ވާހަކަ

ސިހިސިހި (ފުރަތަމަ ބައި)

"އަދި ހަމަ މި ފެށުނީ،" ކަންފަތުގައި ފޯނު ޖައްސައިގެން ހުރެ ކޮފީ ތަށްޓަށް ހޫނު ފެން އަޅައިލީމެވެ. "ރަމީޒު ގުޅައިނަމޭ ކިޔައިފަ ނުގުޅީމަ ލެޕް ބަހައްޓައިފަ ކޮފީއެއް ބޯލަން ކަމަށް މި އުޅެނީ. މިހާރު ނިމިއްޖެ. ދެން އޮތީ އަޖުމަބެލުން؟ ކިހިނެއްވީ؟"

"މަ ހަމަ ސުންނަތް އަދައިކޮށްލީ. މިރޭ ފަޔާ ވެސް ޑިއުޓީގަވީ. ބޭބީ ވެސް ނިދީ ދެންމެ. އަނެއްކާ ވެސް މި އުޅެނީ އެއްކަލަހެން ނުނިދައިގެން. ބޭރަށް ނުކުމެއްޖެ ނަމަ ހާލަކީމި." ރުވައިދާގެ އަޑުގައިވަނީ މާޔޫސް ކަމެވެ. ކަންބޮޑުވުމެވެ.

"ދުއާތައް ކިޔައިފަ ނުކުންނަން ބުނަނީ ވެސް އެހެންވީމަ. ދެން މި މަސައްކަތް ނިންމާލެވުނީމަ ތިކަމަށް ވެސް ތަންކޮޅެއް ލުއިވާނެ،" ރުދައިނާގެ މާޔޫސީ ރާގު އިވިފައި ބުނެލީމެވެ. "ދެމަސް މިވަނީ އެކަމާ އުޅޭތާދޯ. މިހާރު ދެން މި ނިމުނީ. ދެން އޮތީ ޕައިލެޓްކޮށްލުން. ރަމީޒަށް ހަވާލުކޮށްފަވާނީ ގުރެފިކްސްބައި، އެ ނިންމާލީމަ ރުވޭއަށް ވެސް އަޖުމަ ބައިލައިލަން ދޭންނަން. އެކަމު މިރޭ އޮންނާނީ މަށަށް."

ކަަންފަތާއި ކޮނޑާ ދެމެދަށް ފޯނު ލަމުން ވައަތުން ކޮފީ ދަޅުގެ މަތި ޖަހައިލީމެވެ. ބޮލާއި ދިމާ މަތީގައި ހުރި ކަބަޑުގެ ދޮރުފަތް ހުޅުވާލަމުން ކަބަޑުތެރެއަށް އިނގިލިކުރިން ކޮފީ ދަޅު ކޮށްޕާލީމެވެ. އަހަރެންގެ ސިކުނޑީގައި ކުޅެވެމުން ދިޔައީ އުފާވެރި ހަނދާންތަކެކެވެ. ކުލެ ޖެހެމުން ދިޔައީ އުފާވެރި އިހްސާސްތަކެއްގައެވެ. ރުވައިދާއާ އެކު ޖެހުނު ސަކަރާތްތަކެވެ. ހޭދަވި އުފާވެރި މަންޒަރުތަކެވެ.

ރުވައިދާއަކީ ދެގޮތެއް ނުވާ މިތުރެކެވެ. ދަތި ދަނޑިވަޅުތަކުގައި އޭނާ ވާނީ ކުޑަ ރުމާލަކަށެވެ. އުފާވެރި ވަގުތުތަކުގައި އޭނާ ބަދަލުވާނީ ފިނިފެން މަލަކަށެވެ. އާއްމު ހާލަތްތަކުގައި އެއީ އަހަރެންގެ ހަނދާންތަކުގެ މަކާނެވެ. އިހުސާސްތަކުގެ ހިއްސާދާރެވެ. އަހަރުމެން ކިތައްމެ ބުރަޔަސް، ކިތައްމެ ވަގުތު ނުވިޔަސް ނިދުމުގެ ކުރީން ކުރާ ކަމެއް އޮންނާނެއެވެ. އެއީ ހާލު ބެލުމެވެ. ގުޅައިލުމެވެ. މިރޭ އިސްނެގީ ރުދައިނާއެވެ.

