ހަބަރު

ސިންގަލް ޔޫސް ޕްލާސްޓިކާ ގުޅޭގޮތުން ހިޔާލު ހޯދަނީ

ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާއި ގުޅޭ ޕްލޭނަށް އާންމުންގެ ހިޔާލު ހޯދުމަށް އޮންލައިން ވެބިނާ އެއް ބާއްވަން ނިންމައިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ސިންގަލް ޔޫސް ޕްލާސްޓިކުން ދިވެހިރާއްޖޭގެ ވެއްޓާއި އިގްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުން އިސްނަގައިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކް 2023 ވަނަ އަހަރުގެ ނިޔަލަށް ފޭސްއައުޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިކަން އިއުލާން ކުރެއްވީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އ.ދ. ގެ 74 ވަނަ އާއްމު ބައްދަލުވުމުގެ ހަވާސާގެތެރެއިން ބޭއްވި ކްލައިމެޓް ސަމިޓުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ދެއްވި ތަގުރީރެއްގަ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ލަނޑުދަނޑި ހާސިލު ކުރުމަށްޓަކައި، ސިންގަލް ޔޫސް ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ބޭނުން ކުރުން ހުއްޓާލުމަށްޓަކައި، މިހާރު ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ކުރުމުގެ ޑްރާފްޓް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. މި ޕްލޭން އެކުލަވާލާފައިވަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި، މަދަނީ ޖަމިއްޔާތަކާއި ވިޔަފާރިތައް އަދި ގުޅުންހުރި އެހެނިހެން ފަރާތްތަކުގެ މަޝްވަރާއާއި ހިޔާލު ހޯދައި އެއްކޮށްގެން ކަމަށާއި އަދި ގުޅުން ހުރި ފަރާތްތަށް ޝާމިލު ވާގޮތަށް މި މަސައްކަތް ކުރިޔަށް ގެންދަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އިން ކަނޑައަޅާފައިވާ 11 ބޭފުޅުންގެ ކޮމިޓީއެއްގެ ލަފާގެ މަތިންނެވެ.

މި ޕްލޭނަށް އާންމުންގެ ހިޔާލު ހޯދުމަށް ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުން، ކޮވިޑް-19 ގެ ރޯގާ އާއި ގުޅިގެން ބާއްވަން ހަމަޖެހިފައިވަނީ އާއްމުންނަށް ހުޅުވާލައިގެން އޮންލައިންކޮށް ވެބިނާއެއްގެ ގޮތަށް މިމަހުގެ 19 ވަނަ ދުވަހުގެ ހަވީރު 16:30 ގައި ކަމަށާއި މި ވެބިނާގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން www.tinyurl.com/y2j4wwrs ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލެވޭ ޕްލާސްޓިކް ރާއްޖެ އެތެރެ ކުރުން މަނާ ކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ ތެރޭގައި ވަނީ ފާސްކޮށްފަ އެވެ.

އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލެވޭ ޕްލާސްޓިކް އެތެރެކުރުން މަނާ ކުރުމަށް މަޖިލީހުން މީގެ ކުރިން ކްލައިމެޓް އެމަޖެންސީއެއް ރާއްޖޭގައި އިއުލާން ކުރާ ގޮތަށް ގަރާރެއް ވެސް ފާސްކުރި އެވެ. އެ ގަރާރުގައިވަނީ 2015 ވަނަ އަހަރުން ފެށިގެން އެ ބާވަތްތައް އެތެރެކުރުން މަނާކުރުމަށެވެ. އެ ގަރާރަކީ ރާއްޖޭގެ 17 ސްކޫލެއްގެ ދަރިވަރުން މަޖިލީހަށް ހުށަހެޅި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަށް ފަހު ފާސްކުރި ގަރާރެކެވެ.