ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަބުރުފުޅަށް ގެއްލުން ލިބޭ ގޮތަށް މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ކުރެއްވި ޓްވީޓުގެ ސަބަބުން އަބުރަށް ގެއްލުންވެފައިވާތީ ބަދަލަށް 10 މިލިއަން ރުފިޔާ ނަގަން ނަޝީދު ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބަލައިގެންފި އެވެ.
އަވަސްއަށް މައުލޫމާތު ދެއްވަމުން ސިވިލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ ނޮވެމްބަރު 28 ވަނަ ދުވަހު ކޯޓަށް ބަލައިގެންފައިވާ ކަމަށެވެ.
ނަމަވެސް މައްސަލަ ބަލައިގެންފައިވާ ވަކި ދުވަހެއް ކޯޓުން ބުނެފައެއް ނުވެ އެވެ.
މެންބަރު އިބްރާހީމް ޝަރީފު ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 1:37 ހާއިރު ކުރެއްވި ޓްވީޓެއްގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލަން 50 މީހަކު މަރާލައި އެ މީހުންގެ މަރުތައް ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން ރައީސް ނަޝީދު ރޭއްވެވި ކަމަށް ވަނީ ވިދާޅުވެފައިވެ އެވެ. އަދި އެކަން ހުއްޓުވަން އެމްޑީޕީގެ އޭރުގެ ޕާލިމެންޓްރީ ގްރޫޕުން ގަރާރެއް ފާސްކުރި ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
ޝަރީފު އިތުރަށް ވިދާޅުވީ 50 މީހުން މެރުމަށް ނަޝީދު އުޅުއްވީ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ކަމަށާއި ރާވާފައި އޮތީ އެ ކުލީ ސިފައިން ނޫސްވެރިންގެ ގޮތުގައި ރާއްޖެ ގެނެސް އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރެއިން 50 މީހުން މަރާލުމަށް ކަމަށެވެ.
ނަޝީދުގެ ފަރާތްޕުޅުން އަބުރުގެ މައްސަލައިގައި ކޯޓަށް މައްސަލަ ހުށަހެޅުއްވި ލޯ ފާމުން ބުނެފައިވަނީ ޝަރީފް އަބުރާ ބެހުމުގެ އަމަލެއް ހިންގާފައިވާ ކަމަށް ކަނޑައަޅައި އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު އޭނާގެ ކިބައިން ނަަގައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މިމައްސަަލައިގައި ނަޝީދު މީގެކުރިން ވިދާޅުވީ އެމަނިކުފާނަށް ސިޔާސީ ގޮތުން ކިތަންމެ ވަރަކަށް ފާޑުކީ ނަމަވެސް މީހަކު ގޮވައިގެން ކޯޓަށް ވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް ޝަރީފް ކުރައްވަނީ އެތަށް ބައެއްގެ މަރާ ގުޅުވާ، ޖިނާއީ ވަރަށް ބޮޑު ކުށެއްގެ ތުހުމަތުކަމަށްވާތީ އެކަމުގެ ހަގީގަތް ހާމަކޮށްދޭން ބޭނުންވާތީ އަބުރުގެ ދައުވާ ކުރެއްވީ ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.