އާމިނަތު ޝައުނާ

އައްޑޫ ބިންހިއްކޭނީ ލިބޭނެ ގެއްލުން ކުޑަވާނެ ގޮތް ބަލައިގެން: ޝައުނާ

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަސައްކަން ކުރިއަށް ގެންދާއިރު ތިމާވެއްޓަށް އެންމެ ކުޑަކޮށް ގެއްލުން ލިބޭނެ ގޮތަށް އެ މަސައްކަތް ކުރަން އިސްކަންދޭން ޖެހޭ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ ނިސްބަތްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައުނާ ވިދާޅުވީ އޭނާ އުފަންވީ އައްޑޫއަށް ކަަމަށާއި އަދި އައްޑޫގެ ރައްޔިތުން އުޅޭ ހާލު އޭނާއަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

ޝައުނާ ވިދާޅުވީ އައްޑޫގެ ތަރައްގީއަށް އޭނާ އަދި ސަރުކާރުން ވެސް ހުރަސް ނާޅާނެ ކަމަށާއި ނަމަވެސް ބިން ހިއްކުން ފަދަ ތަރައްގީގެ މަޝްރޫއުތައް އައްޑޫގައި ހިންގާއިރު މޫސުމަށް އަންނަ ބަދަލުތަކާއި އެކީގައި އައްޑޫގެ ރީތިކަމާއި އައްޑޫގެ ވެއްޓާއި އައްޑޫގެ މާހައުލީ ނިޒާމު އެެންމެ ފުރިހަމަ ގޮތުގައި ރައްކާކުރެވޭނެ ގޮތްތަކާ މެދު ވިސްނާ އެ މަސައްކަތްވެސް ކުރަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ތަރައްގީގެ މަސައްކަތް ކުރާއިރު ޑިޒައިނާއި ޑޭޓާއާއި ސައިންސާއި މި ކަންކަމަށް ބިނާކޮށް މިއަދު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މިކަންކަމަށް މީގެ ކުރިން ރިއާޔަތް ނުކޮށް އިންފްރާސްޓްރަކްޗާގެ މަސައްކަތްތައް ކުރުމުން ވާގޮތްތައް މިހާރު ފެންނަމުންދާ ކަމަށެވެ. އެއްގޮތުން ރަށްރަށުގެ އެއް ފަޅިން ރަށްތައް ގިރުމާއި ރަށް ރަށުގައި ފެން ބޮޑުވުމާއި އަދި އުދަ އެރުމުން ރަށްތަކަށް ލިބޭ ގެއްލުންތައް އިންތިހާއަށް ބޮޑު ކަމަށެވެ.

"އައްޑޫއަކީ ރާއްޖޭގައި އޮތް އެންމެ ކުޑަ ގުދުރަތީ ގޮތުން އުފެދިފައިި އޮތް އެންމެ ކުޑަ އަތޮޅު. އަދި ކަރަންޓްސް އުފެދޭނެ ނިޒާމުތަކެއް ނެތް އައްޑޫއަކު އެއް. އެހެންވީމާ މި ދަންނަވާ ވާހަކައަކީ މި މަސައްކަތްތައް ކުރާއިރުގައި އަޅުގަނޑުމެން މި މަސައްކަތް ކުރަންވާނީ މި މާހައުލީ ނިޒާމްތަކަށް އެންމެ ކުޑަ އަސަރެއް ކުރާނެ ގޮތަަކަށް އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަން ކޮށްގެންނޭ." ޝައުނާ ވިދާޅުވި އެވެ.

އައްޑޫގެ ބިން ހިއްކުމުގެ މައްސަލައިގައި ކުރިއަށް ދާނެ މަގެއް ހޯދުމުގެ ގޮތުން މިއަދު މެންދުރު ޕްލޭނިން މިނިސްޓްރީއާއި އެންވަޔަރަަންމަންޓް މިނިސްޓްރީ އަދި އީޕީއޭއާ އެކު ބައްދަލުވުމެއް ބާއްވާނެ ކަަމަށް ވެސް ޝައުނާ ވިދާޅުވި އެވެ. އައްޑޫގެ ރައްޔިތުން އެދޭ ތަރައްގީ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވެސް ވެވެޑައިގެންނެވި އެވެ.

އައްޑޫގެ ތިން ރަށަކުން ބިން ހިއްކައި އަދި ރިސޯޓް ހަދަން ފަސް ރަށެއް އަލަން ހަދަން މަސައްކަތް ކުރަމުންދާ އިރު އެ މަސައްކަތްތަކުގެ ސަބަބުން ތިމާވެއްޓަށް އިއާދަ ނުކުރެވޭނެ ގެއްލުން ލިބިދާނެ ކަމަށް އީއައިއޭ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެ ޕްރޮޖެކްޓް ހުއްޓާލަން ޖަމިއްޔާތަކުން ގޮވާލައިފައިވާ އިރު އެ ޕްރޮޖެކްޓް ހުއްޓުވަން އައްޑޫ މީދޫ ކޯޓަށް ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ.