މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލައި، އެ މިނިސްޓްރީގެ ބައެއް މަސައްކަތްތައް އެހެން މިނިސްޓްރީތަކުގެ ދަށަށް ބަދަލުކޮށް އައްޔަންކުރެއްވި ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
މި މައްސަލަ ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވީ މަޖިލީހުގެ ދައުރުން ބޭރުގައި ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގަ އެވެ.
ކޮމިޓީން ވަނީ ހަތަރު ވަޒީރުންނަށްވެސް ރުހުންދޭން ފެންނަ ކަމަށް ފާސްކޮށްފަ އެވެ.
ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ ބައެއް މަސައްކަތްތައް އެހެން މިނިސްޓްރީތަކުގެ ދަށަށް ބަދަލުކޮށް އެ މިނިސްޓްރީތަކުގެ ޕޯޓްފޯލިއޯތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަދަލުތކެއް ގެންނެވީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ.
އެގޮތުން ހައުސިން މިނިސްޓްރީން ކުރަމުންދިޔަ ޕްލޭނިންގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، ފިނޭންސް މިނިސްޓްރީގެ ނަން ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއަށް ބަދަލުކޮށްފަ އެވެ. އެ މިނިސްޓްރީއަށް އައްޔަންކުރެއްވި މޫސާ ޒަމީރުއަށް ރުހުން ދޭން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 69 މެންބަރުންގެ އިއްތިފާގުންނެވެ.
ހައުސިން އާއި އިންފްރާސްޓްރަކްޗާ އެއްކޮށްލުމަށްފަހު އެ މިނިސްޓްރީގެ ނަން ވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލުކޮށްފަ އެވެ. އެ މިނިސްޓްރީއަށް އައްޔަންކުރެއްވި ޑރ. އަބްދުﷲ މުއްތަލިބް އަށް ރުހުން ދޭން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 70 މެންބަރުންގެ އިއްތިފާގުންނެވެ.
ކުރިން ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރު އަހްމަދު އައްޔަންކުރައްވާފައިވަނީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓަށެވެ. ހައިދަރަށް ރުހުން ދޭން ފެންނަ ކަމަށް 63 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ހަ މެންބަރުން ވޯޓު ދެއްވި އެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓަރަކަށް ކުރިން ހުންނެވި ޑރ. މަރިޔަމް މާރިޔާ އައްޔަންކުރައްވާފައިވަނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ މިނިސްޓަރު ކަމަށެވެ. މާރިޔާއަށް ރުހުން ދޭން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 70 މެންބަރުންގެ އިއްތިފާގުންނެވެ.