ވާހަކަ

ކަރުނައިގެ އަގު

0%
0%
0%

(17 މާރިޗު 2025 އާ ގުޅޭ)

ރަހާގެ ދުނިޔެއަކީ ވާކިފް އެވެ. ކައިވެންޏަށްފަހު އޭނާ އެހެން ފިރިހެނަކާ މެދު ފިކުރު ހިންގާލާފައެއް ވެސް ނެތެވެ. ބުރަސޫރަ ރީތި ޤާބިލް ޒުވާނުން އޭނާއަށް ނުފެންނަނީކީ ނޫނެވެ. ރަހާގެ ޝައުގު ފިރިމީހާނޫން މީހަކަށް ދެވިފައިނެތީމަ އެވެ. ކުއްލިއަކަށް ޒަރަކްގެ އެ ސުވާލަށް ދޭނޭ ޖަވާބެއް ރަހާއަށް ނޭނގުނީ އެހެންވެ އެވެ.

"ހާދަ ހާސްވީ... އެއީ އަހަރެން މަޖަލަކަށް ބުނެލި އެއްޗެއް. ރަހާ ވެސް ތީ އަންހެނެއްވީމަ. އަންހެންކުދީން އަހަރެން ކަހަލަ ޑަކްޓަރެއް ސިފަކުރާނި ކިހިނެއްބާއޭ ހިތަށް އެރީ. މާބޮޑު މާނައެއްލާފައި އަހާލީއެއްނޫން." ޒަރަކް ހިނިތުންވެލި އެވެ.

ރަހާގެ ގެއާ ހަމައަށް އާދެވެންދެން ދެ ޒުވާނުންގެ ދެމެދުގައިވީ ހިމޭންކަމެވެ. އެ ހިމޭންކަން ނައްތާލުމަށް ކާރުގެ "ސްޓީރިއޯ" ޒަރަކް ހުޅުވާލި އެވެ. އެއާއެކު އިވިގެންދިޔައީ ލޯބީގެ ހިންދީ ލަވައިގެ "މިކްސްއަޕް" އެއްގެ އަޑެވެ. އޭނާ ވަގުތުން އަޑު މަޑުކޮށްލި އެވެ. ކިރިޔާ ކާރުތެރޭގައި އެ އަޑު އިވޭ ވަރަށެވެ. ޒަރަކްގެ މި ޢަމަލްތަކަށް ރަހާ ސަމާލުކަމެއް ނުދިނެއްކަމަކު އޭނާއަށް އިވެމުންދިޔަ ލޯބީގެ ލަވަތަކުން އުނދަގޫވި އެވެ. އޭގެ ސަބަބުން ހަނދާންތަކެއް އާވާންފެށީ އެވެ. ދިރިއުޅުން ލޯބީގެ އެންމެ އުހުގައި އުދުހެމުން ދިޔަ ރަންޒަމާނުގެ ދުވަސްތައް ރަހާގެ ހިތަށް ތަދުކުރަނީ އެވެ. ވާކިފްގެ މަތިން ހަނދާންވާންފެށީ މާބޮޑަށެވެ. ފިރިމީހާ ފުރައިގެންދިޔައީ ރަހާގެ އުންމީދު އާލާކޮށްދީފަ އެވެ. ނަމަވެސް ދުރަށް ދިއުމުން މިފަހަރު ވެސް ވާކިފްއަށް ރަހާއާ ވާހަކަދައްކާލަން ވަގުތުވަނީ ކިރިޔާ އެވެ. އުންމީދުގެ މައްޗަށް މާޔޫސީކަން ވެރިވާންފެށީ އެހެންވެ އެވެ. ދުވާލަކު އެއްފަހަރު ވެސް ވާކިފަށް ރަހާއަށް ގުޅާލެވޭކަމަށް ނުވާތީ އެވެ.

