ތިލަމާލެ ބްރިޖް

ތިން މަސްތެރޭ ބްރިޖު މަސައްކަތް ފަށާނެ

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލަން އަޅާ، ތިލަ މާލެ ބްރިޖްގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް ފްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ބްރިޖްގެ އެންމަހުގެ މަސައްކަތާއި ގުޅޭ ގޮތުން އަވަސް އިން ސުވާލު ކުރުމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މިހާރު އަމަލީ މަސައްކަތަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެގޮތުން ބްރިޖްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓަރަކްޗާއިން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ބްރިޖް ޑިޒައިން ކުރުމުގެ މަސައްކަތް ތިން މަސް ތެރޭގައި ނިމޭނެ ކަމަށާއި އޭގެ ފަހުން އަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލާ ބްރިޖުގެ އަޅަން އިންޑިއާގެ އެފްކޮންސް އިންފްރާސްޓަރަކްޗާ އާއެކު އެއްބަސްވެ ދިވެހި ސަރުކާރުން ސޮއިކުރީ މިމަހުގެ 26 ވަނަ ދުވަހުގަ އެވެ.

ބްރިޖު އަޅަން ހަވާލު ކޮށްފައިވާ އެފްކޮން ކުންފުންޏަކީ އިންޑިއާގެ ޓާޓާ ކުންފުންޏާ ގުޅުން އޮންނަ ކުންފުންޏެވެ. ނުވަތަ އެ ކުންފުނީގެ ސިސްޓާ ކުންފުންޏެކެވެ. އިންޑިއާގައި ގާތްގަނޑަކަށް 60 އަހަރުގެ ދިގު ތާރީހެއް އޮތް މި ކުންފުންޏަކީ އިންޑިއާގައި މިފަދަ މަސައްކަތް ކުރަން އެންމެ ގާބިލް އެއް ކުންފުންޏެވެ. މި ކުންފުނިން މިހާތަނަށް ހިންގި ބައެއް މަޝްރޫއުތަކުގެ ތެރޭގައި އިންޑިއާގެ އިރުން ހުޅަނގަށް ގުޅުވައިދޭ ޓްރާންސް ގަބޮނީސް ރޯޑް ޕްރޮޖެކްޓް ހިމެނެ އެވެ. އަދި އެފްރިކާގެ ގާނާގައި އަޅާ ވޮލްޓާ ރެއިލްވޭ ބްރިޖްގެ މަސައްކަތް ކުރަނީ ވެސް އެ ކުންފުންޏެވެ.

ބްރިޖް އަޅާ މި މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި މި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ. ކްރެޓިޑް ލައިންއަކީ ލޯނުތަކާ ހިލާފަށް ސަރުކާރަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ދައްކަން ޝަރުތުކޮށް ނުވަތަ ނުދައްކައި ދަންމާލެވޭ ގޮތަށް ދޫކުރާ ދަރަންޏެކެވެ.

ތިލަމާލެ ބްރިޖް ޕްރޮޖެކްޓްއަކީ ރައީސް އިބްރާހިމް ސޯލިހް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 2019 ވަނަ އަހަރު އިންޑިޔާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރް އަރިހުގައި ކުރިއަށް ގެންދިއުމަށް އެހީތެރި ކަމަށް އެދި ވަޑައިގެންނެވި ޕޮރޮޖެކްޓެކެވެ. ސަރުކާރުން ވަނީ މި މަޝްރޫގެ މަސައްކަތް ދެއަހަރު ދުވަސް ތެރޭގައި ނިމޭނެ ކަމަށް ބުނެފަ އެވެ.