"ރަމީޒު ކިހިނެއްތަ؟ އެ ސޮރު ވަރަށް ބަދަލުވެއްޖެ ހެން ހީވޭ ސްޓޭޓަސްތައް ކިޔައިލީމަ." ރުވައިދާ ސުވާލުކޮށްލިއެވެ.

"ހަމަ ވަރަށް ރަނގަޅު. މީހުން އޭނާއަކީ ކިތައްމެ ދަށް މީހަކަށް ހެދިޔަސް އެއީ ހަމަ ބެސްޓެއްނު. މީހަކު ހުންނަ ގޮތަކުން މީހެއްގެ މޮޅުކަމެއް ނޭނގޭނެ ދޯ. ޢިލްމަކީ ސިފައަކުން ހޯދާ އެއްޗެއް ނޫން." ކޮފީތަށީގައި ތުން ޖަހައިލަމުން އަހަންނަށް ބުނެލެވުނެވެ. "އެ ހިތްވަރު ލިބެނީ ރުދޭ ދައްކާ ވާހަކަތަކުން. އަހަރެންގެ ހިތާއި ރަމީގެ ހިތް އެއްވަރެއްނު."

ރުވައިދާ ސުރުޚީ އަޅައިލީ އަނެއް ފޮޅުވަތުގައެވެ. އެއީ އަހަރެންގެ ދެވަނަ ފުރާނައެވެ. ހިތުގެ އަނެއް ފަޅިއެވެ. ވިންދުތަކުގެ އަޑެވެ. އާއެކެވެ. އެއީ އަހަރެން އަލަތު ލޯތްބެވެ. ރަމީޒެވެ. މީހުން ރަމީޒަށް ވަރަށް ފާޑުކިޔައެވެ. އޭނާ ހުންނަ ގޮތަށެވެ. ގައިގެ ކުލައަށެވެ. މޫނުގެ ބައްޓަމަށެވެ. ލޮލުގައި ހުރި އައިބު ކަމަށެވެ. އެއީ އޭނާ އަމިއްލައަށް ލިބިގަތް ކަމެއް ހެއްޔެވެ؟ އެމީހަކު ބޭނުން ގޮތެއް ކަނޑައަޅައިގެން ބޭރުފުށުގެ ސިފައާއި ކުލަ ކަނޑައަޅަން އޮންނަ ނަމަ ކޮންމެ މީހަކު ވެސް ނަގާނީ އެމީހަކަށް އެންމެ ކަމުދާ ސިފައެވެ. އެގޮތަށް މީހުން ވިސްނާ ނަމަ ކިހައި ރަނގަޅު ހެއްޔެވެ؟ އެ ވިސްނުން އާއްމުވާ ނަމަ ގަނާކުރުން އޮންނާނެ ހެއްޔެވެ؟ ސިފައަށް ފުރައްސާރަ ކުރާނެ ހެއްޔެވެ؟

ދެން އޮތީ އަނެއް ކަންތަކެވެ. މީހުން އަޅައި ކިޔަނީ އަހަންނާއި ރަމީޒާއެވެ. ދެމީހުންގެ ތަފާތަށެވެ. ޖީބުގެ ބުރަމިނަށެވެ. އާއިލާގެ ތަނަވަސް ކަމަށެވެ. އަހަރެން ރަމީޒާއެކު އުޅެނީ ޖީބަށް ޓަކައޭ ކިޔައެވެ. ލޯބިން ނޫންކަމަށް ބުނެ ޖެއްސުން ކުރެއެވެ. އެއީ ތެދެއް ހެއްޔެވެ؟ އެކަން ރަމީޒު ގަބޫލު ކުރާނެ ހެއްޔެވެ؟

