ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ އަބުރަށް ލިބުނު ގެއްލުމަށް 10 މިލިއަން ރުފިޔާ ނަގަން ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަބުރުފުޅަށް ގެއްލުން ލިބޭ ގޮތަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ކުރެއްވި ޓްވީޓުގެ ސަބަބުން އަބުރަށް ގެއްލުންވެފައިވާތީ ބަދަލަށް 10 މިލިއަން ރުފިޔާ ނަގަން ނަޝީދު ފަރާތްޕުޅުން ސިވިލް ކޯޓުގައި މިއަދު ދައުވާ އުފުލައިފި އެވެ.

މެންބަރު އިބްރާހީމް ޝަރީފު މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 1:37 ހާއިރު ކުރެއްވި ޓްވީޓެއްގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލަން 50 މީހަކު މަރާލައި އެ މީހުންގެ މަރުތައް ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން ރައީސް ނަޝީދު ރޭއްވެވި ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އެކަން ހުއްޓުވަން އެމްޑީޕީގެ އޭރުގެ ޕާލިމެންޓްރީ ގްރޫޕުން ގަރާރެއް ފާސްކުރި ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

ޝަރީފު އިތުރަށް ވިދާޅުވެފައިވަނީ 50 މީހުން މެރުމަށް ނަޝީދު އުޅުއްވީ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ކަމަށާއި ރާވާފައި އޮތީ އެ ކުލީ ސިފައިން ނޫސްވެރިންގެ ގޮތުގައި ރާއްޖެ ގެނެސް އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރެއިން 50 މީހުން މަރާލުމަށް ކަމަށެވެ.

ނަޝީދުގެ ފަރާތްޕުޅުން އަބުރުގެ މައްސަލައިގައި ކޯޓަށް މައްސަލަ ހުށަހެޅުއްވި ލޯ ފާމުން ބުނެފައިވަނީ ޝަރީފް އަބުރާބެހުމުގެ އަމަލެއް ހިންގާފައިވާ ކަމަށް ކަނޑައަޅައި އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު އޭނާގެ ކިބައިން ނަަގައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.