"ރަހާ." ކާރު މަޑުކޮށްލުމުން ވެސް ރަހާ ހަރަކާތެއް ނުކޮށް އިނީތީ ޒަރަކް ގޮވާލި އެވެ. ރަހާގެ ޚިޔާލުތަކުގެ ވާފަށް ބުރިކޮށްލީ ޒަރަކް އެވެ. އޭނާއަށް ހަޤީޤަތުގެ ތެރެއަށް ވިސްނުން ހިންގާލެވުނީ ދެނެވެ. އޭރު ޒަރަކް ވަނީ ރަހާގެ ގޭގެ ކުރިމައްޗަށް ކާރު މަޑުކޮށްލާފަ އެވެ. ރަހާ އަވަސްވެލީ ކާރުން ފައިބާށެވެ.

"ރަހާ. ހީވަނީ މިރޭ ވާރޭވޭނެހެން. ފިންޏަށް ބަލައިގެން އުޅެއްޗޭ. އަހަރެންނާއެކީ ކޭނަމަވެސް ވަރަށް ކުޑަކޮށް ކެއި. މިރޭ އަދި އިތުރު އެއްޗެއް ކެވޭތޯ ބަލައްޗޭ. ހޮޑުލެވިއްޖެއްޔާ ހަށިގަނޑުގެ ވަރުދެރަވާނެ. މި ދުވަސްކޮޅު ރަހާގެ ހަށިގަނޑަށް ވަރަށް އަރާމު ބޭނުންވާނެ. ހާލުބޮޑުވާނަމަ ގޭގައި މަޑުނުކޮށް ކުލިނިކަށް އަވަހަށް އަންނާތި. އަހަރެން ޑިއުޓީގައި ނެތަސް އަންނާނަން. ރަހާ އެކަންޏެއްނުވާނެ." ޒަރަކް ބުންޏެވެ.

ޝުކުރު އަދާކޮށްފައި ރަހާ ކާރުން ފޭބީ އެވެ. އޭނާ މަޑުކުރުމެއްނެތި ގޭގެ ދޮރޯށިން ވަދެގެން ދިޔައިރު ޒަރަކް މިއަދު އިނީ މަޑުކޮށްގެންނެވެ. އޭނާ ކާރު ދުއްވާލީ ރަހާ ގޭތެރެއަށް ވަން ފަހުންނެވެ. ހީވަނީ ދެ ޚިޔާލެއްގައި އިނދެފައި ކާރު ދުއްވާލީ ހެންނެވެ.

ޒަރަކް އެދުނު ނަމަވެސް ރަހާ ކާހިތެއްނެވެ. ރޭގަނޑު ނުވައެއް ޖަހަންވީއިރު އޭނާ އެނދަށް އަރާ އޮށޯތީ ނިދޭތޯ އެވެ. ކުޑަ ވަގުތުކޮޅަށް ނިދުނު ވެސް މެ އެވެ. ނިދިން މަހުރޫމްވީ ކޮށި އަރައިގެންނެވެ. ހޭލެވުމާއެކު ރަހާ ފުރަތަމަ ވެސް ބަލާލީ ފޯނެވެ. ވާކިފް ގުޅާފައި އޮތްތޯ އެވެ. މިފަހަރު ވާކިފް ފުރައިގެން ދިއުމުން އެހެންޏާ ނުބަލާ ވަރަށް ރަހާއަށް ފޯނު ބެލެ އެވެ. ވާކިފްގެ ކޯލެއް ލިބޭނެ އިރަކަށް އިންތިޒާރު ވެސް ކުރެ އެވެ. ފިރިމީހާގެ އަޑު އިވިލުމުން ވެސް އޭނާގެ ހަށިގަނޑުގައި އަޅާ ވޭންތަކަށް ލުޔެއް ލިބޭހެން ރަހާއަށް ހީވެ އެވެ. ނަމަވެސް އިންތިޒާރުގެ ވަގުތު ދިގުވެގެން ދިއުން ނޫންކަމެއް ނުވި އެވެ. ރަހާއަށް މިރޭ ކެތެއް ނުކުރެވުނެވެ. އޭނާ ވާކިފްގެ ނަންބަރަށް ގުޅައިފި އެވެ. ރިންގުވާތާ އިރުކޮޅެއް ފަހުން ވާކިފް ފޯނުކޯލު ނެގި އެވެ.

