ތިލަމާލެ ބްރިޖު މަޝްރޫއު އަވަސްކުރުމަށް ބާރުއެޅުމަށް އިންޑިއާ ސަރުކާރާ މަޝްވަރާކޮށްފި އެވެ.
މިމަޝްވަރާތައް ކުރިއަށް ދިޔައީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ އާ ސަފީރު ބަލަސުބްރަމާނިއަން ބައްދަލުކުރައްވައި ދެކެވުނު ވާހަކަތަކުގެ ތެރެއިންނެވެ.
ހައުސިން މިނިސްޓްރީން ބުނީ މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކާއި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.
ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ކަމަށް ބަލަސުބްރަމާނިއަން އައްޔަންކުރީ މިދިޔަ ނޮވެމްބަރު މަހު ކަމަށްވީ ނަމަވެސް މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެރުއްވީ މިދިޔަ ޖެނުއަރީ ހަވަނަ ދުވަހު އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ތިލަމާލެ ބްރިޖުގެ މަސައްކަތް ފެށީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ތިލަފުށްޓާއި ގިރާވަރު އަދި ގިރާވަރާއި އުތުރު ތިލަފަޅު ގުޅާލުމަށް އަޅަންޖެހޭ ބްރިޖުގެ އަމަލީ މަސައްކަތް 2026 ވަނަ އަހަރު ފަށާނެ ކަމަށް ވަނީ އިއުލާންކުރައްވާފަ އެވެ.
ތިލަމާލެ ބްރިޖުގެ 48 ޕަސަންޓް މަސައްކަތް ނިމިފައިވާއިރު 2026 ވަނަ އަހަރު މިމަޝްރޫއު އެއްކޮށް ނިމޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.