ނުކުރާނެއެވެ. އެ ޔަގީންކަން އަހަރެންގެ އޮވެއެވެ. އަހަރުމެންގެ ލޯބީގެ ބިންގާ ފަތުރައިލީ އަހަންނެއް ނޫނެވެ. ރަމީޒެވެ. އެ ބިންގަލުގެ މަތީގައި ގައުތައް އަތުރާ ރާނަމުން މިދަނީ ދެމީހުންނެވެ. ދެމީހުން އެކުގައެވެ. ގުޅުމެއް އުފަންވާނީ ސަބަބެއް މެދުވެރިވެގެން ހެއްޔެވެ؟ ގުޅުމެއްގެ ނަން ބަދަލުވާނީ ކަމެއް މެދުވެރިވެގެން ހެއްޔެވެ؟ އަހަރެންގެ ތަޖުރިބާއަކީ އާއެކެވެ. އަހަންނަށް ވީ އެހެންނެވެ.
އަހަރުމެން ބައްދަލުވީ އެއް ކުލާހަކުންނެވެ. އަހަންނަށް އުނދަގޫވީ ރަމީޒަށް ކުރި ޖެއްސުންތައް ބަލާށެވެ. ކަންފަތަށް އުނދަގޫވީ އޭނާއަށް ކުރި މަލާމާތް އަހާށެވެ. ހިތަށް ކިޔަމަން ނުވީ އޭނާއަށް ވަމުން ދިޔަ ގޮތްތަކުންނެވެ. އަހަންނަކީ އެހައި ނުބައި މީހެއް ނޫނެވެ. އަހަރެންގެ ހިތަކީ ލުއި ހިތެކެވެ. މަޑު ހިތެކެވެ. އެ ހިތުގައި ޖަހަނީ އޯގާތެރިކަމުގެ ވިންދެވެ. ދައުރުވަމުން ދަނީ ހަމުދަރުދީއާއި ކުލުނެވެ. އެއީ އަހަރެންގެ ހިތުގެ ކުލައެވެ. ރަމީޒު އަހަންނަށް ހާއްސަ ސަމާލުކަމެއް ދިނީ އަހަރެން އޭނާއަށް ދިން ސަމާލުކަމުންނެވެ. އެ ގުޅުމުގެ ނަން ބަދަލުކުރީ ވެސް އިސްވެ އޭނާ އެކަމަށް ބޭނުންވެގެންނެވެ. މީހުން ފާޑުފާޑުގެ ވާހަކަދައްކަދައްކާ ތިއްބައެވެ. ރަމީޒަށް ވެސް އެ އަޑު އިވެއެވެ. އެކަމަކު އެއަށް އަހަރުމެން ޖަވާބެއް ނުދެމެވެ. ކޮންމެ ކަމަކަށް ޖަވާބެއް ނުވެސް އޮންނާނެއެވެ. ޖަވާބެއް ދޭކަށް ނުވެސް ޖެހޭނެއެވެ. އެމީހެއް ދިރިއުޅުމުގައި ޖައްސާނެ ކުލައެއް އެނގޭނީ އެމީހަކަށެވެ.

"އޭ މަގޭ ސޮރު ހޭލައިފި." ރުވައިދާ އަވަސް އަވަހަށް ބުނެލިއެވެ. "ނިންދަވައިލައިފަ ގުޅާނަން. އޯކޭ އިހަށް ބާއްވާ."

ފޯނުން ފުރޭނިގެން ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑު އިވެމުން ދިޔައެވެ. ދަރިއަކު ލިބުމަކީ ބައެއް މީހުންގެ ދުނިޔެ ބަދަލުވާ ކަމެކެވެ. ގުޅުންތައް ކެނޑޭ ކަމެކެވެ. ބައެއް މީހުންނަށް ނަސީބުގެ ތަރި އޮއްސޭ ކަމެކެވެ. އެކަމަކު ރުދައިނާއަކަށް އެހެންނެއް ނުވެއެވެ. އޭނާ އަހަންނަށް ވަގުތު ދެއެވެ. ވަގުތު ހޯދައިގެން ގުޅުންތައް ދަމަހައްޓައެވެ. އެ ވިސްނުން އަހަންނަށް ވަރަށް ކަމުދެއެވެ.

"ސޮރު ބަނޑުހައިވީ ކަންނޭނގެ ދޯ؟ މަށަށް ވެސް ތިވަރު ކަން ނޭނގެ ވާނީ ކުއްޖަކު ލިބުނީމަ." ހެމުން ހެމުން ފޯނަށް ބަލައިލުމަށްފަހު ލެޕް ޓޮޕްގެ ސްކުރީނަށް ބަލައިލީމެވެ. "އާނ މަށަށް ވެސް ކޯލެއް އެބަ އާދޭ. ރަމީޒު ގުޅަނީ އެ."

