ހަބަރު

ތިމާވެށި ހިމާޔަތްކުރުމަކީ އިގުތިސޯދީ މައްސަލައެއް: ނަޝީދު

Oct 14, 2020

ތިމާވެށި ހިމާޔަތް ކުރަން ކުރާ މަސައްކަތް މިހާރު އިގުތިސޯދީ މައްސަލައަކަށްވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތް އިތުރަށް ފުޅާކުރަން ސަރުކާރަށް ގޮވާލައި، ހޯރަފުށި ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފައިވާއިރު، އެ މައްސަލާގައި ކުރިއަށްދާ ބަހުސްގެ ތެރެއިން ނަޝީދު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ގައުމުތަކުންނާއި ރައްޔިތުން ކުރަންޖެހޭ މަސައްކަތްތައް މީގެ ކުރިން އޮތީ އިންސާނުން ދުނިޔެއަށް މަދަދުވެރިވުމުގެ ކަމެއްގެ ގޮތުގައި ކަމަށެވެ.

ނަމަވެސް، ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި އެކަން އިގުތިސޯދީ މައްސަލައަކަށް ބަދަލުވެފައިވާކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ކަރަންޓު އުފައްދަން އެތެރެކުރާ ތެލުން 500 މިލިއަން އެމެރިކާ ޑޮލަރު ސަލާމަތް ކުރެވެން އެބައޮތް. އަޅުގަނޑުމެންނަށް ލިބިފައި އޮތް ގުދުރަތީ ވަސީލަތް އިރުގެ ދޯއްޔަކީ،" ތެލަށް ކުރާ ހޭދަ ކުޑަކޮށް އިއާދަކުރަނިވި ހަކަތައަށް އިސްކަންދޭންޖެހޭ ސަބަބަށް ބާރުއަޅުއްވަމުން ނަޝީދު ވިދާޅުވި އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ސަލީމް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އާދާޔާ ހިލާފަށް ފެންބޮޑުވުމާއި، އުދަ އެރުމާއި، ގާ ހުދުވުމާއި ރަށް ގިރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.

އަދި އެ ފަދަ ހާދިސާތަކާ ގުޅިގެން އެމަޖެންސީ އެހީގެ ގޮތުގައި ދައުލަތުން ކުރާ ހަރަދު އިތުރުވެފައިވާއިރު، ކަރަންޓު އުފައްދަން ތެލުގެ ގޮތުގައި އަހަރަކު 500 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރާކަމަށް ސަލީމްވެސް ފާހަގަކުރެއްވި އެވެ.

އެއާއެކު، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ދުނިޔެއަށް ނަމޫނާ ދެއްކުމަށް، އިއާދަކުރަނިވި ހަކަތައަށް އިންވެސްޓް ކުރުން އިތުރުކުރުމަށްވެސް ސަލީމް ހުށަހެޅުއްވި މައްސަލާގައި ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.