"އަދިވެސް ބިޒީތަ؟. އަހަރެންނަށް ގުޅާތޯ އޮވެއޮވެ ވަރުބަލިވެއްޖެ." ވަގުތުން ރަހާ ބުންޏެވެ.

"އައި މިސް ޔޫ. އަހަރެންގެ މަތިން ހަނދާން ވެސް ނުވަނީތަ؟. ހޮޓެލްގަތަ؟." ވާކިފްއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އަނެއްކާ ވެސް ވާހަކަދެއްކީ ރަހާ އެވެ.

"އައި މިސް ޔޫ ޓޫ. ހޮޓެލްގައެއްނޫން. މި ދެ ދުވަހު މިދިޔައީ ވަރަށް ބިޒީކޮށް. އެނބުރި ހޮޓެލަށް އާދެވޭއިރު ހުންނަނީ ވަރަށް ލަސްވެފައި. އެހެންވެ ޚަބަރެއްނުވެވުނީ. އެހާއިރު ރަހާ ވެސް ނިދާފައިކަން އޮންނާނީ އެނގޭތީ އެހާވަރުން ގުޅަން ނޫޅުނީ. ކަންތައްތައް މަޑުމަޑުން ހަމައަކަށް އެޅެމުން މިދަނީ. މިބަލަނީ ވީ އެންމެ އަވަހަކަށް ހުރިހާކަމެއް ނިންމާލާފައި ތިކޮޅަށް ދެވޭތޯ. އަހަރެން ބުނީމެންނު މި ޑީލް ފައިނަލް ކުރުމަށްފަހު އަހަރެން ރަހާއަށް ވަގުތު ދޭނަމޭ. ދިގު ޗުއްޓީއެއް ނަގާނަން. ރަހާ ބޭނުންކަމެއް ކުރާން. އެގޮތް ރަނގަޅެއްނު." ވާކިފްގެ ވާހަކަތަކުން ރަހާ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރާ ކަހަލަ އެވެ.

"އަވަހަށް އަންނައްޗޭ." ރަހާއަށް ބުނެވުނެވެ. އެހިނދު ރަހާއަށް ވާކިފްގެ ކޯލުގެ ތެރެއިން އަންހެނެއްގެ އަޑު އިވިގެންދިޔަ އެވެ. އެމީހަކު ވާކިފަށް ގޮވާލީ "ވީކޭ" ގެ ނަމުންނެވެ. އަދި ފޯނުކޯލުގައި ހުންނަތާ ގިނައިރުވެގެން އެ މީހަކު ޝަކުވާކުރި އަޑު ސާފުކޮށް ރަހާއަށް އިވުނެވެ. އެ އަންހެނާގެ ވާހަކައިން ވާކިފް ހުރީ ހޮޓެލަކުނޫނެވެ. ރެސްޓޯރެންޓެއް ފަދަ ތަނެއްގައިކަން ޔަޤީންކުރެވުނެވެ. ވާކިފް ހުރީ ހޮޓެލްގައެއްނޫންކަން އޭނާ އަމިއްލައަށް ވެސް ބުންޏެވެ. އެހެންނަމަވެސް ބޭރުގައި ކުރަނީ ކީއްކަމެއް އޭނާ ނުބުނެ އެވެ. ރަހާގެ ތެޅިގަތީ ތިޔަހެނެއްނޫނެވެ. އުފެދުނު ސުވާލުތަކާއެކު ނޭއްގާނީ ޚިޔާލުތަކުން ސިކުނޑި ބަރުވެގެން ހިނގައްޖެ އެވެ. އޭނާއަށް އޮށޯވެ އޮތުން ދަތިވި އެވެ. ވާކިފްއާ އެތައް ސުވާލެއް ކުރާން ހިތާއި ޟަމީރު އެދެނުނެވެ. ނަމަވެސް ދުރުގައި ހުރިއިރު ރަހާގެ ލޮލަށް އެއްވެސް ކަމެއް ނުފެންނައިރު ސުވާލުތަކެއް ކުރިކަމުގައި ވިޔަސް އެދެވޭ ޖަވާބެއް ނުލިބޭނެކަން ރަހާއަށް އެނގެނީ އެވެ.

