ރައްޔިތުންގެ މަޖިލިސް

ޖަލްސާ ނިންމާލީ ގަވާއިދާ އެއްގޮތަށް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ނިންމާލީ ގަވާއިދާ އެއްގޮތަށް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކުރުމާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޓެކްސް ބޮޑުކުރާ ބިލް ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސްކުރަން ހުޅުވާލި އެވެ. ނަމަވެސް އެއްވެސް މެންބަރަކު ރިޕޯޓަށް ބަހުސްކުރަން އެދިވަޑައި ނުގެންނެވުމުން އެކަން ފާހަގަކުރައްވާ އެވަގުތު ރިޔާސަތުގައި އިންނެވި ހަސަން އަފީފް ވިދާޅުވީ ބިލަށް ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ނެތް ކަމަށެވެ.

އެއަށްފަހު ވަނީ ޖަލްސާ ނިންމަވާލައްވާފަ އެވެ. ނަމަވެސް އެވަގުތު މަޖިލީހުގައި ތިއްބެވި މެންބަރުންގެ އަދަދު ވިދާޅެއް ނުވެ އެވެ.

ހަސަން އަފީފް ދިފާއުކުރައްވާ ރައީސް ނަޝީދު މިއަދު ވިދާޅުވީ ޖަލްސާ ނިންމަން އޮތީ އެންމެ ގޮތެއް ކަމަށާއި އެއީ ހަމްދު ކިޔުމަށްފަހު މަޖިލިސް ނިމުނީ ކަމަށް ރިޔާސަތުން ވިދާޅުވެ ޖަލްސާ ނިންމިކަން އިއުލާނު ކުރެއްވުން ކަމަށެވެ.

ނަޝީދު ވިދާޅުވީ ވޯޓަށް އެހުމުގެ ކުރިން ތިންވަނަ ކިޔުން ކިޔާނެ ކަމަށާއި ތިންވަނަ ކިޔުން ނުކިޔާތީ އިއްޔެ ވޯޓަށް އެހުމުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ މައްސަލައެއް ނެންގެވުމަށްފަހު މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ އިއްޔެގެ ޖަލްސާގައި ހަސަން އަފީފް ރިޔާސަތުގައި އިންނަވައިގެން ތިން ގޯހެއް ހެއްދެވި ކަމަށެވެ. އެގޮތުން ކޯރަމް ހަމައަށް އޮވެ، ކޯރަމް ނެތް ކަމަށް ވިދާޅުވި މައްސަލަ ޝަރީފް ފާހަަގަކުރެއްވި އެވެ.

ޝަރީފުގެ ވާހަކަ ހުއްޓުވުމަށްފަހު ނަޝީދު ވިދާޅުވީ އިއްޔެގެ މަޖިލީހުގެ ރިޔާސަތުގައި މެންބަރު ޝަރީފް އިށީނދެވަޑައިގަތް މަންޒަރު ފެނިވަޑައިގަތް ކަމަށެވެ. އެއީ ގަވާއިދާއި އުސޫލުތަކާއި ހިލާފު ކަމެއް ކަމަށް ނަޝީދު ވަނީ ޝަރީފަށް ހަނދާންކޮށްދެއްވާފަ އެވެ. ނަޝީދު ވިދާޅުވީ މަޖިލީހުގެ ރިޔާސަތަކީ މެންބަރުންގެ ވޯޓަކުން ކަނޑައަޅާ ކަމެއް ކަމަށެވެ.

ޓެކްސް ބޮޑުކުރުމުގެ ބިލަށް ވޯޓަށް އެހުމަށް ކޯރަމް ނެތް ކަމަށް ވިދާޅުވެ އިއްޔެގެ ޖަލްސާ ނިންމާލިއިރު ބައެއް މެންބަރުން ވިދާޅުވަމުން ގެންދެވީ އިއްޔެގެ ޖަލްސާގައ ކޯރަމް އޮތް ކަމަށެވެ.

ޖީއެސްޓީ ބޮޑުކުރަން ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.

ސަރުކާރު ހުށަހަޅާފައިވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތަ އަށް ބޮޑު ކުރުމަށެވެ.

ބިލުގެ ކޮމިޓީ މަރުހަލާގައި މަޓީ، މަޓާޓޯ އަދި ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ޓެކްސް ބޮޑުކުރަން ދެކޮޅު ހަދާފަ އެވެ.

ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން އިސްލާހު ފާސްކުރީ 50 މެންބަރުންގެ ތާއީދާއެކު އެވެ. ކޮމިޓީގައި މިއިސްލާހު ފާސްކުރަން ދެކޮޅު ހެއްދެވީ 19 މެމްބަރުންނެވެ.