ސިނަ މާލެ ބްރިޖް

ސިނަމާލެ ބްރިޖްގެ ދަބަރު ފިލުވައި، ދަވާދު ލަނީ

ހުޅުލެ އާއި މާލެ ގުޅުވާލައިފައިވާ ސިނަމާލެ ބްރިޖު ގޭޓްގައި ޖަހާފައިވާ ދަބަރު ފިލުވައި ދަވާދު ލުމުގެ މަސައްކަތް ފަށައިފި އެވެ.

ބްރިޖް ބެލެހެއްޓުން ޗައިނާއިން ކުރި ނަމަވެސް ބްރިޖްގެ ގޭޓް ބެލެހެއްޓުމާއި ދިއްުލުމާއި މަރާމާތު މަސައްކަތް ހަވާލު ކޮށްފައި ވަނީ ޕްލޭނިން މިނިސްޓްރީން އަށެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު އަވަސް އަށް މިއަދު ވިދާޅުވީ މިހާރު ގޭޓްގެ މަސައްކަތް ފަށާފައިވާ ކަމަށާާއި ފުރަތަމަ ކުރާނީ ބްރިޖް ގޭޓްގެ ދަބަރު ފިލުވައި ކުލަ ލުމުގެ މަސައްކަތް ކަމަށެވެ.

ގޭޓްގެ މަސައްކަތް ކުރަން ފަށާފައި ވަނީ މިއަދު އެވެ. އެއީ ޕްލޭނިން މިނިސްޓްރީގެ ޕަބްލިކް ޕޯސްޓުން ނެވެ. ކުލަ ލުމުގެ މަސައްކަތުގެ ހަރަދު ފަހުން ހިއްސާ ކުރައްވާނެ ކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖް ހުޅުވާފައި ވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 ގަ އެވެ. މިހާރު ބްރިޖަށް ތިން އަހަރު ވަނީ ފުރިފަ އެވެ. މިއީ ބްރިޖްގެ ގޭޓް މަރާމަތް ކުރާ އެންމެ ފުރަތަމަ ފަހަރެވެ.

ސިނަމާލެ ބްރިޖަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ ހިންގި ބިޔަ މަޝްރޫއެކެވެ. އެ ބުރިޖްގެ ފައުންޑޭޝަންގެ މަސައްކަތް ކުރަން ޕްލެޓްފޯމެއް އެޅީ މެއި، 2016 ގައެވެ. ސިނަމާލެ ބްރިޖްގައި ހަދާފައި ވަނީ ވެހިކަލްތަކަށް ހަތަރު ލޭން ހިމެނޭ ގޮތަށް ހުޅުލޭ ކޮޅަށް ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭނެވެ. މާލޭ ކޮޅުގެ ދެ ލޭންގައި، 3.5 މީޓަރު ހުންނައިރު، އަނެއް ދެ ލޭންގައި 3.2 މީޓަރު ހުރެއެވެ. ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ހަރަދު ކުރި އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަ ކުރިއެވެ. ބްރިޖު ދަތުރުތަކަށް އާއްމުކޮށް ހުޅުވާލީ ސެޕްޓެމްބަރު 7، 2018 އިގަ އެވެ.