އިބްރާހިމް ޝަރީފު

ނަޝީދާ ދެކޮޅަށް އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނާ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިމައްސަލަ ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެވެ.

ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާ ކަމަށާއި ނަމަވެސް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ރައީސް އިންކާރުކުރައްވާ ކަމަށެވެ. އަދި އެއީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ.

"މިއަދާ ހަމައަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އިންކާރުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް ވަނީ އަރާވަޑައިގެން މަޖިލީހުގެ ގަވައިދާއި ގާނޫނުއަސާސީއާ ހިލާފަށް އަމަލުކުރައްވާފައިކަން އަޅުގަނޑު ފާހަގަކުރަން،" ޝަރީފް ހުށަހެޅުއްވި މައްސަލައިގައިވެ އެވެ.

ޝަރީފް ވިދާޅުވީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ދެކޮޅު ހެއްދެވުމަށްފަހު ރައީސް ނަޝީދު އިންނަވަނީ މަޖިލީހުގެ ކުޑަ ދަށުގައި ކަމަށެވެ. އެކަމަކު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މަޖިލީހުގެ އެކި ކަންކަމުގައި ރައީސް ނަޝީދު ހަރަކާތްތެރިވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ރައީސް ނަޝީދު ދެކޮޅު ހައްދަވާތީ މަޖިލީހުގެ އީވާގެ މައްސަލަ ވެސް އަދި މަޖިލީހުގެ އެހެން ޖަލްސާތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ދަތިވެފައި ކަމަށެވެ.

"މިއަމަލަކީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 182 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ފަދައިން މުޅި މަޖިލީހުގެ ހައްގަށް އަރައިގަތުން. އަދި މުޅި ޖުމްލަ ގޮތެއްގައި މަޖިލީހުގެ އިމްތިޔާޒަށް އުނިކަން އަންނަ އަމަލެއް. ވީމާ މިއިމްތިޔާޒާ ގުޅުންހުރި މައްސަލައިގައި ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން،" ޝަރީފް މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވި އެވެ.

ޝަރީފް ހުށަހެޅުއްވި މައްސަލަ ބަލައިގަނެ މަޖިލީހުގައި ބަހުސްކުރުމަށް ރިޔާސަތުން ވޯޓަށް އެހުމުން 37 މެންބަރުން ވަނީ ބަހުސްކުރުމަށް ތާއީދުކުރައްވާ ވޯޓު ދެއްވާފަ އެވެ. ބަހުސް ކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.

މައްސަލަ މަޖިލީހަށް ބަލައިގަތުމުން އެ މައްސަލަ ހުށަހެޅުމަށް ރިޔާސަތުން ވަނީ ޝަރީފަށް ފުރުސަތު ދެއްވާފަ އެވެ. އެ ފުރުސަތުގައި މައްސަލަ ހުށަހެޅުމުގެ ކުރިން ޝަރީފް ވަނީ މިމައްސަލަ ނިމެންދެން މަޖިލިސް ޗުއްޓީއަށް ނުގޮސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުށަހަޅުއްވާފަ އެވެ. ޝަރީފްގެ މިހުށަހެޅުއްވުމާ ގުޅިގެން ދަ ޑިމޮކްރެޓްސްގެ މެންބަރުން ވަނީ އެކަމާ ދެކޮޅަށް ނިޒާމީ މައްސަލަ ނަންގަވާ ވާހަކަދައްކަވާފަ އެވެ. އެ މެންބަރުން ވިދާޅުވީ ޝަރީފް ހުށަހެޅުއްވި މައްސަލައިގެ ތެރެއިން މަޖިލީހުގެ ދައުރު ދަންމާލަން ހުށަހެޅޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.