ސްކޮޓްލޭންޑްގެ ގްލާސްގޯގައި އަންނަ އާދީއްތަ ދުވަހު ފަށާ މޫސުމާ ބެހޭ އެންމެ ބޮޑު ސަމިޓް، ކޮންފަރެންސް އޮފް ދަ ޕާޓީ (ކޮޕް) 26 ގައި ރާއްޖެއަށް މާލީ އެހީ ހޯދަން މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކޮޕް ސަމިޓްގައި ރާއްޖޭގެ ފަރާތުން ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީ ހޯދަން މަޖިލީހުގެ މެމްބަރުން ވެސް އެދިވަޑައިގެންފައިވާތާީ ކޮޕް ސަމިޓްގައި އެ މަސައްކަތް ކޮށްދެއްވާނެ ކަަމަށެވެ.
މޫސުމީ މައްސަލަތައް ހައްލު ކުރުމަށް އެކި ގައުމުތަކަށް 100 ބިލިއަން ޑޮލަރު ދިނުމަށް ތަރައްގީވެފައިވާ ގައުމުތަކުން 2009 ވަނަ އަަހަރު އެއްބަސްވި ނަމަވެސް ގައުމުތަކުން އެއްބަސްވި ގޮތަށް އަމަލު ކޮށްފައި ނުވާ މައްސަލަ ވެސް ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.
"މި [ކޮޕް 26] ބައްދަލުވުމަށް އަޅުގަނޑުމެން ދާއިރު ވެސް [އެއްބަސްވި ވަރަށް އެހީ ނުލިބޭ]. އެހެން ނަމަވެސް މިދެންނެވިހެން ރައީސުލްޖުމްހޫރިޔާ ވެސް އަޅުގަނޑުމެން ދެ މީހުންނަށް ވީމިންވަރަކުން ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލު ކަމަށް ދިވެހިރާއްޖެއާއި އަދި އެހެންވެސް ތިމާވެއްޓަށް ނާޒުކު ރަށްތަކަށް ހުރި މިންވަރު އިރާދަކުރެއްވިއްޔާ ފާހަގަކޮށްދޭނަން" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ރައީސް ނަޝީދު ހުންނެވި ދުވަސްވަރު ވެސް ކޮޕް ސަމިޓްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންފައިވެ އެވެ. އެކަމަކު ރާއްޖޭގެ ރައީސްއަކު އެ ސަމިޓަށް މިފަަހަރު މިވަޑައިގަންނަނަވަނީ 12 އަހަރުގެ މެދުކެނޑުމަކަަށް ފަހު އެވެ.
އެންވަޔަަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވި ގޮތުގައި ކޮޕް ސަމިޓްގައި ތިން ކަމަަކަށް ރާއްޖެއިން ވަކާލާތު ކުރާނެ އެވެ. އެގޮތުން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ އަދަދު މަދުކޮށް ދުނިޔެ ހޫނުވަމުން އަންނަ މިންވަރު 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ފައިނޭންސް އިތުރުކުރުމާއި އަދި މޫސުމީ ބަދަލުތަކުން ގައުމުތަަކަށް ލިބޭ ގެއްލުމަށް ބަދަލު ހޯދުން ހިމެނެ އެވެ.