެ 19 ވަނަ ދުވަހު މެންދުރުފަހު 1:27 ގައި ކަމަށްވެސް ވިދާޅުވި އެވެ.

"ބޯޓުގެ ކެޕްޓަން ނެތް ކޯސްޓްގާޑަށް އަންގާފައެއް. އަދި މިސަރަހައްދުގެ އެހެން އިދާރާ އަކަށް ވެސް ބޯޓު ފަރަށް އަރައިގެން ކެޕްޓަން ރިޕޯޓްކޮށްފައެއް ނެތް. އިންޖީނަށް މައްސަލަ ޖެހިގެންވެސް ރިޕޯޓް ކޮށްފައެއް ނެތް. ފަރަށް އަރައިގެން ވެސް ރިޕޯޓްކޮށްފައެއް ނެތް،" ސަލީމް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ ވިދާޅުވީ ބޯޓު ފަރަށް އެރީ ބޯޓުގެ އިންޖީނު ޔުނިޓް ތިނެއްގައި ދިމާވި މައްސަލަ އަކާ ގުޅިގެން އިންޖީނު ހުއްޓުމުން ކަމަށެވެ. ހަމަދު ވެސް ވިދާޅުވީ ބޯޓަށް މައްސަލަ ދިމާވި ހިސާބުން ކެޕްޓަން އަމަލުކުރަންޖެހޭ ކަންކަމަށް އޭނާ އަމަލުކޮށްފައި ނުވާ ކަމަށާއި އޭނާގެ އިހްމާލު މިކަމުގައި މިހާތަނަށްވެސް ފާހަގަކުރެވޭ ކަމަށެވެ. އެހެންވެ ބޯޓު ފަރަށް އެރުމުން ލިބިފައިވާ ގެއްލުންތައް ސާފުވެ ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދެއް އެނގެންދެން ބޯޓު ފުރުން މަނާކޮށް މިކަމާ ގުޅޭ ހާއްސަ ތަހުގީގެއް ހިންގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"ކެޕްޓަން ނެތް އިންޖީނަށް މައްސަލަ ދިމާވުމުން އެއްވެސް ފަރާތަކަށް ރިޕޯޓްކޮށްފައެއް. އަނެއްކާ ފަރަށް އެރުމުގެ ކުރިން ބޯޓު ފަރަށް އެރުން ހުއްޓުވުމަށްޓަކައި ނަގިލިލުމަށްވެސް މަސައްކަތް ކޮށްފައެއް ނުވެ،" ހަމަދު ވިދާޅުވި އެވެ.

ހަމަދު އިތުރަށް ވިދާޅުވީ ބޯޓު ފަރަށް އެރީ އިންޑިއާގެ ޓުޓްކޮރިން އިން ފުރައިގެން ދެކުނު އެފްރިކާ އަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. ފަރަށް އެރި ވަގުތު ބޯޓުގައި މުދާ ނެތް ކަމަށް ވިދާޅުވި އެވެ.

އީޕީއޭގެ ފަރާތުން އުމަރު ވިދާޅުވީ ރަސްފަރި ފަރަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލް ހޯދޭނީ ބޯޓު ފުންކުރުމުން އެ ސަރަހައްދު އީޕީއޭ އިން ބެލުމުން ކަމަށެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ އެއްޗެއްް ވެސް އެނގޭނީ ބޯޓު އޮތް ސަރަހައްދު ފީނައި ބެލުމަށްފަހު ހަދަންޖެހޭ ރިޕޯޓްތައް ހެދުމުން ކަމަށެވެ.

"މިއީ [ބޯޓު އަރާފައި އޮތް ފަރަކީ] މާލެ އަތޮޅުގައި ވެސް ހިމާޔަތްކޮށްފައިވާ އެންމެ ބޮޑު ސަރަހައްދު. އެހެންވެ އަޅުގަނޑުމެން މިދަނީ ބޯޓު ފުންކުރުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ވަރަށް ގާތުން ބަލަމުން،" އުމަރު ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވިދާޅުވި ބޯޓުން ތެޔޮ ލީކް ވެދާނެތީވެ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެހެންވެ އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ބޯޓު ފުންކުރުމުގެ މަސައްކަތުގައި ބޯޓުގެ ވެރިފަރާތުން ފުރިހަމައަށް އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާ ކަމަށް މައުލޫމާތު ދެއްވި ބޭފުޅުން ވިދާޅުވެފައިވެ އެވެ. އަދި ބޯޓު ފުންކުރަން ގެންގުޅޭ ޕްލޭން ހުށަހެޅުމަށް އެދުމުން އެކަން ކުރަން އެންގި މުއްދަތުގައި އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަންވެސް ފާހަގަކުރައްވާފައިވެ އެވެ.

ރާއްޖޭގައި މީގެކުރިން ވެސް ކާގޯ ބޯޓުތައް ފަރަށް އަރައި ބޮޑެތި ގެއްލުންތައް ފަރުތަކަށް ލިބުމުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކޮށްފައިވެ އެވެ.