އޭރު ލެޕްޓޮޕުގެ ސްރީނުން ވައިބަރ ކޯލެއް އަންނަ މަންޒަރު ފެންނަމުން ދިޔައެވެ. ކޮފީތަށި ހިފައިގެން ލެޕްޓޮޕް ހުރި މޭޒު ކައިރިއަށް ޖެހިލީމެވެ. ހިނިތުންވެވުނެވެ. އެ ކޯލަށް އިންތިޒާރު ކުރާތާ އެތައް އިރެއްވީއެވެ. އަތުގެ އިނގިލިތަކުން އިސްތަށިގަނޑުގައި ފުނާ އަޅައިލެވުނެވެ. ހެޑު ސެޓު ކަންފަތަށް ހެޔޮ ކޮށްލަމުން ފޯނަށް ޖަވާބުދިނީމެވެ.

"ހެލޯ ލޯބީ. ނިމުނީތަ؟" ނިތް މައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ކަންފަތުގައި އަޅުވައިލަމުން ލުއި ގޮތަކަށް ބުނެލީމެވެ.
"އާން. އެ ދެން އެހައި ބޮޑު ކަމެއް ނޫން. އޮންނާނެ މެއިލް ކޮށްލައިފަ. އިބާ ތި ކުރަނީ ހާދަބޮޑު މަސައްކަތެކޭދޯ. އަހަންނަށް ހީވަނީ ތި ކަން ނިންމާލެވޭއިރު، އިބާ އަހަންނަށް ވެސް ގެއްލޭނެހެން." ރަމީޒު ހިނިތުންވެލިއެވެ.

"އެ ކީއްވެ؟" ކޮލުގެ އެއްފަރާތަށް އަރިކޮށްލަމުން އަހަންނަށް އަހައިލެވުނެވެ.

"އާޓިފިޝަލް އިންޓެލިޖެންސްގެ ތެރެއަށް ތިޔަ ގަޑުބަޑު ކުރަނީ ކާފަގެ މުސްކުޅި ފަންޑިތަ ފޮތްވިޔަ،" ރަމީޒުގެ ދަތްތައް އެކުގައި ދައްކައިލިއެވެ. "ތި ވާނީ ދުނިޔޭގައި ވެސް ތިކަން ކުރާ ފުރަތަމަ މީހާއަށް. ތި ހަމަ މާސްޓާރޕީސް އަކަށް ވާނެ. ތިއާ އެކު އިބާގެ ނަން ވެސް މުޅި ދުނިޔެއަށް ފެތުރިގެން ދާނެ."

އަހަރެން ކުރަމުންދާ މަސައްކަތްތަކުގެ އެއްކޮޅުގައި ހިފައިގެން ހުރި މަދަދުވެރިއަކީ ރަމީޒެވެ. އަހަރެންގެ ބޮލަށް މި ޚިޔާލު ލައިދިން މީހަކީ ވެސް އެއީއެވެ. މިކަމަށް ބޭނުންވާ ސާމާނު އަތްމަތިކޮށްދޭ ފަރާތަކީ ވެސް އެއީއެވެ. އަހަރެން ދިރާސާ ކުރަމުން މި ދަނީ އޭނާގެ ކާފަގެ މުސްކުޅި ފޮތްތަކެވެ. ފަންޑިތަ ފޮތްތަކެވެ. މި ކަމަށް މަދުވާ ފޮތްތައް ހޯދައިދިނީ ރުދައިނާއެވެ. އޭނާގެ ބޮޑު ބޭބެގެ ފަރާތުންނެވެ. އެހެންވީމަ މިއީ އަހަރެންގެ އެކަނި މަސައްކަތެއް ނޫނެވެ.

"މިއީ އަހަރުމެންގެ މަސައްކަތެއްދޯ، ކަމެއް ވެއްޖެ ނަމަ ހުރިހާ ކަމެއްގެ ޒިންމާ ނަގަން ބުނީ ރަމީއެއްނު." އަހަރެން ހަނދާންކޮށްދިނީމެވެ.

