ސިނަ މާލެ ބްރިޖް

ބްރިޖަކީ ތަރައްގީއަށް އެޅި އެންމެ މުހިންމު ބިނާ: މުއިއްޒު

ސިނަމާލެ ބްރިޖަކީ ފަހުގެ ތާރީހެއްގައި ތަރައްގީ އަށް އެޅުނު އެންމެ މުހިންމު ބިނާ ކަމުގައި މާލޭ ސިޓީގެ މޭޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވެފައި ވަނީ ސިނަމާލެ ބްރިޖަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް ވީޑިއޯއަކާއެކު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

މި ވީޑިއޯގައި މުއިއްޒު ވިދާޅުވީ ސިނަމާލެ ބްރިޖަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ގެނައި އެންމެ ބޮޑު އަދި މުހިންމު ކުރިއެރުމެވެ. އަދި ބްރިޖްގެ ސަބަބުން ގްރޭޓާ މާލެ ސަރަހައްދައް ގިނަ ކުރިއެރުން ތަކެއް ލިބިގެން ދިޔަ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"ބްރިޖުގެ ސަބަބުން މާލެ ސަރަހައްދުގައި އުޅޭ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބިފައިވޭ، އަދި ކޮންމެ ދުވަހަކު ވެސް ބްރިޖުން އެތައް ބަޔަކު ދަތުރު ކުރޭ" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ކުރެއްވި ޓްވީޓްގައި ޗައިނާގެ ރައީސްްގެ އިތުރުން ކުރީގެ ރައީސް އަބްދުއްﷲ ޔާމީން އަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި މުސްތަގުބަލުގައި ވެސް ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ ކުރިއަރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖްގެ ހުޅުވާފައި ވަނީ 30 އޯގަސްޓް 2018 ގަ އެވެ. އަދި މި މަސައްކަތަކީ ޗައިނާގެ އެހީގައި ކުރި އަށް ގެންދިޔަ މަސައްކަތެކެވެ. ދުއިސައްތަ މިލިއަން ޑޮލަރުގެ ލޯނު އެހީގައި ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ. އަދި ބްރިޖްގެ މަސައްކަތް ނިންމުމަށް 30 މަސްދު ވަސް ހޭދަވެފައިވާ އިރު މި ބްރިޖަކީ ދެ ކިލޯމީޓަރު ދިގު ބްރިޖެކެވެ.