"އަދިވެސް ވަރަށް ވިއްސާރަކޮށް މިކޮޅަކަށް އުޅެނީ. ވަރަށް ފިނި... ވާކިފް ހުރިނަމައޭ ހިތަށް އަރާ. މިރޭ ތަންކޮޅެއް ގިނައިރު ވާހަކަދައްކާލެވިދާނެތަ؟. ވަރަށް ބޮޑަށް މިސްވެގެން މިއުޅެނީ. ހޮޓެލަށް ގޮސްފައި އަހަރެންނަށް ގުޅާލަބާ." ރަހާ ބުންޏެވެ. އޭނާ ވާކިފްއާ ގިނައިރު ވާހަކަދައްކާލަން ބޭނުންވާއިރު އޭނާގެ އެހެން މަޤްޞަދެއް ވެސް އޮތެވެ. ވާކިފް އެ އުޅޭ ތަނެއްގައި އުޅެފައި އެނބުރި ހޮޓެލަށް ދާއިރެއް ބެލުމެވެ.

"ހޮޓެލަށް ދެވޭއިރު ހުންނާނީ ލަސްވެފައި. އަހަރެން ވަރަށް ވަރުބަލިވެ ނިދިއައިސްފައި ހުންނާނީ. ނިދި ބުރާންތީގައި ރަނގަޅަށް ވާހަކައެއް ވެސް ނުދެއްކޭނެ. އެހާ ހެނދުނާ ތެދުވަންޖެހޭ. އެހެންވިޔަސް މާދަމާ ހެނދުނުގެ ވަގުތެއްގައި އަހަރެން ގުޅާނަން. އެގޮތް އެންމެ ރަނގަޅުތަ؟. މިރޭ ދެން ރަހާ ވެސް ނިދާލެވޭތޯ ބަލާ. ރަނގަޅަށް ރެސްޓްކޮށްލާ. އޯކޭ... ބާއްވަނީ އިނގޭ. ބާއި. ގުޑްނައިޓް." ވާކިފް ރޭގަނޑުގެ ވަކިވުމުގެ ސަލާމްކޮށްލާފައި ފޯނުކޯލު ނިންމާލީ އެވެ.

ހިމޭންކަމުގައި އެތައް އިރަކު ފޯނަށް ބަލަހައްޓައިގެން ރަހާ އެނދުގައި އިނެވެ. އޭނާގެ ސިކުނޑިއަށް ކުޅަދާނަނުވީ ފަދައަކުން އެނދުން ފައިބާ ކޮޓަރިތެރޭ ދެކޮޅަށް ހިނގަންފެށި އެވެ. ނިދާކޮޓަރީގެ ހަތަރުފާރުގެ ތެރޭ އޭނާ ފިތެނީހެން ހީވާންފެށުމުން ސިޓިންރޫމަށް ނުކުތެވެ. ކެތްތެރިގެން ގެއްލިގެން ދިޔައީ އެހިސާބުންނެވެ. ކުރެވެމުންދިޔަ އެކި ޚިޔާލުތަކާއެކު ރަހާގެ ދެ ލޮލުން ކަރުނަތައް އޮހެންފެށީ އެއްވެސް ހިފެހެއްޓުމެއްނެތި އެވެ. ވާކިފްއާއެކު ދަތުރުގައި އަންހެނަކު ބައިވެރިވާކަމެއް ރަހާ ނުދެނަހުއްޓެވެ. އެކަމުގެ ތަފްސީލެއް ވާކިފް ނުވެސް ދެ އެވެ. ރަހާ ސުވާލެއް ކުރިޔަސް ވާކިފް ޖަވާބު ދޭނީ އެ ސުވާލެއްގެ އެއްބަޔަށެވެ. ކަމެއް އޮޅުންފިލާވަރުވާނީ އެތައް ސުވާލެއް ރަހާ ކުރާ ފަހުންނެވެ.

