ތިލަމާލެ ބްރިޖް

ތިލަމާލެ ބްރިޖުގެ މަސައްކަތް ތާވަލާ އެއްގޮތަށް ނިންމުމަށް މަޝްވަރާކޮށްފި

ތިލަމާލެ ބްރިޖުގެ މަސައްކަތް ތާވަލާ އެއްގޮތަށް ނިންމުމާ ގުޅޭގޮތުން އިންޑިއާގެ އިސްވެރިންނާ އެކު އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މަޝްވަރާކުރައްވައިފި އެވެ.

މިނިސްޓަރު މި މަޝްވަރާތައް ކުރެއްވީ އިންޑިއާއަށް އެމަނިކުފާނު ކުރެއްވި ރަސްމީ ދަތުރެއްގައި އެ މަޝްރޫއާ ބެހޭ ގޮތުން ބޭއްވި ހާއްސަ ބައްދަލުވުމެއްގަ އެވެ.

މިނިސްޓަރު ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތާ ގުޅޭ 12 ވަނަ ޖޮއިންޓް ޕްރޮޖެކްޓް މޮނީޓަރިން ކޮމިޓީގެ ކޯ ޗެއާ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު މުނޫ މަހާވަރާ އެކު އެ ކޮމިޓީގެ ކޯ ޗެއާކަންވެސް ކުރައްވާފަ އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ތާވަލާ އެއްގޮތަށް ތިލަމާލެ ބްރިޖުގެ މަސައްކަތް ގެންދިއުމަށް ސްޓްރެޓީޖިކް އަދި ޓެކްނިކަލް ލެވެލެއްގައި މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.

މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ މަގުސަދަކީ މިނިސްޓަރާއި ސްޓޭކްހޯލްޑަރުންގެ ހީވާގި ބައިވެރިވުމާއެކު ކަނޑައަޅާފައިވާ ތާރީހަށް މަޝްރޫއާ ގުޅޭ މަސައްކަތްތައް ގެންދިޔުން ކަމަށެވެ.

ތިލަމާލެ ބްރިޖުގެ 43.59 ޕަސަންޓް މަސައްކަތް މިހާރު ވަނީ ނިންމާފަ އެވެ. މި މަޝްރޫއު ނިމޭނެ ކަމަށް ސަރުކާރުން ބުނެފައިވަނީ 2025ގެ ފަހުކޮޅަށް ނުވަތަ 2026 ގެ ކުރީކޮޅަށެވެ. މާލެއާއި ގުޅީފަޅު ގުޅުވާލާ މަޝްރޫއު ނިންމުމަށް 31 މާޗް 2026 އަށް އަމާޒެއް ކަނޑައަޅާފައިވާއިރު، ގުޅީފަޅާއި ތިލަފުށި ގުޅުވާލާ މަޝްރޫއު ނިންމުމަށް ތާވަލުކޮށްފައިވަނީ 30 ސެޕްޓެމްބަރު 2026 އަށެވެ.

ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ އިތުރުން ސްޓޭޓް މިނިސްޓަރު އިބްރާހިމް ތައާމްއި، ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދު އަދި މިނިސްޓްރީގެ ޓެކްނިކަލް ޓީމު ބައިވެރިވި އެވެ. އަދި ފިނޭންސް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީގެ ސީނިއާ އޮފިޝަލުންވެސް މި ބައްދަލުވުމުގައި ބައިވެރިވި އެވެ.

ބައްދަލުވުމުގައި އިންޑިއާގެ ފަރާތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒްއާއި އިންޑިއާގެ އެގްޒިމް ބޭންކުގެ ސީނިއާ އޮފިޝަލުން އަދި ބްރިޖު މަޝްރޫއުގެ ކޮންޓްރެކްޓަރާއި ކޮންސަލްޓަންޓުން ބައިވެރިވި އެވެ.