ފައިލޭރިއާ ޖެހިފައިވާ ހަތް މީހަކު މާލެ ސަރަހައްދުން ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.
އެޗްޕީއޭ އިން ހާމަކުރި ގޮތުގައި މާލެ ސަރަހައްދުން ފައިލޭރިއާއަށް ޕޮޒިޓިވްވި އެންމެންނަކީވެސް ބިދޭސީ މަސައްކަތްތެރިންނެވެ. މި މީހުންގެ ތެރޭގައި ހުކުރު ހުޅުމާލެއިން ފައިލޭރިއާއަށް ޕޮޒިޓިވްވި ބިދޭސީ މީހާވެސް ހިމެނެ އެވެ.
މާލެ ސަރަހައްދުން ފައިލޭރިއާއަށް ޕޮޒިޓިވްވި ބިދޭސީން ފެނުނީ ކުރިއަށް ގެންދިޔަ ސްކްރީން ޕްރޮގްރާމެއްގެ ތެރެއިން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި ހުޅުމާލެއިން ފަސް ބިދޭސީން ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާއިރު ގުޅީފަޅުން އެއް ބިދޭސީއަކު އަދި މާލެއިންވެސް ބިދޭސީއަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
ފައިލޭރިއާ ޖެހިފައިވާ ބިދޭސީންތަކެއް އެންމެ ފުރަތަމަ ފެނުނީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރަން މި މަހުގެ ފުރަތަމަ ދުވަހާއި ދެވަނަ ދުވަހު ކުޅުދުއްފުށީގައި ބިދޭސީންނަށް ހިންގުނު ހެލްތު ސްކްރީނިންގް ކޭމްޕުންނެވެ. ކުޅުދުއްފުށިން މިހާތަނަށް 25 ބިދޭސީން ވަނީ ފައިލޭރިއާއަށް ޕޮޒިޓިވްވެފަ އެވެ.
ފައިލޭރިއާ ހުރިތޯ ބެލުމަށް ބައެއް ދިވެހިންވެސް ދަނީ ސްކްރީން ކުރަމުންނެވެ.
ފައިލޭރިއާ ޖެހިފައިވާ މީހުންނަށް ބޭނުންވާ ބޭސް ރާއްޖޭގައި އެބަހުރި ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. ނަމަވެސް ފައިލޭރިއާއަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށްވާތީ ބޭހުގެ އިތުރު ސްޓޮކް ބޭނުންވާކަން ވަނީ ފާހަގަކޮށްފަ އެވެ.
ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ރާއްޖެއިން ފައިލޭރިއާގެ ކޭސްތަކެއް ފެނިފައި މިވަނީ 2020 ވަނަ އަހަރު ބިދޭސީން މެޑިކަލް ޗެކަޕް ނުހަދައި ރާއްޖެއަށް އެތެރެވުމަށް ހުއްދަ ދިނުމާ ގުޅިގެންނެވެ.
އެޗްޕީއޭ އިން ބުނީ ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ މީހުން ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާންމުކޮށް ފެންނަ "އެންޑެމިކް" ގައުމުތަކުންކަން ފާހަގަކުރެވިފައިވާ ކަމަށާއި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފައިލޭރިއާ ނުވަތަ ދިވެހިން ކިޔާނަމަ ފައިފަލަވާ ބައްޔަކީ މީގެ ކުރިން ރާއްޖެއިން ނައްތައިލެވިފައިވާ ބައްޔެކެވެ.
ފައިލޭރިއާ އަކީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރިއްޔާ އިން ފެތުރޭ އަދި ގައިންގަޔަށް އަރާ ބައްޔެކެވެ. ފައިލޭރިއާގެ އަލާމާތްތަކަކީ ބައެއް ހަންގަނޑު ބޯވާން ފެށުމާއި ފައި ދުޅަވުމެވެ.