މާލެ- ވިލިމާލެ - ތިލަފުށި އަދި ގުޅީފަޅު ގުޅާލަން އަޅާ ބްރިޖުގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ފަށަން ބޭނުންވާ ސާމާނު ގެނެސްފި އެވެ.
މި ސަރުކާރުގެ ފުރަތަމަ އަހަރު ފަށަން ނިންމި ބިޔަ މި މަޝްރޫއުގެ އެންމެ މުހިންމު ބައި ކަމަށްވާ ބްރިޖު އަޅަން ބޭނުންވާނެ ޓެކްނިކަލް މައުލޫމާތު ހޯދަން ކަނޑާއި އެއްގަމުގެ އެކި ހިސާބު ތޮރުފައިގެން ހަދާ "ޖިއޯޓެކްނިކަލް ސާވޭ" ހަދަން ބޭނުންވާ ސާމާނު ގެނައުމާ ބެހޭ ގޮތުން ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ކުރު ނޫސްބަޔާނެއްގައި ބުނީ މާލެ ތިލަފުށި ގުޅާލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން ތައްޔާރުކުރާ ޑީޓެއިލް ޑިޒައިން އަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި ދެ ދުވަހުގެ ތެރޭގައި މި މަސައްކަތް ފެށޭނެ ކަމަށް ބުނެފައިވެ އެވެ.
ތިލަމާލެ ބްރިޖުގެ ޓެކްނިކަލް ސާވޭގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެސް ބްރިޖުގެ ސާވޭއެއް ކުރި އެވެ. އެފަހަރު ސާވޭއާ ބެހޭ ގޮތުން ސަރުކާރުން އޭރު ބުނީ ސާވޭގެ މަސައްކަތް މި އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
އެ މަސައްކަތުގެ ދަށުން މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން، ވިލިނގިއްޔާއި ގުޅީފަޅުގެ ދެކުނުފަރާތުގެ މޫދާއި އަދި ތިލަފުށީގެ އިރުދެކުނު ކޮޅާއި ދެމެދު އެއް ކިލޯ މީޓަރުގެ ފުޅާމިނުގެ ސަރަހައްދެއްގައި ކަމަށްވެސް ބުނެފައިވެ އެވެ. އެ މަސައްކަތް ފެށުމާއެކު ވިލިނގިއްޔާއި މާލެއާ ދެމެދު ސާވޭއަށް ހާއްސަ އުޅަނދެއް ހަރަކާތްތެރިވެފައިވެ އެވެ. މި ސާވޭ ހެދީ "ފޯސައިޓް ސާވެއާސް" އިންނެވެ.
ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 26، އޮގަސްޓް 2019 ގަ އެވެ. އެފްކޯންސް އަކީ އައްޑު އަތޮޅުގެ މަގުތައް ހެދުމުގެ މަޝްރޫއު ވެސް ހިންގާ ކުންފުންޏެވެ. އިންޑިއާއިން ވަނީ ބްރިޖުގެ މަސައްކަތް ހަލުވި ކުރުމުގެ ގޮތުން ހިލޭ އެހީގެ ގޮތުގައި އިތުރު 15 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 231.3 މިލިއަން ރުފިޔާ) ވެސް ދީފަ އެވެ.
ބްރިޖް އަޅާ މި މަޝްރޫ އަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާ އިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި މި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެ އަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ. ކްރެޓިޑް ލައިންއަކީ ލޯނުތަކާ ހިލާފަށް ސަރުކާރަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ދައްކަން ޝަރުތުކޮށް ނުވަތަ ނުދައްކައި ދަންމާލެވޭ ގޮތަށް ދޫކުރާ ދަރަންޏެކެވެ.
ތިލަމާލެ ބްރިޖުގެ މި އަހަރު ފެންނަ ވަރުވާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، ބްރިޖު ހުންނާނެ ގޮތުގައި ހިޔާލީ ކުރެހުމެއްވެސް ސަރުކާރުން ދައްކާފައިވެ އެވެ.
ބްރިޖުގެ މަސައްކަތް ފެށިގެންދާއިރު މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން މާލެ އިންޑަސްޓްރިއަލް ވިލެޖުން ބޮޑު ބައެއް މިހާރު ވަނީ ހުސްކޮށްފަ އެވެ.