ރައީސް މުހައްމަދު ނަޝީދު

އަޅުގަނޑަށް މަޖިލީހުގެ 100 ޕަސަންޓް ތާއީދު އެބައޮތް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ 100 ޕަސަންޓް ތާއީދު އެމަނިކުފާނަށް އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިހެން ވިދާޅުވީ ބަންޑާރަނައިބް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު އަމަލުކުރައްވަނީ ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތަކުރާރުކޮށް ވިދާޅުވުމާ ގުޅިގެންނެވެ.

ޝަރީފްގެ ތުހުމަތާ ގުޅިގެން "ދަ ޑިމޮކްރެޓްސް"އަށް ނިސްބަތްވާ އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ގަވައިދާ ހިލާފަށް މަޖިލީހުގެ ރައީސް އަމަލުކުރައްވާނަމަ އެ އޮންނަ އުސޫލުން މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅުއްވަން ވާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ އަގުލަބިއްޔަތު މަޖިލީހުގައި އޮވެ އެކަން ނުކުރާތީ މަޖިލީހުގެ ރައީސް، މަޖިލީހުގެ ގަވައިދާ ހިލާފަށް އަމަލުކުރައްވާ ކަމަށް ގަބޫލުނުކުރައްވާ ކަަމަށް އާޒިމް ވިދާޅުވި އެވެ.

ޝަރީފްއާއި އާޒިމްގެ ވާހަކަފުޅާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނަށް މަޖިލީހުގެ ހުރިހާ މެންބަރުންގެ އިތުބާރުވެސް އެބައޮތް ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

"މިމަޖިލީހުގެ އިތުބާރު، މިމަޖިލީހުގެ 100 ޕަސަންޓް އިތުބާރު އަޅުގަނޑަށް އޮތްކަން އަޅުގަނޑަށް ޔަގީން ކަށަވަރު. އެއީ އެއްވެސް ހާލެއްގައި ކުޑަކޮށްވެސް އެންމެ އިއްޒަތްތެރި މެންބަރަކުވެސް 87 އިއްޒަތްތެރި މެންބަރުންގެ ތެރެއިން އެންމެ އިއްޒަތްތެރި މެންބަރަކުވެސް ނެތޭ މިރިޔާސަތަށް އިތުބާރު ނެތް. އެހެންވީމާ އެއްވެސް ގޮތަކަށް އެއްވެސް މެންބަރަކު ކަންބޮޑުވެ ލައްވާނެ ކަމެއް ނެތް މިރިޔާސަތުން މިކަން ކުރަމުން ގެންދާނީ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން. އިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން އިއްޒަތްތެރި މެންބަރުން އަޅުގަނޑަށް ތިޔަ ދެއްވާ އިތުބާރާއި ތިޔަ ދެއްވާ އެއްބާރުލުމާއި އަދި ތިބަހައްޓަވާ ގާތްކަމަށް،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އަށް ހުރިހާ މެންބަރުންގެ އިތުބާރު އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން އެމްޑީޕީގެ މެންބަރުން ވަނީ އެމަނިކުފާނަށް އިތުބާރު ނެތް ކަމަށް ގޮވާ އަޑުގަދަކުރައްވާފަ އެވެ. އަދި ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު އީސާ ވަނީ ނިޒާމީ މައްސަލަ ނަންގަވާ ރައީސް ނަޝީދަށް އޭނާގެ އިތުބާރު ނެތް ކަމަށް ވިދާޅުވެފަ އެވެ.

"އިއްޒަތްތެރި ރައީސް. އަޅުގަނޑު ހަމަ ރެކޯޑަށްޓަކައި ދަންނަވާލަން މަޖިލީހުގެ ގަވައިދާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ރިޔާސަތުން ގެންދަވާތީ ރިޔާސަތަށް އަޅުގަނޑުގެ ތާއީދެއް ނެތް،" އީސަ ވިދާޅުވި އެވެ.

އީސަ އެހެން ވިދާޅުވުމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އީސާ އެހެން ވިދާޅުވީތީ އެމަނިކުފާނު ވަރަށް ހިތާމަކުރައްވާ ކަމަށެވެ. އަދި މެންބަރު އީސާ ވިދާޅުވި ވާހަކަފުޅު އެއްވެސް ގޮތަކަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަދި އަޅުގަނޑު ދެކޭ ގޮތުގައި އިއްޒަތްތެރި މެންބަރު ތިކަމާ ވިސްނާވަޑައިގަންނަވާނެ. އަދި ދާއިރާ މެންބަރުންނާއި ދާއިރާ ބޭފުޅުންނާ މަޝްވަރާވެސް ކުރައްވާނެ. ތިމަގުގައި އިއްޒަތްތެރި މެންބަރު ހުންނަވާނެ ކަމަކަށް އަޅުގަނޑަށް ކުޑަކޮށްވެސް ގަބޫލެއް ނުކުރެވޭ. ކޮންމެވެސް އެހެން ސަބަބަކަށްޓަކައި އިއްޒަތްތެރި މެންބަރު ދެންމެ ތިވިދާޅުވި ވާހަކަފުޅުތައް ތި ވިދާޅުވީ،" އީސައަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވި އެވެ.