މި ސަރަހައްދުގެ ހުރިހާ ސަރުކާރުތަކެއްގެ މުސްތަގުބަލުގެ މެނިފެސްޓޯތަކާއި ސިޔާސަތުތައް ބައްޓަންކުރަންޖެހޭނީ ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓެނެވި ތަރައްގީ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭނެ ގޮތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ނުވަތަ "ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް" (އެސްޑީޖީ) އާ ގުޅޭގޮތުން ދެކުނު އޭޝިއާގެ މަޖިލީސްތަކުގެ ރައީސުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އަސާސީ ހައްގުތައް ކަށަވަރުވާ ތާހިރު ދިރިއުޅުމެއް މި ސަރަހައްދުގެ ހުރިހާ ގައުމުގެ ރައްޔިތުން ބޭނުންވާ ކަމަށެވެ.
"ރައްޔިތުން ބޭނުންވަނީ ހަމަހަމަކަމާއި އިންސާފު. އެމީހުން ބޭނުންވަނީ އެ މީހުންގެ ވޯޓުން އިންތިހާބު ކުރި މީހުން ވެރިކަން ކުރަން. ހެޔޮ ވެރިކަމެއް ކޮށްދޭން،" ނަޝީދު ވިދާޅުވި އެވެ.
ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކުން ހާސިލްކުރަން މަގުފަހިކޮށްދެނީ ރައްޔިތުން އެދޭ އެފަދަ ތަރައްގީ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މަޖިލީހުގެ ރައީސުންގެ ޖަމިއްޔާކަމަށްވާ އިންޓާ ޕާލިމަންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ މައިގަނޑު އަސާސަކީ ޑިމޮކްރެޓިކް ވެއްޓެއްގެ ތެރެއިން ހެޔޮވެރިކަމެއްގެ އުސޫލުތައް ކަމަށްވާއިރު، ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރެވޭނީ ހެޔޮވެރިކަމެއްގެ ތެރެއިން ކަން ނަޝީދު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ވެރިކަމަށް އަންނަނީ މެނިފެސްޓޯގެ ތެރެއިން ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވަމުން. ވެރިކަމަށް އާދެވޭނީ ރައްޔިތުން އެ މެނިފެސްޓޯ ބަލައިގަންނަ މިންވަރުގެ މައްޗަށް ބިނާކޮށް. އަދި އެ މެނިފެސްޓޯ ހަގީގަތަކަށް ހެދުމުގައި ގާނޫނު ހަދާ މަޖިލީހުގެ ދައުރު ވަރަށް މުހިންމު،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އިތުރަށް ވިދާޅުވީ މި ބައްދަލުވުމުގެ ބޭނުމަކީ 2030 ވަނަ އަހަރުގެ އެސްޑީޖީ އެޖެންޑާއަށް މަޝްވަރާކުރުން ކަމަށްވާއިރު، މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ލިބެމުންދާ ގެއްލުންތަކުގެ އިންޒާރުތައް ސައިންސްވެރިން ދެމުން އަންނަ ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ މުސްތަގުބަލު ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައިވާ ކަމަށާއި ތިމާވެށި ހިމާޔަތްކުރުމުގެ ވިސްނުމެއްގެ ތެރެއިން ބޭނުންވާ މިންވަރަށް އިގުތިސޯދާއި ގައުމު ތަރައްގީ ކުރުމަކީ ސިޔާސީ ބޭފުޅުންނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަން ނަޝީދު ފާހަގަކުރެއްވި އެވެ.
"ކުރިއަށް އޮތް އަހަރުތަކުގެ އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ސުވާލަކީ، ތިމާވެއްޓަށް ކުރާ ގެއްލުންތައް ކުޑަކޮށްގެން ތަރައްގީ ހާސިލްކުރެވޭނެ ގޮތެއް އަޅުގަނޑުމެންނަށް ހޯދޭނެތޯ،" ނަޝީދު ވިދާޅުވި އެވެ.
އިއާދަކުރަނިިވި ހަކަތަ ދަލުވުމަށް ރާއްޖޭގައި އެމަނިކުފާނު މަަސައްކަތް ފެއްޓެވުމުން އޭރު މީހުން އެއީ "މޮޔަ ކަމެއް" ކަމަށް ބުނި ކަމަށާއި އެހެން ނަމަވެސް އެއީ ކޮންމެ ހާލަތެއްގައި ވެސް އެންމެ އަގު ހެޔޮ ހަކަތަކަން މިހާރު އެނގިފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެހެންކަމުން، ދެމެހެއްޓެނެވި ތަރައްގީ ހާސިލްކުރުމުގައި ސަރަހައްދުގެ ހުރިހާ ގައުމުތަކެއް މެނިފެސްޓޯގައި ތިމާވެއްޓަށް ގެއްލުންކުޑަވާނެ ގޮތްތަކަށް އެ މެނިފެސްޓޯތައް ފަރުމާ ކުރަން ނަޝީދު ގޮވާލެއްވި އެވެ.
ރާއްޖެއާއެކު ސަރަހައްދުގެ ހަތް ގައުމެއްގެ މަޖިލީހުގެ ރައީސުންނާއެކު އަންގާރަ ދުވަހުގެ ނިޔަލަށް ބާއްވާ އެ ސަމިޓްގައި މިއަދު ދެން އޮތް ސެޝަނުގައި އޮންނާނީ ސަސްޓެއިނަބުލް ޑިވެލޮޕްމެންޓް ގޯލްސް ހާސިލުކުރުން އަވަސް ކުރުމަށް ގައުމުތަކުގެ ޕާލަމެންޓްތަކުން ކޮށްފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމެވެ.
އެ ސެޝަނުގެ ރިޔާސަތު ބަލަހައްޓަވާނީ އިންޓަޕާލަމެންޓްރީ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް މާޓިން ޗުންގޮން އެވެ.