ރޮއިރޮއި ރަހާގެ ހާލު މާބޮޑަށް ގޯސްވާންފެށި އެވެ. އޭނާގެ ނޭވާ ކުރުވާގޮތްވެ ކޮށިއަރަންފެށި އެވެ. އޭނާގެ މޭގައި ރިއްސާވަރުން ދެ އަތުން މޭގައި އަތްއަޅައި އޮބައިގަތެވެ. ހުރި ދިމާތިރީގައި ރަހާ އިށީނދެއްޖެ އެވެ. އަތުތެރޭ އޮތް ފޯނު ވައިބްރޭޓްވާން ފެށީ އެވަގުތެވެ. ފޯނުކޯލު ނެގި ގޮތަށް ރަހާ ވާހަކަދައްކަންފެށީ އެވެ.

"ވާކިފް. އަހަރެން މަރުވެދާނެ. ހިތްދަތިވެގެން ގޮސް މަރުވެދާނެ... ހާދަ ވޭނެއް އަޅައޭ. އަހަރެން ހާދަ ކެތްކުރަމޭ. އަހަރެންނަށް ތިހެން ނުހަދަފާނަންތަ؟. ޕްލީޒް... އަހަރެން އެކަނިކޮށްނުލާފާނަންތަ؟. އަހަރެން އިތުރަށް ކީއްތަކުރަންވީ؟. ކީއްވެތަ އަހަރެންނަށް ދޮގު ހަދަނީ؟. ކީއްވެތަ އަބަދު އޮޅުވާލުމެއްގައި އަހަރެން ތި ބަހައްޓަނީ؟." ރަހާ ރޮމުން ގިސްލަމުން ދިޔަ އެވެ. އޭނާއަށް ގުޅީ ވާކިފްނޫންކަން އެނގުނީ ޒަރަކްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.

"ރަހާ... ރަހާ... އަހަރެން... ޒަރަކް. ޑަކްޓަރ ޒަރަކް... އާ ޔޫ އޯކޭ." އިންތިހާ ކަންބޮޑުވުމާއި ހާސްކަން ޒަރަކްގެ އަޑުގައިވި އެވެ. ރަހާއަށް ވާހަކައެއް ނުދެއްކުނެވެ. އޭނާއަށް ރޮވެނީ އެވެ.

"ރަހާ ވާހަކަދައްކަބަލަ. ކިހިނެއްވީ؟. ކީއްވެ ރޮނީ؟. ފިރިމީހާ ކޮބާ؟. ރަހާ... އަހަރެން އެބަދަން... ގޮސްފައި ގުޅާނަން." ޒަރަކް ނިކަން އަވަހަށް ބުނެފައި ފޯނުކޯލު ކަނޑާލައިފި އެވެ.

ފޯނު ދޫކޮށްލާފައި ރަހާއަށް މޫނުގައި ދެ އަތް އަޅާލެވުނެވެ. އޭނާގެ ފޯނަށް ވާކިފް ނޫނީ ގުޅާނޭ މީހަކު ނެތްތާ އަހަރުތަކެއް ވެއްޖެ އެވެ. ފޯނުކޯލު ނެގިގޮތަށް އޭނާއަށް އެ މޭރުމުން ވާހަކަދެއްކުނީ އެހެންވެ އެވެ. ފަހަރެއްގައި ވެސް އެ ކޯލަކީ ޒަރަކްގެ ކޯލަކަށްވެދާނޭ ހިތަކަށް ނާރަ އެވެ. އަމިއްލަ ނަފްސު ހިފަހައްޓާނޭ ހިތްވަރެއް މިވަގުތު ރަހާގެ ނެތެވެ. ހިތްދަތިވެގެން އޭނާ މަރުވެދާނޭ ހީވަނީ އެވެ.

