ރައީސް މުހައްމަދު ނަޝީދު

މަޖިލީހަކީ މަސް ކައްކާ ތަނެއް ނޫން، ނެތް ބާރެއް ނުނަގަން: ނަޝީދު

ރައްޔިތުންގެ މަޖިލީހަށް ނެތް ބާރުތައް ނަގައިގެން މަޖިލިސް ހިންގަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ރައްދު ދެއްވައި، މަޖިލީހަށް ނެތް ބާރުތަކެއް ނުނަގާ ކަމަށް އެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދަނީ ކުޅިވަރު ގާނޫނާ އެއް ގޮތަށް ސްޕޯޓްސް މިނިސްޓްރީން އެފްއޭއެމްއަށް ފިޔަވަޅު އަޅާފައި ނުވާތީ އެ މައްސަލަ ބަލައިދިނުމަށް އެދި މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގެ ބަހުސެވެ.

މި ބަހުސަށް ފުރަތަމަ ވާހަކަ ދެއްކެވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވާހަކަފުޅު ދެއްކެވީ މަޖިލިސް ހިންގަމުންދާ ގޮތާ މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މަޖިލީހުން ޝަރުއީ ބާރުތައް ނަގައިގެން މައްސަލަތައް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފްގެ ވާހަކަތަކަށް މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ރައްދު ދެއްވި އެވެ. ވިދާޅުވީ މަޖިލީހަކީ "މަސް ކައްކާ ތަނެއް ނޫން" ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާ ކަންކަމަކީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި މަޖިލީހުގެ ގަވާއިދުގައި މަޖިލީހަށް މަތިކޮށްފައިވާ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި މަޖިލީހަކީ މަސް ކައްކާ ތަނެއް ނޫން، މިއީ ދިވެހިރާއްޖޭގެ ގާނޫނު ހަދާ ތަން، މިއީ ދިވެހި ސަރުކާރު ޖަވާބުދާރީ ކުރުވާ ތަން، މިއީ ރާއްޖޭގެ އެހެން މުއައްސަސާތައް ވެސް ޖަވާބުދާރީ ކުރުވާ ތަން، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް މި ގޭގައި ކުރާ މަސައްކަތް ބަޔާންކޮށްފައިވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މައްސަލަތައް ތަހުގީގު ކުރުމާއި ޝަރީއަތް ހިންގަމުންދާ ކަމަށް ބުނެ ގިނަ ފާޑުކިއުންތަކެއް މަޖިލީހަށް އަމާޒުވެފައިވެ އެވެ. އަދި ވެރިކަން ކުރުމުގެ ބާރުގައި ހިމެނޭ އެގްޒެކެޓިވް ކަންކަން ވެސް މަޖިލީހަށް ޖަމާ ކުރަމުންދާ ކަމަށް ބުނެ ފާޑުކިއުންތައް އަމާޒުވެފައިވެ އެވެ.