ހަބަރު

ވެށީގެ މައްސަލަތައް އޮންނަނީ ދެ މިނިސްޓްރީގެ ދެމެދު ތާށިވެފަ: ޔައުގޫބް

ރަށް ގިރުމާއި ރަށަށް އުދަ އެރުން ފަދަ ތިމާވެށީގެ މައްސަލަތައް އާންމު ގޮތެއްގައި އޮންނަނީ ހައްލު ނުކުރެވި ދެ މިނިސްޓްރީއެއްގެ ދެމެދު ތާށިވެފައި ކަމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ގދ. ތިނަދުއަށް އުދައެރުމުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޔައުގޫބް ވިދާޅުވީ މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީން އެފަދަ މައްސަލަތައް ދިރާސާ ކުރާއިރު އެ ކަމަށް ހައްލު ހޯދައިދޭން މަސައްކަތް ނުކުރެވޭ ތަން ފެންނަ ކަމަށެވެ.

ރަށް ގިރުމާއި ރަށަށް އުދަ އެރުން ފަދަ މައްސަލަތައް ދިގުދެމިގެން ގޮސް ރަށްތައް ހަވާލުވެގެންދާ މަންޒަރު ފެންނަ ކަމަށް ޔައުގޫބް ވިދާޅުވި އެވެ. ރަށްތަކަށް އެ ވަރަށް ގެއްލުން ލިބެމުންދާއިރު މައްސަލަތައް އާންމު ގޮތެއްގައި އޮންނަނީ އެންވަޔަރަމެންޓް މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީގެ ދެމެދު "ތާށިވެފައި" ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ފާހަގަ ކުރެވޭ ކަމަކީ ރަށް ގިރުމުގެ މައްސަލައާއި އުދަ އެރުމުގެ މައްސަލަތަކާއި މިޒާތުގެ ތިމާވެށީގެ މައްސަލަތައް ގިނަ ފަހަރަށް މި ހުންނަނީ ދެ މިނިސްޓްރީއެއްގެ ދެމެދުގައި ތާށިވެފައި. އެންވަޔަރަމެންޓް މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީއާ،" ޔައުގޫބް ވިދާޅުވި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީ ވެސް މިހާރު މަސައްކަތް ކުރަމުންދާ ދުވެއްޔަށް ވުރެ ހަލުވި ދުވެއްޔެއްގައި މަސައްކަތް ކޮށްގެން އެ ދެ މިނިސްޓްރީގެ ދެމެދު ތާށިވެފައި މި އޮންނަ ތިމާވެށީގެ މައްސަލަތައް ވީހާވެސް އަވަހަށް ހައްލުކޮށްދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޔައުގޫބް ވިދާޅުވި އެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ ހަސަން ޝިޔާން (ގިޓާ) ވެސް މި ކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރެއްވި އޭނާ ވިދާޅުވީ އެންވަޔަރަމެންޓް މިނިސްޓްރީއަށް ކުރެވޭ ހަމައެކަނި ކަމަކީ ދިރާސާ ކުރުން ކަމަށާއި އި ދިރާސާތަކުގެ ނަތިޖާއާއި އަމަލީ ގޮތުން އެއްވެސް ކަމެއް ކުރެވޭ ތަނެއް ނުފެންނަ ކަމަށެވެ.

"އެންވަޔަރަމެންޓް މިނިސްޓްރީއަކީ އުވާލަން ޖެހޭ މިނިސްޓްރީއެއް. މުޅިން ވެސް ދިރާސާގައި، މި ދިރާސާގެ ނަތީޖާއެއް ނުފެނޭ. ފައިސާގެ ހިސާބަށް ދާއިރު އެހެން ހިސާބަކަށް ދާން މި ޖެހެނީ. މިނިސްޓްރީގެ މެންޑޭޓްގަ ވެސް އޮތް ކަމަކަށް ނުވޭ. މިނިސްޓްރީގައި އެ ކަމަށް ބަޖެޓް އޮންނަ ކަމަކަށް ވެސް ނުވޭ." ޝިޔާން ވިދާޅުވި އެވެ.

މީގެ ކުރިން މަޖިލީހުގެ ކޮމިޓީއެއްގައި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވެސް ވިދާޅުވެފައިވަނީ އެ މިނިސްޓްރީގެ މެންޑޭޓަކީ ތިމާވެށީގެ ސިޔާސަތުތައް ކަނޑައެޅުމާއި، އުމްރާނީ ތަރައްގީގެ ކަމެއްގައި ވެއްޓަށް ލިބޭ ގެއްލުންތަކުގައި ޕްލޭނިން މިނިސްޓްރީއަށް ލަފާ ދިނުން ކަމަށެވެ. މަޝްރޫއު ހިންގުމަކީ ޕްލޭނިން މިނިސްޓްރީގެ މެންޑޭޓެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ވިދާޅުވި އެވެ.

އެންވަޔަރަމެންޓް މިނިސްޓަރު އެހެން ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ އެ ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވި އެވެ. މިނިސްޓަރުގެ އެއްވެސް މަސްއޫލިއްޔަތެއް ނެތް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދެއްކެވީ ކަމަށް ވިދާޅުވެ، މިނިސްޓަރުގެ އިސްތިއުފާއަށް ވެސް އެމްޑީޕީގެ ބައެއް މެންބަރުން ގޮވާލެއްވި އެވެ.