ތިލަމާލެ ބްރިޖް

ބުރިޖުގެ މަސައްކަތަށް އިންޑިއާއިން އިތުރު 15 މިލިއަން ޑޮލަރު

ތިލަމާލެ ބްރިޖު އަޅަން، އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި އިތުރު 15 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 231.3 މިލިއަން ރުފިޔާ) ދީފި އެވެ.

މި ގްރާންޓް ދިނީ މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލާ ތިލަމާލެ ބުރިޖުގެ މަސައްކަތް ފެށުން އަަވަސް ކުރުމުގެ ގޮތުން އެ މަސައްކަތަކަށް ބޭނުންވާ މީހުނާ ތަކެތި ގެނައުމަށެވެ. މަސައްކަތް ފެށުމުގެ ގޮތުން އިންޑިއާއިން މީގެ ކުރިން ވަނީ އިންޑިއަން އެގްޒިމް ބޭންކް މެދުވެރިކޮށް 60 މިލިއަން ޑޮަލަރު (925.2 މިލިއަން ރުފިޔާ) ވެސް ދީފަ އެވެ.

ތިލަމާލެ ބުރިޖު އަޅަން އިންޑިއާގެ އެފްކޮންސް އިންފްރާސްޓަރަކްޗަރު ކުންފުންޏާ ހަވާލުކުރީ މިދިޔަ އޮގަަސްޓު މަހު 21 ވަނަ ދުވަހު އެވެ. އަދި ބުރިޖު އަޅަން ކުރާ ޖެހޭ ސާވޭގެ މަސައްކަތްތައް އެފްކޯންސްގެ ސަބްކޮންޓްރެކްޓަރެއް ކަމަށްވާ ފޯސައިޓް ސާވެއާސް އިން މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ ފަށައިފަ އެވެ.

ބްރިޖުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެކަމަކު ވެރިކަމުގެ މިދައުުރުގެ ތެރޭގައި ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާނުލެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

ޖުމްލަ 6.74 ކިލޯ މީޓަރުގެ ތިލަމާލެ ބްރިޖުގެ މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ. ކްރެޓިޑް ލައިންއަކީ ލޯނުތަކާ ހިލާފަށް ސަރުކާރަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ދައްކަން ޝަރުތުކޮށް ނުވަތަ ނުދައްކައި ދަންމާލެވޭ ގޮތަށް ދޫކުރާ ދަރަންޏެކެވެ.