ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ކުރެވޭނެ މަސައްކަތްތައް ބުނެދީފި

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް އިތުރު އެއްބާރުލުން ދިނުމަށާއި އެ ދާއިރާއިން ރާއްޖޭގައި އިންވެސްޓް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ޗައިނާގެ ޓިއަންޔިންގް އިންކް ކުންފުންޏާ މަޝްވަރާކޮށްފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު މުސާ ޒަމީރާއި، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ޓިއަންޔިންގް ކުންފުނީގެ ޗެއާމަން ޑރ. ޔަން ގެންގްޖުންއާ ވަނީ ބައްދަލުކުރައްވާފަ އެވެ.

ޒަމީރު ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ކުނި މެނޭޖުކުރުމާއި އާބަން ސާވިސަސް މަޝްރޫއުތަކުގެ ކުރިއެރުންތަކާއި، ރާއްޖޭގައި ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދިނުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

ޓިއަންޔިންގް އެކު ރާއްޖޭގެ އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ މި އަހަރުގެ މާޗް މަހުގެ ތެރޭގައި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޭޔޫ) އެއްގައި ސޮއިވެސް ކޮށްފަ އެވެ.

ރާއްޖޭގެ ތިން މިިނިސްޓަރުން މިވަގުތު ޗައިނާއަށް ކުރައްވާ ދަތުރުފުޅަކީ ޗައިނާގެ ފޮރިން މިިނިސްޓަރު ވަންގް ޔީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިބައްދަލުކުރެއްވުމުގެ އިތުރުން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މުހިއްމު ޗައިނާގެ އެހެން ގިނަ ކުންފުނިތަކާއި، ޗައިނާގެ ފޮރިން މިނިސްޓަރާއި، ޗައިނާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާވެސް ރާއްޖޭގެ މިނިސްޓަރުން ބައްދަލުކުރައްވާނެ އެވެ.