ހަބަރު

ނަޝީދު، ޝަރީފަށް: ހުތުރުކޮށް ނޫޅެން 100 ފަހަރު ލިޔޭ!

ރައްޔިތުންގެ މަޖިލީހުގެ ނިޒާމު ހިންގަވަން ދަތިވާ ގޮތަށް ހުތުރުކޮށް ނޫޅޭނެ ކަމަށް 100 ފަހަރު ލިޔަން މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އަށް ކުރީގެ ރައީށް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނު މަޖިލީހުގައި އަމަލު ކުރައްވާ ގޮތައް ޝަރީފް ފާޑުވިދާޅުވުމާ ގުޅިގެނެވެ. އެގޮތުން ރައީސް ނަޝީދު އަމަލު ކުރައްވާ ގޮތުން މަޖިލީހަށް ހާޒިރުވެވަޑައިގެން އިންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދައްކަވާ ވާހަކައާއި ސަރުކާރުގެ ސިޔާސަތު އޮތް ގޮތް އޮޅުން އަރާ ކަމަށާއި މިނިސްޓަރު ޖަވާބު ދެއްވާއިރު މެދުކަނޑާލުމާއި ވާހަކަ ނުހުއްޓުވުމަށް ރައީސް ނަޝީދު ކިބައިން ޝަރީފް އެދިވަޑައިގަތެވެ.

އެ ހިސާބުން ރައީސް ނަޝީދު މަސައްކަތް ކުރެއްވީ ޝަރީފްގެ ވާހަކަ ވެސް ހުއްޓުވާށެވެ. ނިޒާމީ ނުކުތާއެއް ކަމުން އެ ވާހަކަ ކޮންމެ އިރެއްގައި ވެސް މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ހުއްޓުވޭނެ އެވެ. ނަމަވެސް ވާހަކަ ހުއްޓާލަން ނަޝީދު އެންގެވުމުން ވެސް ޝަރީފް ގެންދެވީ އަޑުގަދަ ކުރައްވައި ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވަމުންނެވެ.

ފަހުން މެންބަރު ޝަރީފް އަޑުގަދަ ކުރުން ހުއްޓާލުމުން ވަޒީރާ ސުވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ. އެ ވަގުތުގެ ތެރޭގައި ނަޝީދު ގެންދެވީ ޝަރީފް ދެއްކެވި ވާހަކަތަކަށް ދޭތެރެ ދޭތެރެއިން ރައްދު ދެއްވަމުންނެވެ. އެ ގޮތުން ރިޔާސަތުގައި އިންނަވާ އެހެން ބޭފުޅުންނާއި އެމަނިކުފާނު ތަފާތު ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބައެއް މެންބަރުންގެ ސުވާލުތަކަށް އަސްލަމް ޖަވާބު ވެސް ދެއްވި ފަހުން ރައީސް ނަޝީދު ވިދާޅުވީ، މިއަދުގެ ޖަލްސާގައި މެންބަރު ޝަރީފް އުޅުއްވީ ވަރަށް "ހުތުރުކޮށް" ކަމަށެވެ. އެހެންކަމުން މަޖިލީހުގައި "ހުތުރުކޮށް ނޫޅޭނެ" ކަމަށް 100 ފަހަރު ލިޔަން ޝަރީފްއަށް އަންގާ ކަމަށް ރައީސް ނަޝީދު ވިދާޅުވެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު އެފަދަ ކަންކަމަށް މެންބަރުންނަށް މަޖިލީހުގެ ރައީސްއަށް އެންގޭނެ ކަމަށް މަޖިލީހުގެ ގަވާއިދަކު ނޯވެ އެވެ. ނަޝީދު އާންމުކޮށް އެ ގޮތަށް ވިދާޅުވަނީ ސަމާސާއަށް ކަމަށް އެމްޑީޕީ ބައެއް މެންބަރުން ވިދާޅުވެފައިވެ އެވެ.

އެހެންވިޔަސް މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ ބައެއް އެހެން މެންބަރުންނަށް ވެސް ސްކޫލް ދަރިވަރުންނަށް ޓީޗަރުން ދޭ ފަދަ އަދަބުތަކާ އެއް ގޮތްވާ ގޮތުގެ ކަންކަން ކުރަން އަންގައިފަ އެވެ. އެއަށް އެ މެންބަރުން މިހާތަނަށް އަމަލު ކުރައްވާފައެއް ވެސް ނުވެ އެވެ.