ރަށްރަށުން ކަނޑަށް ދޫކުރާ ނަޖިސްތައް "ޓްރީޓް" ކުރަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގެ މެންބަރުން ދެއްކެވި ބައެއް ވާހަކަފުޅުތަކާ ގުޅިގެންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ފެނާއި ނަރުދަމާގެ ނިޒާމު ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމާޒަކީ ރިޔާސީ މި ދައުރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި އެ ނިޒާމުތައް ގާއިމްކޮށް ނިންމުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ފެނާއި ނަރުދަމާގެ ނިޒާމު ހުރިހާ ރަށެއްގައި ގާއިމުކުރުމުން އެ މައްސަލަ އަށް އަދި ދާއިމީ ހައްލެއް ނުލިބޭ ކަމަށާއި ނަރުދަމާ ނިޒާމުގެ ގާއިމުކުރެވޭ ގޮތުގެ ސަބަބުން ނިކުންނާނެ އިތުރު މައްސަލަތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި ނަރުދަމާގެ ނިޒާމު ގާއިމުކުރަނީ ރާއްޖޭގެ ކަނޑުތަކަށް ނަޖިސް ބޭރުވާ ގޮތަށް ކަމަށެވެ. އޭރުން ކުރިއަށް އޮތް ދެ ތިން އަހަރުގެ ތެރޭގައި ނިކުންނަ މައްސަލަތަކެއް ހުންނާނެ ކަމަށާއި އެ މައްސަލަތައް ހައްލުކުރަން ޖެހޭ ކަމަށެވެ.
"އެ [ނަޖިސް] ބޭރުވާވުން ޓްރީޓްވެގެން ބޭރުވާ ނަޖިހަށް ވުމަކީ ވަރަށް ބޭނުންތެރިކަމެއް. މަސްވެރިކަމަށް މީގެން އަންނާނެ ބަދަލު. ފަރުތަކަށް އަންނާނެ ބަދަލު. އެއީ މާލެއަށް ދިމާވެފައި މި އޮތް ގޮތުން އަޅުގަނޑުމެންނަށް މިހާރު ތަސައްވަރުކުރެވި އެކަމާ ގުޅޭ ގޮތުން ވިސްނުން ގެންގުޅެން ވާނެ ކަމެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅަށް ތާއިދުކުރައްވައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވެސް މިއަދު ވިދާޅުވީ ބޭރުވާ ނަޖިސް ޓްރީޓް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ހާއްސަކޮށް އަޅުގަނޑުމެންގެ ތިމާވެއްޓަކީ ވަރަށް ނާޒުކު ތިމާވެއްޓަކަށްވާ އިރު އަދި އަޅުގަނޑުމެންގެ ވަަށައިގެންވާ ކަނޑުތަކާއި ފަރުތައް ތަޣައްޔަރުވާން ވެއްޖެނަމަ އޭގެ ނޭދެވޭ އަސަރު ޒަމާންތަކެއް ވަންދެން ކުރާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ ނަރުދަމާ ނިޒާމުތައް ގާއިމްކުރަމުންދާ އިރު ނަޖިސް ޓްރީޓްކުރަން ޓްރީޓްމަންޓް ޕްލާންޓްތައް ވެސް ގާއިމުކުރުން ވަރަށް މުހިންމު ކަމަށެވެ.
"އެހެންވީމާ ނަރުދަމާގެ ނިޒާމުތައް އަލަށް ގާއިމުކުރެވޭ އިރު ތަންކޮޅެއް ބޮޑު ހަރަދެއް ދިޔަ ކަމުގައި ވިޔަސް އަދި އެ ނިޒާމު ހިންގުމުގެ ހަރަދު ބޮޑު ކަމުގައި ވިޔަސް ފަރުތަކާއި ކަނޑުތަކާއި ދިރުންތައް ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އެޅިފައި އޮތުމަކީ އަޅުގަނޑުމެން ފަހުން ކުރަން ޖެހޭ ބޮޑު ހަރަދާއި އެއިން ލިބޭ ގެއްލުމުން ސަލާމަތްވުމަށް އެޅޭ ފިޔަވަޅަކަށް ވާނެ،" ޝަރީފް ވިދާޅުވި އެވެ.