ރައްޔިތުންގެ މަޖިލިސް

ދައުރުން ބޭރު ދެވަނަ ޖަލްސާ ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ދެވަނަ ޖަލްސާ ހޯމަ ދުވަހަށް އެޖެންޑާކޮށްފި އެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރާ ގޮތަށް ގެނެވޭ ބަދަލާގުޅޭ މައްސަލަ އާއި ދުވަހުގެ މަސައްކަތުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމަށް ދައުރުން ބޭރުގައި މިދިޔަ ހޯމަ ދުވަހުގެ ޖަލްސާއެއް ބޭއްވި އެވެ. ނަމަވެސް އެ ޖަލްސާގައި އެއްވެސް ކަމެއް ކުރިއަށް ނުގެންގޮސް ޖަލްސާ ނިންމާލި އެވެ.

"ދަ ޑިމޮކްރެޓްސް"އަށް ނިސްބަތްވާ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފްގެ ރިޔާސަތުގައި އިންނަވާ ފެށި އެ ޖަލްސާގެ އެޖެންޑާގައި ހިމެނެނީ މައިގަނޑު ދެ ކަމެކެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި އެޖެންޑާގައި އޮތީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެންބަރުން ތަމްސީލް ކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލައިގައި ގޮތެއް ނިންމުމެވެ. ދެވަނަ ކަމަކަށް އޮތީ ދުވަހުގެ މަސައްކަތުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ. ނަމަވެސް އެޖަލްސާ ނިންމާލުމާ ގުޅިގެން ދެވަނަ މަސައްކަތުގެ ގޮތުގައި ވޯޓަށް އަހާނެ މައްސަލައެއް މަޖިލީހުގެ އެ ޖަލްސާގައި ނެތެވެ.

އެ ޖަލްސާ ފެށުމަށްފަހު ހަސަން އަފީފް ވިދާޅުވީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް ރިޕޯޓް އެކުލަވާލި ފަހުން އެމްޑީޕީން ދެ މެންބަރުން ވަކިވެވަޑައިގެންފައިވާ ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މައްޗަށްގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އެވެ.

އަފީފް ވިދާޅުވީ މި ދެ މެންބަރުން އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެން ކޮމިޓީތަކަށް މެންބަރުން ބެހިގެންދާ ނިސްބަތަށް ބަދަލުތަކެއް އަންނާނެތީވެ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރެވޭނީ އެ ރިޕޯޓް އަލުން މެންބަރުންނަށް ފޮނުވާ، އިސްލާހު ހުށަހެޅުމަށް ފުރުސަތު ދިނުމަށްފަހު އެވެ. އެހެން ވިދާޅުވުމަށްފަހު ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ދުވަސް އިއުލާން ކުރެއްވުމެއްނެތި އަފީފް ވަނީ ހޯމަ ދުވަހުގެ ޖަލްސާ ނިންމަވާލައްވާފަ އެވެ. ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން އެމްޑީޕީގެ މެންބަރުން ގެންދެވީ ނިޒާމީ މައްސަލަ ވެސް ނަންގަވަމުންނެވެ. ނަމަވެސް ނިޒާމީ މައްސަލައަށް އަފީފް ފުރުސަތު ދެއްވާފައެއް ނުވެ އެވެ.

ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން އަފީފް ވަނީ މަޖިލީހުގައި މެންބަރުން ތަމްސީލް ކުރާ ގޮތަށް އައި ބަދަލުތައް ވެސް އިއުލާންކުރައްވާފަ އެވެ.

މެންބަރުން ބެހިފައިވާ ގޮތް

  • އެމްޑީޕީ - 54 މެންބަރުން
  • އަމިއްލަ - 18 މެންބަރުން
  • ޕީޕީއެމް - 5 މެންބަރުން
  • ޕީއެންސީ - 3 މެންބަރުން
  • އެމްއެންޕީ - 3 މެންބަރުން
  • ޖެޕީ - 2 މެންބަރުން
  • އެމްޑީއޭ - 2 މެންބަރުން

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލަން ޖެހުނީ އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ކުރިން ތިއްބެވި 13 މެންބަރަކާއި އަދި ފަހުން އިތުރު ދެ މެންބަރަކު އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެން ކޮމިޓީތަކަށް މެންބަރުން ބެހިގެންދާ ނިސްބަތަށް ބޮޑު ބަދަލެއް އައުމާ ގުޅިގެންނެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ ކޮމިޓީތަކަށް މެންބަރުން ކަނޑައަޅާނީ މަޖިލީހުގައި ޕާޓީތަކަށް ގޮނޑި ލިބިފައިވާ އަދަދަށް ބަލައިގެންނެވެ. އަދި މަޖިލީހުގެ 241 ކޮމިޓީއަށް މެންބަރުން ކަނޑައަޅަނީ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކެއް އަދި އަމިއްލަ މެންބަރުން ހިމެނޭ ގޮތަށެވެ.