ކެބިނެޓް

އައިޔޫސީއެންގެ މެންބަރަކަށް ރާއްޖެވުމަށް ލަފާދީފި

އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން)ގެ މެންބަރަކަށް ދިވެހިރާއްޖެ ވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައި ވަނީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެންވަޔަރަންމަންޓު އިން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

އިންޓާނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) އަކީ މެމްބާޝިޕް އުސޫލުން ގައުމުތަކުގެ ސަރުކާރާއި، މަދަނީ ޖަމިއްޔާތައް ހިނެމެނޭ ގޮތަށް އުފައްދާފައިވާ ތިމާވެއްޓާބެހޭ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ޖަމިއްޔާއެވެ. އައިޔޫސީއެން ގައި ދުނިޔޭގެ 91 ގައުމުން ދައުލަތެއްގެ ހައިސިއްޔަތުން ބައިވެރިވެފައިވާއިރު 170 ގައުމުން 1400 އަށްވުރެ ގިނަ ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ބައިވެރިވެފައެވެ.

ދުނިޔޭގެ ގުދުރަތީ މާހައުލާއި އެ މާހައުލުގައިވާ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ އައިޔޫސީއެން އަކީ ބައިނަލްއަގްވާމީ ގޮތުން ދުނިޔޭގެ ގިނަ ގައުމުތަކުން ބަލައިގަންނަ މަޝްހޫރު ތަޖުރިބާކާރު ޖަމިއްޔާއެކެވެ.

އައިޔޫސީއެންގެ އިސްނެންގެވުމުގެ މަތީން ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމުގައި މިހާތަނަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެހެންކަމުން ދިވެހިރާއްޖެއިން އައިޔޫސީއެން ގައި ބައިވެރިވުމުގެ ސަބަބުން ދުނިޔޭގައި ދިރޭތަކެއްޗާއި މާހައުލުތައް ހިމާޔަތް ކުރުމަށް މަސައްކަތްކުރާ އެކިއެކި ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް "ޕާޓްނާޝިޕް" ތައް ގާއިމުކުރުމަށް މަގުފަހިވެގެން ދާނެއެވެ. މީގެ އިތުރުން އެކިއެކި ނެޓްވާކްތަކަށް ތައާރަފުވެވި އޭގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިގޮތުން ފަންނީ މައުލޫމާތު ހިއްސާކުރުމާއި ތަޖުރިބާ ހިއްސާކުރުމަކީ ދިވެހިރާއްޖެއަށް އޭގެ ސަބަބުން މަންފާ ލިބިގެންދާނެ ކަންކަމެވެ.