މާލެއާއި ވިލިމާލޭގެ މަގުތައް އަލުން ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް އަލުން ހެދުމުގެ މަސައްކަތް ފެށި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނި ނަމަވެސް އެ މަސައްކަތް ފެށި ވަކި ދުވަހެއް ނުބުނެ އެވެ.
މަގުތައް އަލުން ހެދުމުގެ މަސައްކަތް ފުރަތަމަ ފެށީ ވިލިމާލޭގައެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއަށް ބޭނުންވާ ސާވޭ ހެދުމަށް ޗައިނާގެ ޓީމެއް ރާއްޖެ އައިސް ސާވޭގެ މަސައްކަތް ނިންމާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގަ އެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ޗައިނާގެ އެހީގައި ކުރިއަށް ގެންދިއުމަށް ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެ ގައުމަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައެވެ.
މިމަޝްރޫއަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ދިނުމަށް ޗައިނާ އިން ވަނީ ނިންމާފަ އެވެ.
މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތައް ތާރު އަޅައިގެން ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މަގުތައް ތަރައްގީކުރާނީ ސްޓޯމް ވޯޓާ ނިޒާމާއި ފަޔާ ހައިޑްރަންޓް ނިޒާމުވެސް ގާއިމުކޮށްގެން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.