ތިމާވެށި

ތިމާވެށީގެ ދުވަހު އައްޑޫއާއި ކުޅުދުއްފުށީގައި ގަސް އިންދައިފި

Jun 5, 2021

ތިމާވެށީގެ ދުވަހާ ގުޅުވައިގެން އައްޑޫ އާއި ކުޅުދުއްފުށި ސިޓީގައި ގަސް އިންދުމުގެ ހަރަކާތެއް ފަށައިފި އެވެ.

ކުޅުދުއްފުށި "ފިނިފެހި ސިޓީ" އަކަށް ހެދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމު މިއަދު ފައްޓަވައި ދެއްވީ ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް އެވެ. މިޕްރޮގްރާމުގެ ދަށުން ކުޅުދުއްފުށީގައި އިންދަން ނިންމާފައިވަނީ ކިހާ ގަހެއް ކަމެއް އެނގިފައެއް ނުވެ އެވެ.

އައްޑޫގައި ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އިންދަން ނިންމާފައިވަނީ އެއްލައްކަ ރުކެވެ. މިޕްރޮގްރާމު އައްޑޫގައި މިއަދު ފައްޓަވައި ދެއްވީ މޭޔަރު އަލީ ނިޒާރު އެވެ.

އައްޑޫގައި ކުރިއަށް ގެންދާ ގަސް އިންދުމުގެ ޕްރޮގްރާމަކީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ނޭޗާ ޕާކާއި އަދި އީޕީއޭ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ކުޅުދުއްފުށީގައި މި ޕްރޮގްރާމު ފަށާފައިވަނީ އެ ރަށުގައި އަލަށް ހަދާ ބަނދަރު ސަރަހައްދާއި މޫދަށް އެރެން ހާއްސަކޮށްފައިވާ ސަރަހައްދުގަ އެވެ. އައްޑޫގައި މިއަދު ހެނދުނު މި ޕްރޮގްރާމް ފެށީ އައްޑޫ ނޭޗާ ޕާކްގަ އެވެ.

މާލޭގައި ވެސް އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު މާލޭގެ މޭޔަރު ކަމާ ހަވާލުވެވަަޑައިގަތުމަށްފަހު މޭޔަރު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އަދި އެ ޕްރޮގްރާމު ފަށާފައެއް ނުވެ އެވެ.