"އެނގިދާނެތާ ދޯ! އެކަމު މީހުން ބުނާނެ ދިވެހިންގެ ސިކުނޑިއެއް ނުހުންނާނޭ، ދިވެހިންގެ ހުންނާނީ ކަންނެލި ބޮލޭ." އަހަރެން ހީލީމެވެ. "އަދި ބުނާނެ އަންހެނެއްގެ ބަސް ގަބޫލުކޮށްފިއްޔާ އެއް ހަރުފަތް ފަހަތަށް ސޮހިގެންދާނޭ."

"ތި ހަމަ ހުސް ވާހަކަ. ހުސް ފޮލާ، އޭރުގެ ފިރިހެނުން މާ ގަޓުވަން ދައްކައިފަ ހުންނަ ޔޯލަ،" ރަމީޒު ވެސް އަހަރެންގެ ވާހަކައިގެ ތެރެއަށް ވަނެވެ. "ދިވެހިންގެ މެދުގައި ހުރި ގިނަ ކަންކަމަކީ އިސްލާހު ކުރަންވީ ކަންކަން. ބައެއް ގަބޫލުކުރުންތަކުގައި އެއްވެސް ބުރަދަނެއް ނެތް. ދިވެހިން ވަރު ބަޔަކު ނޫޅޭނެ ނެތި މޮށުމަށް."

"އެއްކަލަ ވާހަކަ ފެށީއޭ ދޯ. ކޮބާ މައުޟޫޢު ބަދަލުކޮށްލާން އޮތް ކަމަކީ؟" އަހަރުމެން އާއްމުކޮށް ގެންގުޅޭ ޝިޔާރުގެ މަތިން ހަނދާންކޮށް ދިނީމެވެ.

"އާނ ދޯ. ކަޑަޔަސް، މޮޅަސް ދިވެހިން ދިވެހިންގެ ގޮތުގައި އަބަދަށް." ރިޔާޒު ހޭންފެށިއެވެ. ބާރު ބާރަށެވެ.

އަހަންނަށް ކެތެއް ނުކުރެވުނެވެ. ހޭންފެށުނެވެ. ރަމީޒުގެ ރަސްމީ ހިނިގަނޑު ވެސް ފަޅައިގެން ދިޔައެވެ. އޭނާ ވެސް ބިނދިބިނދިފައި ހެމުން ދިޔައެވެ. ބަނޑުގައި އަތް އަޅައިގެން އިނދެއެވެ. އޭނާ ހީހީ ދެ ލޮލުން ކަރުނަ ހިލެން ފެށިއެވެ. އަހަންނަށް ވެސް ވީއެވަރެވެ. މޫނުމަތީ އިސްތަށިތައް ތަތްލާން ފެށިއެވެ. ކުއްލިއަކަށް ފޯނުން މެސެޖެއް ލިބުނު އަޑުއިވުނެވެ. ފޯނަށް ބަލައިލީމެވެ. ފޯނަށް ލިބުނީ ނޮޓިފިކޭޝަނެކެވެ.

"އިބާ. އިބާ،" ފޯނަށް ލޯ ޖަހައިގެން އިންދާ ރަމީޒު ދެ ފަހަރަކު ގޮވައިލިއެވެ. "ކޮންކަމަކަށް ގެއްލިފަ؟"

"މަޑުކޮށްބަލަ! ރެޑީވަނީއޭ! އެ ލިބުނީ ނޮޓި. ރެޑީ ޓު ޔޫސް އޯ." ފޯނަށް ލޯ ލައިގެން އިނދެ ބުނެލީމެވެ.

"ކޮންތާކަށް ތިޔަ ދަނީ؟" ރަމީޒު ދެ ބުމަ ކައިރި ކޮށްލިއެވެ.

"އޫމް. ކޮޓަރިއަށް." ލެޕްޓޮޕްގެ ކީ ބޯޑުމަތީ ފޯނު ބާއްވާލަމުން ލެޕްޓޮޕް ހިފައިގެން ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހީމެވެ.

