ޓްރާންސްޕޯޓް އޮތޯރިޓީ

ބޯޓު ފުންވާނީ ތިން ޓަގު ޖަހައިގެން، ޓަގުތައް ރާއްޖެ އަންނަނީ

އިންޖީނު ހުއްޓިގެން ކ. ރަސްފަރި ފަރަށް އެރި، 600 ފޫޓުގެ ބޮޑު އާގު ބޯޓު ފުން ކުރަން ތިން ޓަގު ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

"ނާވިއޮސް އާމަލިސް" ފުން ކުރުމުގެ އޮޮޕަރޭޝަންގައި އިސްކޮށް އުޅޭ ފަރާތެއް ނަން ނުޖެހުމަށް އެދި އަވަސް އަށް މައުލޫމާތު ދެމުން މިއަދު ބުނި ގޮތުގައި ބޯޓު ފުން ކުރުމުގެ މަސައްކަތަށް ތައްޔާރު ވަމުންދާއިރު މި މަސައްކަތް ކުރަން ތިން ޓަގު ގެންނާނެ އެވެ. އަދި ޓަގުތައް މިހާރު ސްރީލަންކާ އިން ފުރައިގެން ރާއްޖެއަށް ދަތުރު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

"ތިން ޓަގުގެ ތެރެއިން ދޭތި ރާއްޖެ އައުމުން މަސައްކަތް ފެށޭނެ. ދޭތިން ނުވެއްޖެނަމަ ތިންވަނަ ޓަގެއް ވެސް ޖަހާނެ. އުންމީދު ކުރަނީ އަންނަ ހަފުތާ މަސައްކަތް ފެށި ބޯޓު ފުންކޮށްލެވޭ ކަމަށް،" އޭނާ ބުންޏެވެ،

ބޮޑު، 32،000 ޓަނުގެ މި ބޯޓު ފަރަށް އެރުމާއެކު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދަނީ އެ މަސައްކަތް ދާގޮތް ކައިރިން ބަލަމުންނެވެ. އަދި ބޯޓު ފުން ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ދިވެހި އެޖެންޓެއް ވެސް ވަނީ ހަމަޖައްސާފަ އެވެ.

ބޯޓު ފަރަށް އެރީ އިންޖީނު ހުއްޓިގެން

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނީ ޕެނަމާގައި ރަޖިސްޓްރީ ކޮށްފައިވާ "ނާވިއޮސް އާމަލިސް" އާގު ބޯޓު ކ. ރަސްފަރި ފަރަށް އެރީ އިންޖީނު ފެއިލްވެގެން ކަމަށެވެ. އަދި އުޅަނދުގެ ވެރިފަރާތާއި ޓްރާންސްޕޯޓް އޮތޯރިޓީން ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޓްރާންޕޯޓުން ބުނީ އެ ބޯޓުގައި އެއްވެސް ކާގޯއެއް ނެތް ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެނގެނީ މިއީ ކާށިދޫ ކަނޑުގެ ދެކުނުން އިންޖީނު ފެއިލްވެ އޮޔާ ގޮސް ބޯޓު ފަރަށް އެރީ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފަރަށް އެރި ބޯޓަކީ ގްރީސްގައި ހެޑްކުއާޓާޒް ހުންނަ ނަވިއޯސް މެރިޓައިމް ހޯލްޑިންގްސްގެ ބޯޓެކެވެ. އެއީ އިންޑިއާގެ ޓުޓުކޮރިން ބަނދަރުން ފުރައިގެން އެފްރިކާ ބައްރަށް ދަތުރު ކުރަން އިނޮސެންޓް ޕެސޭޖުގެ ގޮތުގައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރު ކުރަމުންދިޔަ ބޯޓެކެވެ.

ޓްރާންސްޕޯޓުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ ބޯޓުން ތިމާވެއްޓަށް އަސަރު ކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައި ނުވާކަމަށެވެ. ބޯޓު ދުއްވުމަށް ބޭނުން ކުރުމަށް ހުރި 1200 ޓަނުގެ ލޯސަލްފާ އައިއެފްއޯ އަދި 80 ޓަނުގެ ލޯސަލްފާ މެރިން ގޭސް އޮއިލް ބޯޓުގައިވާ ކަމަށާއި ކަނޑަށް ތެޔޮ ބޭރު ނުވާނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް ކުރަންޖެހޭ ކަންކަން އުޅަނދުގެ ވެރިފަރާތުން ކުރަމުން އަންނަ ކަމަށެވެ.

ގާތްގަނޑަކަށް 189.99 މީޓަރުގެ ބޯޓު އުރުނު އރަސްފަރި ފަރަކީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހިމާޔަތް ކޮށްފައިވާ ސަރަހައްދެކެވެ.

އީޕީއޭގެ އޮފިޝަލަކު އަވަސް އަށް ކުރިން ވިދާޅުވެފައި ވަނީ ބޯޓު ފަރަށް އެރުމާ ގުޅިގެން ފަރު ވަރަށް ބޮޑަށް ހަލާކުވަމުންދާ ކަމަށާއި އަދި ފުން ކުރުމުގެ މަސައްކަތުގައި ވެސް އިތުރު ގެއްލުންތައް ލިބުމަކީ ވެދާނެ ކަމެއް ކަމަށެވެ. ފަރަށް ލިބިފައިވާ ގެއްލުން އެނގޭނީ ބޯޓު ފުންވުމަށް ފަހު ސާވޭއެއް ހެދުމުން ކަމަށް ވެސް ވިދާޅުވި އެވެ.