މަގުމަތީގެ އެކްސިޑެންޓް

އެކްސިޑެންޓްތައް އިތުރުވުމާއެކު ގިނަ އަދަދެއްގެ ފުލުހުން މަގުތަކަށް

މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވުމާއެކު ގިނަ އަދަދެއްގެ ފުލުހުން މަގުތަކަށް ނިކުމެއްޖެ އެވެ.

ފުލުހުން މިރޭ ބުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓްތައް ގާއިމުކޮށް އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންވެސް ފުލުހުން ބުންޏެވެ.

"އުޅަނދު ބޭނުންކުރުމުގެ ކުރިން ރައްކާތެރިކަމުގެ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކަން ޔަގީން ކުރައްވާ،" ފުލުހުން ބުންޏެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ރާއްޖޭގައި 1،900 އަށް ވުރެ ގިނަ އެކްސިޑެންޓް ވަނީ ހިނގާފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އޮގަސްޓްގެ ނިޔަލަށް ރާއްޖޭގައި ހިނގާފައިވަނީ 1،476 އެކްސިޑެންޓެވެ.

މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް ހިނގުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ހަފްތާއެއްގެ ތެރޭގައި މަގުމަތީގެ އެކްސިޑެންޓްގައި އަނިޔާވެ ދެ މީހަކު ވަނީ މަރުވެސް ވެފަ އެވެ.

އެކްސިޑެންޓްތައް އިތުރުވެފައިވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަގުތަކަކީ ރައްކާތެރި ތަންތަނަށް ހެދުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ކަމާ ގުޅޭ އިދާރާތަކަށް ވަނީ އަންގަވާފަ އެވެ.