ކުއްލިއަކަށް ކޯލު މެދުކެނޑުނެވެ. އަހަރެން ހީކުރީ ލެޕްޓޮޕް ހިއްލައިލި ވަގުތު ކޮންމެވެސް ގޮތަކުން އަހަންނަށް ކޯލު ކަނޑައި ލެވުނީކަމަށެވެ. އެނދުގައި ލެޕްޓޮޕް ބަހައްޓައިލަމުން ބާލީސް މޭދަށަށް ކޮށްޕާލީމެވެ. އޭރު ރަމީޒު ގުޅަނީއެވެ. ރަނގަޅަށް ހަމަޖެހިލަމުން ރަމީޒަށް ޖަވާބުދޭން ފެށީމެވެ.

"ހަލޯ،" އަހަރެން ދެފަހަރަކު ވާހަކަ ދެއްކުމުން ވެސް ރަމީޒު އަނގައިން ނުބުނެއެވެ. "ކެނޑުނީއޭ."

އަހަރެން ހީކުރީ ރަމީޒު ހިތްހަމަ ނުޖެހުނީ ކަމަށެވެ. އެކަމަކު އެއީ އެކަހަލަ މީހެއް ނޫނެވެ. އޭނާއަކީ ވަރަށް ވިސްނޭ މީހެކެވެ. ރުޅިއަކީ އޭނާގެ ނެތް ސިފައެކެވެ. އަމުދުން ސިނގު ރުޅިއެވެ. ކުއްލިކުއްލިއަށް އޭނާގެ މޫނު ބަދަލެއް ނުވާނެއެވެ. ވައިޖެހޭ ދިމާއަކަށް އޭނާގެ ނަފުސެއް ނުކެހޭނެއެވެ. އެއީ އޭނާގެ އެންމެ ކަމުދާ ސިފައެވެ.

"ކޮން ކަހަލަ ނޮޓިއެއްތަ ލިބުނީ؟" ރަމީޒުގެ އަޑުގައި ތަފާތު ކަމެއް ހުރިކަން ފާހަގަ ކުރެވުނެވެ. ކުރިއަށް ވުރެ އަޑު ބަރުވިއެވެ.
"ޓެސްޓިން ވަރޝަން ރެޑީވީ. ދެން ޓެސްޓުކޮށްލީމަ އެނގިދާނެ ވާ ގޮތެއް ވެސް."

"މަށަށް ވެސް ދޭންވީނު ބަލައިލަން." ރަމީޒު އެއް ލޯ މަރައިލިއެވެ.

'ރަމީޒު ކިހިނެއް ތި ހެދީ؟" ހައިރާން ކަމާއެކު އަހަންނަށް އަހައިލެވުނެވެ.

ރަމީޒުގެ ފަރާތުން ތަފާތެއް ފާހަގަ ވުމުންނެވެ. އޭނާގެ ލޮލުން ކުރިން ނުފެންނަ ކުލައެއް ފެންނަހެން ހީވީތީއެވެ. އަހަންނަށް ކަޅި ޖަހައި ނުލައި ބަލައިލެވުނެވެ. ބޭނުންވީ ޔަގީންކޮށްލާށެވެ. އެއީ ހީވާ ހީވުމެއްތޯ ބަލާށެވެ.

"އަދި އެއްފަހަރު އެހެން ލޯ މަރައިލަ ބަލަ." ފަރުވާތެރިކަމާއެކު ލެޕްޓޮޕްގެ ސްކްރީނަށް ބަލައިލީމެވެ.

"ކިހިނެއްވީ؟ ލޮލަށް ކަމެއް ވެފަ ހުރީތަ؟" ރަމީޒު ދެ ފަހަރަކު އެއް ލޯ މަރައިލަމުން ކުރިން ހެދި ގޮތް ހަދައިލިއެވެ.

