ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރުމަށްފަހު އިންތިހާބީ ރައީސް މަގާމުގެ ހުވާ ކުރުމުގެ ކުރިން ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓެއް ނެގުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް ގާސިމު އިބްރާހީމު މިއަދު ވިދާޅުވެއްޖެ އެވެ.
ނިޒާމީ ވޯޓެއް ނެގުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އެ ގަރާރު މަޖިލީހުން ފާސްކޮށްފައިވާއިރު އެ ގަރާރުގައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށެވެ.
ގާސިމު އިބްރާހީމު މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ރިޔާސީ އިންތިހާބެއްގެ ދެ ބުރު ބޭއްވި އެ އިންތިހާބުން ރައްޔިތުން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު އިންތިހާބުކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ.
އެ އިންތިހާބުގެ ނަތީޖާ ދިވެހި ރައްޔިތުންނާއި ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކޮށްފައިވަނިކޮށް ނިޒާމީ ވޯޓެއް ނެގުން ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމަށް ގާސިމު ވިދާޅުވި އެވެ.
"އިންތިހާބީ ރައީސް އާއި ނާއިބު ރައީސް މަގާމުގެ ހުވާކުރުމުގެ ކުރީން ވެރިކަން ކުރަންވީ ކޮންނިޒާމަކުން ތޯ ބެލުމަށް އަލުން ނިޒާމެއް ވޯޓެއް ނެގުމަކީ ޤާނޫނު އަސާސީގެ ރޫހާ ހިލާފު އަދި ބައިނަލްއަގުވާމީ މުޖުތައުގައި އަމަލު ކުރާ އުސޫލުތަކާއިވެސް މުޅީން ހިލާފު ކަމެއް،" ގާސިމު ވިދާޅުވި އެވެ.
ގާސިމު ވިދާޅުވީ ވެރިކަމުގެ ނިޒާމު ކުއްލިއަކަށް ބަދަލުކުރުމުގެ ވިސްނުމުގައި މުޅި ނިޒާމު ގަނޑުބަނޑުކުރުމަކީ ގައުމަށް ހެޔޮ އެދޭ އެއްވެސް މީހަކު ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާއަކާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު އިންތިހާބު ކޮށްފައި ވަނިކޮށް ވެރިކަމުގެ ބާރުވެރިކަން ލިބުމުގެ ނިޔަތުގައި ބާރުހުރި ފަރާތްތަކުން ޤާނޫންއަސާސީ އާއި ގާނޫނީ ވެރިކަމާއި ޑިމޮކްރަސީގެ އަސާސްތަކާއި ހިލާފަށް ވެރިކަމުގެ ނިޒާމު ކުއްލިއަކަށް ބަދަލުކުރުމުގެ ވިސްނުމުގައި މުޅި ނިޒާމު ގަނޑުބަނޑުކުރުމަކީ ގައުމަށް ހެޔޮ އެދޭ އެއްވެސް ރައްޔިތަކު ގަބޫލު ކުރާނޭކަމެއް ނޫން،" ގާސިމު ވިދާޅުވި އެވެ.
ބަޔަކު އެދޭ ކަމެއް ހާސިލުކުރުމަށް މިފަދަ ވޯޓެއް ނެގުމަކީ ދިވެހި ގައުމުގެ ސިޔާސީ އިޖުތިމާއީ އަދި އިގުތިސާދީ ހަމަޖެހުން ގެއްލި ފަސާދައަށް މަގުފަހިވެގެންދާނޭ ކަމެއް ކަމުގައިވެސް ގާސިމު ވިދާޅުވި އެވެ.
ގާސިމު ވިދާޅުވީ ގައުމުގެ ހަމަޖެހުމާއި ކުރިމަގަށްޓަކައި ވެރިކަމުގެ ބާރުތައް ރައްޔިތުން އިންތިހާބު ކުރެއްވި ފަރާތްތަކާއި ހަވާލުކޮށް އަމާންކަމާއި އޮމާންކަމާއި އެކު ގައުމާއިގެން ކުރިއަށް ދިއުމަކީ މިއަދު ދިވެހި ގައުމުގެ ހައްގުގައި އެންމެ އިސް ވާޖިބުކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
މި ބަޔާނުގައި ގާސިމު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކުރާ ވަކާލާތު ހުއްޓާލާ މުޅި ގައުމުގެ ހަމަޖެހުމަށްޓަކާ ގައުމު އިސްކޮށް ގައުމާއިގެން ކުރިއަށް ދިއުމަށް އެދިވަޑައިގެންފަ އެވެ.
ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުން ދިވެހި ރައްޔިތުންނަށް ލިބޭނޭ މަންފާއެއް ނެތްކަން ގިނަ ރައްޔިތުން ގަބޫލުކުރާ ކަމަށާއި ބަރުލަމާނީ ނިޒާމަކުން ފައިދާ ވާނީ މަޖިލިސް މެންބަރުންނާއި މަދުވޯޓުކޮޅަކުން މަޖިލީހަށް ވަޑައިގެން ބޮޑުވަޒީރުކަން ހޯއްދަވާ ފަރާތަށާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަޒީރުންނަށް ޢައްޔަންކުރެވޭ މެންބަރުންނަށާއި ސަރުކާރު ހިންގުމަށް ހަވާލު ކުރާ ފަރާތްތަކަށް ކަމަށްވެސް ގާސިމު ވިދާޅުވި އެވެ.