މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމަށް އަޅާފައިވާ ފެން ހޮޅި ޓެސްޓްކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީ އިން ފަށައިފި އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ ފެނުގެ ވިއުގަ ގާއިމުކުރުމަށް ބޭނުންކުރާ ހޮޅި ސާފުކޮށް ދެ ކޮޅުން މިހާރު ގުޅާލާފައިވާ ކަމަށެވެ.
އަބްދުލް މަތީން ވިދާޅުވީ ވަގުތީ ގޮތުން ޓެސްޓްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މިހާރު 3،000 ޓަނުގެ ފެން ދައުރުކުރެވޭ ކަމަށެވެ. މި މަސައްކަތް ނިމޭއިރު 20،000 ޓަނުގެ ފެން ދައުރު ކުރެވޭނެ ކަމަށްވެސް އަބްދުލް މަތީން ވިދާޅުވި އެވެ.
މި ނިޒާމަށް ގާއިމުކުރަންޖެހޭ ޕަމްޕް ސްޓޭޝަން އިމާރާތުގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށާއި ޕަންޕް ސްޓޭޝަންގެ މަސައްކަތް ނިމުމުން އެތަނުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަންޖެހޭ ކަމަށްވެސް މަތީން ވިދާޅުވި އެވެ.
މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ ހޮޅި އަޅާފައިވަނީ ސިނަމާލެ ބްރިޖު މެދުވެރިކޮށެވެ.