ހަބަރު

ރައްކާތެރި ތަރައްގީން ރާއްޖެއަށް ނަމޫނާ ދެއްކޭނެ: ނަޝީދު

މޫސުމަށް އަންނަ ބަދަލުތަކަށް ބަލައިގެން ތިމާވެއްޓާ ރައްޓެހި، ކާރިސާތަކުން ރައްކާތެރި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ބައިނަލްއަގުވާމީ މުޖުތަމައުއަށް ކިޔައި ދީގެން، ރާއްޖޭން މުޅި ދުނިޔެއަށް ނަމޫނާ ދެއްކިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

"ޗާޓަ އޮފް ދަ ކޯލިޝަން ފޮ ޑިޒާސްޓާ ރެޒިލިއަންޓް އިންފްރާސްޓްރަކްޗާ (ސީޑީއާރުއައި) ގައި ރާއްޖޭން ބައިވެރިވުމާމެދު، މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވާފައިވާ މައްސަލަ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން، ނަޝީދު ވިދާޅުވީ ރާއްޖޭން މި މުއާހަދާގައި ހަމައެކަނި ބައިވެރިވާންވީ ނޫން ކަމަށާއި، ރާއްޖޭން އިސްވެ މި މުއާހަދާ ބަދަލު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މި ޗާޓަރަކީ، ދެމެހެއްޓެނިވި ތަރައްގީ ކަށަވަރު ކުރުމަށްޓަކައި، މޫސުމާއި ކާރިސާތަކުން އަރައިގަނެ ގައުމުތަކުގެ އުމްރާނީ ތަރައްގީގެ ކަންކަން ވަރުގަދަކޮށް ކުރިއެރުވުމަށްޓަކައި، ގައުމުތަކާއި، އދ. ގެ އެޖެންސީތަކާއި، ޕްރޮގްރާމްތަކާއި، މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި، މާލީ އިންތިޒާމްތަކާއި، ޕްރައިވެޓް ސެންޓަރުގެ އިތުރުން އިލްމީ މަރުކަޒުތައް ހިމެނޭ ގޮތުން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ ޕާޓްނާޝިޕެކެވެ.

މި ޗާޓަރުގެ މައިގަނޑު މަގުސަދަކީ، އުމްރާނީ ވަސީލަތްތަކަށް ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ފަދަ ގޮތަކަށް އެ ވަސީލަތްތައް ތަރައްގީ ކުރުމާއި، މިހާރުވެސް ގާއިމްވެފައި ހުރި އެފަދަ ވަސީލަތްތައް އެފަދައިން ބަދަލުކުރުމަށް ބާރުއެޅުމެވެ.

އެ މުއާހަދާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ވަކި ގޮތަކަށް ހިންގަންޖެހޭއިރު، މަޖިލީހުގެ ކްލައިމެޓް ޗޭންޖް ކޮމިޓީން އެކަމާގުޅޭ އެކި ރިޕޯޓުތައް ހަދާފައިވާ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ރިއާއަތްކޮށްގެން، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ފަދަ ގޮތަކަށް މަޝްރޫއުތައް ހިންގޭނެ ގޮތްތައް މުޅި ދުނިޔެއަށް ރާއްޖޭން ކިޔައިދެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ކޮބައިތޯ ކްލައިމެޓް ރެޒިލިއެންޓް ނުވަތަ މޫސުމަށް ބަދަލު އައިސްގެން، އުމްރާނީ ވަސީލަތަށް ގެއްލުން ނުވާ ގޮތަށް ކަންކަން ކުރެވޭނީ ކިހިނަކުންތޯ. އަޅުގަނޑުމެން މި ހަދާ ބާވަތުގެ ބަނދަރުތައް ހެދީމަ ވާނީ ކިހިނެއްތޯ؟ އަދި އަޅުގަނޑުމެން ހިއްކައިގެން މި ހިންގާ އެހެން ބާވަތް ބާވަތުގެ މަސައްކަތްތައް ކުރީމަ ކިހިނެއްތޯ ވާނީ. އަދި މިހާރު އަޅުގަނޑުމެންގެ ގުދުރަތީ ވަސީލަތްތަކަށް ކޮން ގޮތްތަކެއްތޯ މިއީ މިއީ ރާއްޖޭގެ ފަރާތުން ދުނިޔެއަށް މިސާލު ދެއްކޭނެ ކަންކަން،" އެމަނިކުފާނު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ، މިހާރު މޫސުމަށް އަންނަ ބަދަލުތަކަށް ބަލާއިރު، މި މުއާހަދާއަށް ބަދަލު ގެންނަންޖެހުމަކީ އެކަށީގެންވާކަމެއް ކަމަށާއި، އެކަމަށްޓަކައި ރާއްޖޭން މަސައްކަތް ކުރެވޭނެކަމަށެވެ.