އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީން ތިމާވެށީގެ ދުވަސް ފާހަގަކޮށްފި

ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަކުރުމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން "ނަލަ ވެށި" ކެމްޕޭންގެ ދަށުން ހާއްސަ ހަރަކާތްތަކެއް ހިންގައިފި އެވެ.

"ނަލަ ވެށި" ކެމްޕޭންގެ ދަށުން އެމްޑަބްލިއުއެސްސީ އިން ދަނީ އެ ކުންފުނީގެ އޮޕަރޭޝަންތައް ހިންގަމުންދާ މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށީގައި ހާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ.

މި ގޮތުން ކުންފުނީގެ އޮޕަރޭޝަން ސެންޓަރުގައި ގަސް އިންދައި ފެހި ކުރުމުގެ ހާއްސަ ހަރަކާތެއް ހުޅުމާލޭގައި އިއްޔެ ހަވީރު ވަނީ ކުރިޔަށް ގެންގޮސްފަ އެވެ. މި ހަރަކާތް ފައްޓަވާ ދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އަދި އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާތިރު އަބްދުލް ރަހްމާން އެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ ސީނިއާ މެނޭޖުމަންޓް ޓީމާއި މުވައްޒަފުން ބައިވެރިވި އެވެ.

މީގެ އިތުރުން ކުޅުދުއްފުށީގެ ރައްޔިތުންނަށް އަމާޒުކޮށްގެން "ނަލަ ކުޅުދުއްފުށި" ގެ ނަމުގައި ތިމާވެއްޓާއި މެދުގައި އާންމު ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތެއް ވަނީ މިމަހުގެ ފުރަތަމަ ދުވަހުން ތިންވަނަ ދުވަހުގެ ނިޔަލަށް ހިންގާފަ އެވެ.

މިގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގުޅިގެން ރަށުގެ ގޮނޑުދޮށާއި ކުނި ގިނަ ކަމަށް ފާހަގަ ކުރެވޭ ސަރަހައްދުތައް ވަނީ ސާފުކޮށްފަ އެވެ.

މި ހަރަކާތުގައި ކުޅުދުއްފުށީގެ 20އަށްވުރެ ގިނަ އިދާރާ އަދި ޖަމިއްޔާ ޖަމާއަތްތަކުން ބައިވެރިވި އެވެ. މި ހަރަކާތައް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނުކަން އެމްޑަބްލިއުއެސްސީން ފާހަގަކުރެ އެވެ.

މީގެ އިތުރުން ކުޅުދުއްފުށީގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ފެން އިސްރާފު ނުކުރުމަށާއި ސާފު ބޯފެނާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ހިންގައި "ފެން ފިޔެސްޓާ" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ވަނީ ބާއްވާފަ އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނި ގޮތުގައި "ނަލަ ވެށި" ކެމްޕޭންގެ މަގުސަދަކީ ރައްކާތެރިކަމާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި އުކާލުމަށް ހިތްވަރުދީ ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުމެވެ. ކުންފުނިން މަސައްކަތް ކުރަނީ އޮޕަރޭޝަންތަކުގައި ތިމާވެއްޓާއި ވީހާވެސް ރައްޓެހި ގޮތްތައް ހިޔާރުކޮށް އީޖާދީ ކުންފުންޏަކަށްވުމަށް ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.