އެއާއެކު ލެޕުން ފެންނަމުން ދިޔަ މަންޒަރު ހުއްޓުނެވެ. ޚިދުމަތް މެދު ކެނޑުމުން ދިމާވާ ކަހަލަ މައްސަލައެއް ދިމާވުމުންނެވެ. ރަމީޒުގެ ކަޅި ފެންނަ ގޮތަށް ސްކުރީން ހަރުލިއެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި ސްކުރީނުގެ އެކި ތަންކޮޅުން ކަޅު ގޮޅިތައް އަރަން ފެށިއެވެ. މުޅި ތަސްވީރު ގަޑުބަޑުވަމުން ދިޔައެވެ. އެންމެ ފަހުން ރަމީޒުގެ ފޮޓޯ ގެއްލުނެވެ. ހައިރާން ކަމާއެކު ބަލައިލެވުނީ ސްކުރީނުން ފެނުނު ރަމީޒުގެ ލޮލަށެވެ. އެ އެއް ލޮލުގައި ވަނީ މަޑޫ ނޫ ކުލައިގެ ކަޅިއެކެވެ. އެއީ ކުރީން ރަމީޒުގެ ކަޅި ހުންނަ ގޮތެއް ނޫނެވެ. އަހަންނަށް އާދަޔާ ޚިލާފު ކަމެއް ވެސް އެ ކަޅިން ފާހަގަވިއެވެ. އަންހެނެއްގެ ލޮލާ ރަމީޒުގެ ލޯ ވައްތަރު ކަމެވެ.

"ހަލޯ. ޑިސްކަނެޓް ވީތަ؟ ނެޓްވޯކް ދަނީތަ؟" ދެ އަޑު އެއްވުމުން އިވޭ ކަހަލަ ގޮތަކަށް ރަމީޒުގެ އަޑު ލެޕްޓޮޕުން އިވެމުން ދިޔައެވެ.
ލެޕްޓޮޕްގެ ސްކުރީނުން އެކި ފަހަރު ފެންނަނީ އެކި މަންޒަރެވެ. އެއްފަހަރު ރަމީޒުގެ ނޫކުލައިގެ ކަޅިއެވެ. އަނެއް ފަހަރު ކަޅު ސްކުރީނެކެވެ. އިރުކޮޅެއް ނުވެ ސްކުރީނު ފުރެމުން ދަނީ ކަޅާއި ރަތްކުލައިގެ ގޮޅިތަކަކުންނެވެ. އަހަންނަށް ނޭވާ ހިފަހައްޓައިލެވުނެވެ. ހިތުގެ ވިންދުން އަވަސްވަމުން ދިޔައެވެ. ނޭވާ އަވަސްވަމުން، ނޭވާ ކުރުވަމުން ދިޔައެވެ. ފެންނަމުން ދިޔަ މަންޒަރުތަކުން އެތެރެއަށް ނޭވާ ހިފަހައްޓައިލައިލެވުނެވެ.

"އިބާ. އިބާ؟" ރަމީޒު ބާރުބާރަށް ގޮވައިލިއެވެ.

އަހަންނަށް ބަލައިލެވުނީ ލެޕްޓޮޕްގެ ސްކުރީނަށެވެ. އެއްވެސް ތަފާތެއް ނެތެވެ. ކުރިއެކޭ އެއްގޮތަށް މަންޒަރު ސާފުކޮށް ފެންނަމުން ދިޔައެވެ.

"އިބާ. އިބާ." ރަމީޒުގެ އަޑު އިވެމުން ދިޔައީ އަންހެން އަޑަކާ މަސްހުނިވުމުން އިވޭ ގޮތަށެވެ.

ބައެއް ލަފުޒު ކިޔާ އިރު އެ އަޑު އާދަޔާ ޚިލާފަށް ބަރުވެފައި އަނެއް ބައި ފަހަރު ލުއި ހެން ވެސް ހީވެއެވެ. އަހަންނަށް އިނދެވުނީ ކަޅި ޖަހައި ނުލައި ސްކުރީނަށް ބަލާށެވެ. ބިރުގަނެފައި އިން ކަހަލަ ގޮތަކަށެވެ. ހިންދިރުވާލެވެނީ ވެސް ގަދަކަމުން ކަހަލަ ގޮތަކަށެވެ.
"ފަހަތުގައި އެ ހުރީ ކޮން އެއްޗެއް؟" ރަމީޒުގެ ފަހަތުން ކަޅު ހިޔަންޏެއް ފެނުމުން އިނގިލި ދިއްކޮށްލެވުނެވެ.
ރަމީޒު ފަހަތް ބަލައިލިއެވެ. އެއްވެސް އެއްޗެއް އޭނާއަކަށް ނުފެނުނެވެ.

