އެމްޑަބްލިއުއެސްސީ

މާލެ-ހުޅުމާލޭގެ ފެނުގެ ނެޓްވޯކް ގުޅާލުމަށް ޕަމްޕް ސްޓޭޝަނުގެ މަސައްކަތް ފަށައިފި

މާލެ އާއި ހުޅުމާލޭގެ ފެނުގެ ނެޓުވޯކް ގުޅާލުމުގެ ގޮތުން އެކަމަށް ބޭނުންވާ މައި ޓްރާންސްފާ ޕަމްޕް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މިމަސައްކަތް މިއަދު ފެށީ އަމީރު އަހްމަދު ޕްރީ ސްކޫލު ކައިރިން މިކަމަށް ހާއްސަކޮށްފައިވާ ބިމެއްގައެވެ.

މިމަޝްރޫއުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ ސިނަމާލެ ބްރިޖު ހެދިއިރު މާލެ އާއި ހުޅުމާލޭގެ ފެނުގެ ނެޓްވޯކް ގުޅާލުމަށް ބޭނުންވާ ޕައިޕްލައިން އޮތީ އަޅާފައި ކަމަށެވެ.

މަތީން ވިދާޅުވީ ތަފާތު ސަބަބުތަކާ ހުރެ މީގެކުރިން މިމަސައްކަތް ކުރިއަށް ނުދިޔަ ނަމަވެސް މިހާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މާލެ އާއި ހުޅުމާލޭގެ ފެނުގެ ނެޓުވޯކް ގުޅާލުން ކަމަށެވެ.

"މި ސަރުކާރުގައި މިވަނީ ޕަމްޕް ސްޓޭޝަނަށް ބޭނުންވާ ބިން ހަމަޖައްސައި ދީފައި. މި ތަނުގައި މިއަދު މި ފެށި މަސައްކަތް މި އަހަރު ތެރޭގައި ނިންމާ ބްރިޖުގައި އޮތް ހޮޅިއާ ގުޅާލުމަށް މަސައްކަތް މިކުރަނީ،" މަތީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓްރާންސްފާ ސްޓޭޝަންގެ މަސައްކަތް ނިމި ޕައިޕްލައިނާ ގުޅާލުމާ އެކު މާލެ އާއި ހުޅުމާލޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމަށެވެ. އަދި މި ނެޓްވޯކްގެ ތެރެއިން ގަޑިއިރަކު 800 ޓަނުގެ ފެން ފޯރުކޮށްދެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

މަތީން ވިދާޅުވީ މާލޭގައި އެމްޑަބްލިއުއެސްސީއަށް މިވަގުތު ފެން އުފެއްދެނީ މާލޭގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ މިންވަރަށް ކަމަށެވެ. އެހެންކަމުން ފެނުގެ ރައްކާތެރިކަން އިތުރަށް ޔަގީންކުރުމަށްޓަކައި ފެން އުފައްދާ މިންވަރު އަދި އެ ގާބިލްކަން އިތުރުކުރުމަށްޓަކައިވެސް އެ ކުންފުނިން މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން އެކަމަށް ބޭނުންވާ ފެސިލިޓީއެއް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކެއް ހިނގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.