ހަބަރު

ރައްކާތެރި ތަރައްގީގެ މުއާހަދާގައި ބައިވެރިވާން ރުހުން ދީފި

Dec 8, 2020

ދެމެހެއްޓެނިވި ތަރައްގީ ކަށަވަރު ކުރުމަށްޓަކައި، މޫސުމާއި ކާރިސާތަކުން އަރައިގަނެ ގައުމުތަކުގެ އުމްރާނީ ތަރައްގީގެ ކަންކަން ވަރުގަދަކޮށް ކުރިއެރުވުމަށްޓަކައި އެކުލަވާލާފައިވާ ބައިނަލްއަގުވާމީ މުއާހަދާގައި ރާއްޖޭން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

"ޗާޓަ އޮފް ދަ ކޯލިޝަން ފޮ ޑިޒާސްޓާ ރެޒިލިއަންޓް އިންފްރާސްޓްރަކްޗާ (ސީޑީއާރުއައި) ގައި ރާއްޖޭން ބައިވެރިވުމާމެދު، މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވާފައިވާ މައްސަލަ ކަމާގުޅޭ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް އިއްޔެގެ ޖަލްސާގައި ފާސްކޮށްފައިވަނީ، އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

މި ޗާޓަރަކީ، ދެމެހެއްޓެނިވި ތަރައްގީ ކަށަވަރު ކުރުމަށްޓަކައި، މޫސުމާއި ކާރިސާތަކުން އަރައިގަނެ ގައުމުތަކުގެ އުމްރާނީ ތަރައްގީގެ ކަންކަން ވަރުގަދަކޮށް ކުރިއެރުވުމަށްޓަކައި، ގައުމުތަކާއި، އދ. ގެ އެޖެންސީތަކާއި، ޕްރޮގްރާމްތަކާއި، މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި، މާލީ އިންތިޒާމްތަކާއި، ޕްރައިވެޓް ސެންޓަރުގެ އިތުރުން އިލްމީ މަރުކަޒުތައް ހިމެނޭ ގޮތުން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ ޕާޓްނާޝިޕެކެވެ.

މި ޗާޓަރުގެ މައިގަނޑު މަގުސަދަކީ، އުމްރާނީ ވަސީލަތްތަކަށް ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ފަދަ ގޮތަކަށް އެ ވަސީލަތްތައް ތަރައްގީ ކުރުމާއި، މިހާރުވެސް ގާއިމްވެފައި ހުރި އެފަދަ ވަސީލަތްތައް އެފަދައިން ބަދަލުކުރުމަށް ބާރުއެޅުމެވެ.

އެ މުއާހަދާއާ ގުޅޭގޮތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭން މި މުއާހަދާގައި ހަމައެކަނި ބައިވެރިވާންވީ ނޫން ކަމަށާއި، ރާއްޖޭން އިސްވެ މި މުއާހަދާ ބަދަލު ކުރުމަށް މަސައްކަތްކޮށް، ދުނިޔެއަށް ނަމޫނާ ދައްކަންޖެހޭ ކަމަށެވެ.