ސިޓިންރޫމުގެ ކަނެއްގައި ބިތްޖެހިފައި އިންހެން ރަހާ އިނީ ދެ ލޯ މަރާލައިގެންނެވެ. ގައިގާ އެއްވެސް ހަކަތައެއްނެތް މީހަކު ފަދަ އެވެ. މެރިފައި ދެ ލޮލުން ފޭދިގެން އޭރު ވެސް މެދުކެނޑުމެއްނެތް ކަރުނައިގެ ރޮނގު ކޯތާފަތުން ތިރިއަށް ދެމިފައިވާތީ ފެނެ އެވެ. ރަހާގެ ފޯނު ވައިބްރޭޓްވާން ފެށި އެވެ. ފޯނަށް ބަލާލާކަށް އޭނާ ބޭނުމެއްނުވި އެވެ. ހަރަކާތެއްނުކޮށް އިންގޮތަށް އޭނާ އިނީ އެވެ. ހަތަރު ފަސްވަރަކަށްފަހު ފޯނު ވައިބްރޭޓްވެ ކެނޑުނުފަހުން އޭނާ ފޯނުކޯލު ނެގި އެވެ. ކަންފަތުގައި ޖެހުނީ ޒަރަކްގެ ހާސްވެފައިވާ އަޑެވެ. އަރަންވީ ކޮންބަޔަކަށްތޯ އޭނާ ސުވާލުކުރަންފެށި އެވެ. އެތައް ފަހަރަކު އެހިފަހުން ރަހާ އޭނާ ދިރިއުޅޭބައި ބުނެފި އެވެ. މަދު ސުކުންތުކޮޅެއްގެ ތެރޭ ދެން އިވެންފެށީ ރަހާގެ އެޕާޓްމެންޓް ދޮރުގައި ޓަކިދޭންފެށި އަޑެވެ. އިންތަނުން ތެދުވަން އުޅެނިކޮށް ރަހާ ވެއްޓުނެވެ. ދެން އަނެއްކާވެސް އޭނާ ބާރުލައި ހަށިގަނޑު ކޮޅަށް ނަގައިފި އެވެ. ދޮރުހުޅުވާލުމާއެކު ޒަރަކް އެތެރެއަށް ދެމިގަތީ ނުހަނު ހަލުވިކޮށެވެ. އޭނާއަށް ރަހާ ފެނުމާއެކު ގޮވާލެވުނީ އިންތިހާ ކަންބޮޑުވެފަ އެވެ. ކިހިނެއްވެފައިހޭ ތިހުރީ އަހާފަދަ އެވެ.

"ޑަކްޓަރ... އަހަރެން މަރުވަނީ ކަންނޭނގެ." ރަހާއަށް ބުނެވުނެވެ.

