ޔޫއެން

ރާއްޖެއަކީ ދުނިޔޭގެ ކުނިގޮނޑަށް ނުހަދާ: އެޗްއާރްޑަބްލިއު

ރާއްޖެއަށް ކުނި އެތެރެ ކުރުމުގެ ހުއްދަ ލިބޭ ގޮތަށް އޮތް ކުނި މެނޭޖް ކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމުގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ ކުނިގޮނޑަށް ވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ބުނެފި އެވެ.

އެޗްއާރްޑަބްލިއުއިން ބުނީ ކުނި މެނޭޖު ކުރުމަށް ހެދި އާ ގާނޫނުގެ ސަބަބުން ރާއްޖެއަށް ކުނި އިމްޕޯޓްކުރުމަށް ވަރަށް ބޮޑަށް ދޮރު ހުޅުވި މަގުފަހިވެފައިވާ ކަމަށެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވަރަށް އަވަސް އަރުވާލާފައި ކަމަށާއި ތިމާވެއްޓާ ބެހޭ ޖަމިއްޔާތަކުގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.

"ވަރަށް ގިނަ ފަރާތްތަކުން ރައީސް ސޯލިހަށް ދެންނެވި ބިލު ތަސްދީގު ނުކުރަން. ނަމަވެސް ސަރުކާރުން ބިލު ދިފާއުކުރުމަށްޓަކައި ބުނަނީ ކުނި ބޭނުންކޮށްގެން ހަކަތަ އުފެއްދޭނެ ކަމަށް،" އެޗްއާރްޑަބްލިއުއިން ބުނެފައިވެ އެވެ.

ކުނިން ހަކަތަ އުފެއްދުނު ކަމުގައިވިޔަސް މީގެ ސަބަބުން ތިމާވެއްޓަށް ވަރަށް ގިނަ ގެއްލުންވާނެކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ރާއްޖޭގެ ތާރީހުގައި ކުރީގެ ސަރުކާރުތަކުންވެސް ތިމާވެއްޓާ ބެހޭ ކަންބޮޑުވުންތަކަށް އަޅާނުލާ ހުރިކަން ފެންނަން ހުރިކަމަށް ވަނީ ބުނެފަ އެވެ.

އދ ގެ ހިއުމަން ރައިޓްސް ކައުންސިލުގެ އަންނަ އަހަރުގެ ދައުރުގައި ރާއްޖެއަށް ވަނީ ގޮނޑިއެއް ކާމިޔާބުވެފަ އެވެ. މި ގޮނޑި ކާމިޔާބުވުމުން ސަރުކާރުން ވަނީ ތިމާވެއްޓައި ބެހޭ މައްސަލަތަކަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

އެޗްއާރްޑަބްލިއުއިން ބުނީ ރާއްޖޭގެ ސަރުކާރުން ތަސްދީގުކުރި މި ބިލުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓާ ބެހޭ މައްސަލަތަކުގައި ރާއްޖެއިން ބުނާ ބަސްތަކުގެ އިތުބާރު ގެއްލޭނެ ކަމަށެވެ. އަދި ކުނި އިމްޕޯޓު ކުރުމަށް ހިތްވަރު ދިނުމަށްވުރެ ރައީސް ސޯލިހަށް ފައިދާ ވާނީ ކުނި މަދުކޮށް ނައްތާލާ ގައުމަކަށް ރާއްޖެ ހެދުން ކަމަށެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ހުއްދަ ނަގައިގެން ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ ލިބޭ ކުނި މެނޭޖުކުރުމާ ބެހޭ ބިލު ރައީސް ސޯލިހު ތަސްދީގު ކުރެއްވީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހް މީގެ ކުރިން ވިދާޅުވީ ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތަށް އެ ބިލުގައި އޮތް މާއްދާއަށް ތާއީދު ނުކުރާ ކަމަށެވެ. އަދި މަޖިލީހުގެ އާ ދައުރު ފެށުމާއިއެކު އިސްލާހުކުރުމަށް ހުށަހަޅާނެ ކަމަށެވެ.