"މަޑުމަޑުން ފަހަތް ބަލައިލަބަލަ." ރަމީޒު ވަރަށް ސީރިއަށް ރާގެއްގައި ވައި އަޑުން ބުނެލިއެވެ.

އަހަރެން ނޭވާ ހިފަހައްޓައިލައިގެން އިނދެ ލަސްލަހުން ފަހަތަށް ބަލައިލީމެވެ. ކުއްލިއަކަށް ކޮޓަރިން ކަރަންޓު ކެނޑުނެވެ. މުޅި ތަން އަނދިރިވިއެވެ. ލެޕްގެ ސްކްރީނު ހުދުވިއެވެ. އެހެންވެ ކޮޓަރި ތެރެ ކޮންމެ ވެސް ވަރަކަށް އަލިވިއެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މީހާ ހާސްވަމުން ދިޔައެވެ. އަތްފައި ފިނިވަމުން ދިޔައެވެ. މޭ ހިވަނީ ނަގައި ޖެހޭހެންނެވެ.

މަޑުމަޑުން އެނދުން ތެދުވެލީމެވެ. ފޯނު އަތަށް ހެޔޮކޮށްލަމުން ފޯނުގެ ސްކުރީނު ދިއްލައިލީމެވެ. ލަސް ފިޔަވަޅު ތަކެއް އަޅަމުން ނުކުތީ މައިގެ ތެރެއަށެވެ. އަހަންނަށް ބަލައިލެވުނީ ކަރަންޓު ބޯޑަށެވެ. ބްރޭކަރު ވެއްޓިފައިވާ ތަން ފެނުމުން ޗޮކެއް ކަނޑައިލެވުނެވެ. މަޑުމަޑުން ބުރޭކަރު ހިއްލައިލީމެވެ. އެ ވަގުތު ރަމީޒުގެ ކޯލެއް ލިބުނެވެ.

"ކިހިނެއްތަވީ؟ ކީއްވެތަ ފޯނު ނުނގަނީ؟" ރަމީޒު ހާސްވެގެން އަހައިލިއެވެ.

"ބްރޭކަރު ވެއްޓުނީ. މައްސަލަ ޖެހިފަ ހުންނަތާ ދެ ދުވަސްވަނީ. ދޮންބެ ރަށުގަ ނޫޅޭތީ ރަނގަޅު ނުކުރެވިފަ." ލަސްލަހުން ބުނެލީމެވެ.
"އަހަންނަށް ދެންމެ ގުޅައިގެން ހުއްޓާ ފެނުނީ ރަމީޒުގެ ރޫމުގެ ދޮރުފޮތި ކައިރިން ކަޅު ހިޔަންޏެއް." މަޑުމަޑުން ބުނެލީމެވެ.
"ތި ދެން ވަރަށް ހެއްވާ ވާހަކައެއް،" ރަމީޒު ހިނިގަނޑެއް ޖަހައިލިއެވެ. "މީ ދޮރު ފޮތިގަނޑެއް ހުރި ކޮޓަރިއެއް ވެސް ނޫން. އަހަރެން ހައެއްކަ ފަހަރު ގުޅި އިރު ވެސް ބިޒީވެފަ ތި ފޯނު އޮންނަނީ. އޭރު ޑިސްކަނެޓްވީ ގޮތަށް ނުގުޅިގެން މި ހުރިހާ އިރެއްވީ ވެސް."
"ރަމީޒު އަހަންނާ ވާހަކައެއް ނުދަންކަންތަ ދެންމެ؟ ރަމީޒު އަހަންނަކާ ނުގުޅަންތަ؟ އޭގެ ފަހުން ވެސް ވައިބަރ ކޯލެއް ކުރީމެއް ނޫންތަ؟" ކޮޓަރިއަށް ވަދެ އެނދުގައި އިށީންނަމުން ލެޕްޓޮޕަށް ބަލައިލީމެވެ. "ބިރުން ހަލާކު ނުވީ ކިރިޔާ. އަދިވެސް މޭ ހުންނަނީ ތާށިވެފަ ހުންނަހެން. މޭ ވެސް މި ހުންނަނީ ބޮޑުވާ ގޮތް ވެފަ." (ނުނިމޭ)