"ހާދަ ހޫނޭ... ތިއޮއް ހުމާ ފިހެނެނީނު. ހިނގާ އަހަރެންނާއެކީ." ރަހާގެ ދެ ކޮނޑުގައި ހިފަހައްޓާލާފައި ޒަރަކް ކަނާއަތް ޖައްސާލީ ރަހާގެ ނިތްކުރީގަ އެވެ. ރަހާއާ ކައިރީގައި މަޑުކޮށްލި ވަގުތު އޭނާގެ ގައިން ހޫނު އަރާހެން ޒަރަކްއަށް ހީވެގެންނެވެ. އިތުރު ބަހެއް ނުބުނެ ޒަރަކްއަށް ފެނުނީ ރަހާ އަރިއަޅާލިތަނެވެ. ސިހިފައި ރަހާއަށް ޒަރަކް ގޮވާލީ ތަންކޮޅެއް ބާރަށެވެ. އަދި ހުސިޔާރުކަމާއެކު ރަހާގެ ގައިގާ ޒަރަކް ހިފަހައްޓައިފި އެވެ. އަތްދަނޑިމައްޗަށް ރަހާ އުފުލާލާފައި ސޯފާގައި ޒަރަކް އައިސް ރަހާ ބާއްވާލި އެވެ. އޭނާ ވިސްނާލި އެވެ. ދެން ގޭތެރެ ހޯދާލި އެވެ. އެއްފަރާތު ފާރުކައިރީ ބަހައްޓާފައި ހުރި "ޗެސްޓް ޑްރޯވަރ" މަތީގައި ހުރި ބިއްލޫރި ތަށްޓެއްގެ ތެރޭ ތަޅުދަނޑިފަތި އޮއްވާ ޒަރަކްއަށް ފެނުނެވެ. އޭނާ އެ ނަގައިގެން އައިސް އެއީ އެ ޕާޓްމެންޓްގެ ތަޅުދަނޑިތޯ ޗެކްކޮށްލި އެވެ. މައިދޮރުގެ ތަޅު އޭގައިވާ ކާޑުން ހުޅުވުނީތީ އެ ތަޅުދަނޑިފަތި ޒަރަކްގެ ޖީބަށް ލައިފި އެވެ. އަދި އަނެއްކާވެސް އޭނާގެ އަތްދަނޑިމައްޗަށް ރަހާ އުފުލާލައިގެން ގެއިން ނުކުމެއްޖެ އެވެ. އޭނާގެ އަތްމަތީގައި އޮތް އަންހެންކުއްޖާގެ ހަށިގަނޑު ލުއިކަމުން ޒަރަކް ހައިރާންވާވަރުވި އެވެ. އެ ހަށިގަނޑު ނިކަމެތިވެފައިވާވަރު ޒަރަކްގެ ހިތަށް ތަސައްވުރު ކުރެވުނެވެ. އޭނާގެ ހިތަށް އުނދަގޫވެ ރިހެންފެށި އެވެ. މިފަހަކަށް އައިސް އޭނާއަށް ރަހާ ތަކުލީފުގައިވާތަން ފެންނަ ކޮންމެފަހަރަކު އެ އިޙްސާސްތައް އޭނާގެ ނަފްސު ވަށާލަ އެވެ.

ގޭގެ ދޮރޯށިން ނުކުމެވެންދެން ޒަރަކްގެ ނަޒަރު ވަނީ އަތްދަނޑިމަތީ އޮތް ރަހާއަށް ހުއްޓިފަ އެވެ. އެ މޫނުގައިވާ ހިތްދަތިކަން ފާޅުކޮށް ފެންނަން ހުއްޓެވެ. ރޮއިރޮއެ އެ ދެ ލޯ ރަތްވެ ދުޅަވެފައިވާތީ ފެނެ އެވެ. އެ ދޮން މޫނުމަތިން ޖަންބުކުލަ ކެނޑި ހުދުވެފައިވާތީ ފެނެ އެވެ.

"އަހަރެންނަކަށް ނުވިސްނުނު... ކިހިނެއް؟. ކީއްވެ؟. އަހަރެންގެ އިޙްސާސްތަކާއި ޖަޒުބާތުތައް ހިފަހައްޓަން ދަތިވެއްޖެ. މީ ހަމައެކަނި ހަމްދަރުދީއެއްނޫން... އަހަރެންނަށް ލޯބިވެވުނީތަ؟. މި އަންހެންކުއްޖާދެކެތަ؟. އެކަމަކު އެއީ މީހެއްގެ ހައްޤެއްނޫންތަ؟." ރަހާ ގޮވައިގެން އައިސް ކާރަށް އަރަންދެން ޒަރަކްގެ ޚިޔާލުތަކުގައިވި އެވެ. އޭނާގެ ހިތާއި ސިކުނޑި ކުރާ ޒުވާބުގައި އަމިއްލަ ޟަމީރު ވެސް ބައިވެރިވަމުން ދިޔަ އެވެ. ކާރު ދުއްވަމުންދިޔައިރު އިރުއިރުކޮޅުން ފަހަތު ސީޓުގައި ބާއްވާފައި އޮތް ރަހާއަށް ޒަރަކްއަށް ބަލާލެވެ އެވެ.

"އަހަރެން މިއުޅެނީ ކީއްކުރަން؟." ޒަރަކްއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ.

(ނުނިމޭ)

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345