ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހުރި ނެގުމަށް ނަގާ ވޯޓުގައި ދަ ޑިމޮކްރެޓްސްގެ ހުށަހެޅުމަށް އެމްޑީޕީން ތާއީދުކުރުމަށް އެއްބަސްވުމެއް އޮތް ކަމަށް ދޭހަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަ އެމްޑީޕީން ދޮގުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރީ އެއީ އެމްޑީޕީން އެގޮތަށް އެދިގެން ކަމަށެވެ. ޑިމޮކްރެޓުން އެ މަގަށް ކަންކުރާނެ ކަމުގެ ޔަގީންކަން ހޯދުމަށް ޑިމޮކްރެޓުންގެ އަތުން އެމްޑީޕީން ސިޓީއެއް ހޯދި ކަމަށާއި ނަމަވެސް އެ ސިޓީއަށް އެމްޑީޕީން މިއަދާ ހަމައަށްވެސް ޖަވާބެއް ނުދޭ ކަމަށެވެ. ޑިމޮކްރެޓުން އެފަދަ ސިޓީއެއް ދިނީ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ހޯދުމުގެ ވޯޓުގައި އެމްޑީޕީގެ ތާއީދު ލިބޭނެ ކަމަށް ބަލައިގެން ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ނުދަންނަވަން އެމްޑީޕީ އަކީ ބަހުގެ އިތުބާރު މިވަގުތު ހިފޭ ބާވަތުގެ ޕާޓީއެއް ކަމަކަށް،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވާހަކައަށް ރައްދުދެމުން އެމްޑީޕީން މިއަދު ބުނީ ދި ޑިމޮކްރެޓްސްއިން އެ ޕާޓީއަށް ހުށަހެޅި ހުށަހެޅުމަކީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވުމަށެވެ. އަދި އެގޮތަށް އެމްޑީޕީ އެއްބަސްވާނަމަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ދަ ޑިމޮކްރެޓްސް އިން ތާއީދުކުރުމަށް ކަމަށްވެސް ބުންޏެވެ. ޑިމޮކްރެޓުންގެ އެ ހުށަހެޅުން އެމްޑީޕީއަށް ގަބޫލުކުރެވެން ނެތް ކަމަށް އަންގާފައިވާނެ ކަމަށްވެސް އެމްޑީޕީން ބުނެ އެވެ.
"މީގެ އިތުރުން އެއްވެސް ކަމަކަށް މި ޕާޓީއާ ދި ޑިމޮކްރެޓްސްއާ ދެމެދު އެއްބަސްވެފައި ނުވާނެ އެވެ،" އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
އެމްޑީޕީން އިތުރަށް ބުނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ޑިމޮކްރެޓުން ނިންމި ނިންމުމަކީ އެ ޕާޓީއާ އެކު އޮތް އެއްވެސް އެއްބަސްވުމެއްގެ ދަށުން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ.