ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ރާއްޖޭގެ އިގްތިސޯދީ ހާލަތު ޗައިނާގެ އެގްޒިމް ބޭންކަށް ކިޔައިދީފި

ރާއްޖޭގެ އިގްތިސާދީ ހާލަތު ޗައިނާގެ އެގްޒިމް ބޭންކުގެ ޗެއާމަން ވޫ ފުލިންއަށް އޮޅުން ފިލުއްވައި ދެއްވައިފި އެވެ.

ވޫ ފުލިންއަށް ރާއްޖޭގެ ހާލަތު އޮޅުން ފިލުއްވައިދެއްވީ ޗައިނާގެ ފޮރިން މިިނިސްޓަރު ވަންގް ޔީގެ ދައުވަތަކަށް އެ ގައުމަށް މިހާރު ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުގެ އިތުރުން އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ އެގްޒިމް ބޭންކުގެ ޗެއާމަންއާ އެކު ކުރިއަށް ގެންދިޔަ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި އިސްލާހީ ޕްރޮގްރާމާ ގުޅޭ މައުލާމާތު ހިއްސާކުރި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްގީއަށް މުހިއްމު މަޝްރޫއުތަކަށް ފައިސާ ހަމަޖެއްސުމާއި ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދެވޭނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ޒަމީރު ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގެ އިތުރުން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އެހީތެރިވެވޭނެ ޗައިނާގެ އެހެން ގިނަ ކުންފުނިތަކާއި، ޗައިނާގެ ފޮރިން މިނިސްޓަރާއި، ޗައިނާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާވެސް ރާއްޖޭގެ މިނިސްޓަރުން ބައްދަލުކުރައްވާނެ އެވެ.