ތިލަމާލެ ބްރިޖް

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ޖައިޝަންކަރު ބައްލަވާލައްވައިފި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް މިއަދު ބައްލަވާލައްވައިފި އެވެ.

ތިލަމާލެ ބްރިޖު މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ޖައިޝަންކަރު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ގުޅުން އިތުރުވެ އިގްތިސާދަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

ޖައިޝަންކަރު އަރިހުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްދަތަލިބްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މާލެ އާއި ތިލަފުށި އަދި ގުޅިފަޅު ގުޅާލުމަށްޓަކައި ހަދަމުންދާ ތިލަމާލެ ބްރިޖަކީ އެތައް ބައެއްގެ އުއްމީދާ ގުޅިފައިވާ ބިޔަ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއު ނިމި ބްރިޖު ބޭނުންކުރަން ފެށުމުން ދަތުރުކުރުމުގައި އެތައް ބަޔަކަށް އެތައް ލުޔެއް ލިބިގެންދާނެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ތިލަމާލެ ބްރިޖު މަޝްރޫއު ފެށި ނަމަވެސް އޭރު މި މަސައްކަތް އެހާ ބާރު ދުވެލީގައި ކުރިއަށް ދިޔަ މަންޒަރެއް ނުފެނެ އެވެ. އެއީ އެތައް ބައެއްގެ ފާޑުކިޔުން އޭރު ރައީސް ސޯލިހްގެ ސަރުކާރަށް އަމާޒުވެސްވީ ސަބަބެކެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ތިލަމާލެ ބްރިޖު މަޝްރޫއުގެ ދުވެލި ވަނީ ބާރުކުރުވާފަ އެވެ. ނަތީޖާއެއްގެ ގޮތުން އިންޑިއާގެ އެފްކޮންސް ކުންފުނިން ކުރިއަށް ގެންދާ ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ 45 ޕަސަންޓް މަސައްކަތް މިހާރު ވަނީ ނިންމާފަ އެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް 2، 2022 ގައެވެ. މިމަޝްރޫއު ސެޕްޓެމްބަރު 2026 އަށް ނިންމާލެވޭނެ ކަމަށާއި މަޝްރޫއުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ޝެޑިއުލަށްވުރެ އަވަސްކޮށް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މައުލޫމާތުދެ އެވެ.

ބްރިޖުގެ އެންމެ މުހިއްމު މަސައްކަތް ކަމަށްވާ ތަނބުތަކުގެ ޕައިލިން މަސައްކަތަށް ހާއްސަ އިސްކަމެއް ދީގެން އެ މަސައްކަތުގެ ދުވެލިވެސް ވަނީ ބާރުކުރުވާފަ އެވެ.

ގާތްގަނޑަކަށް 6.6 ކިލޯ މީޓަރުގެ ބްރިޖްތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާ އިންނެވެ.