ޑރ. މުހައްމަދު މުއިއްޒު

އިތުރު އެއާޕޯޓްތައް ތަރައްގީކުރާނެ ރަށްތައް ރައީސް ކަނޑައަޅުއްވައިފި

ރާއްޖޭގައި އިތުރު އެއާޕޯޓްތަކެއް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން އިއްޔެ ގެޒެޓްކުރި ރައީސްގެ ގަރާރުގައި ވަނީ އެއާޕޯޓްތައް ތަރައްގީކުރުމަށް ނިންމާފައިވާ ރަށްތަކާއި އެ އެއާޕޯޓްތައް ހެދުމަށް އެންމެ މަދުން އިންވެސްޓްކުރެވޭނެ އަދަދު ކަނޑައަޅުއްވާފަ އެވެ.

ރައީސްގެ ގަރާރުގައި ވަނީ ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތަކާއި އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓްގެ އަދަދު ކަނޑައަޅުއްވާފަ އެވެ.

އަލަށް އެއާޕޯޓް ތަރައްގީކުރާ ރަށްތައް

  • ހއ. ދިއްދޫ
  • ށ. ދިގުވެލި
  • ށ. މިލަންދޫ
  • ނ. ވިހަފަރު
  • ރ. ފައިނު
  • އއ. މަތިވެރި
  • ފ. ނިލަންދޫ
  • ގއ. މާޅެންދޫ
  • ތ. ގުރައިދޫ

ރައީސްގެ ގަރާރުގައި ވަނީ ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ސަރުކާރުން ކަނޑައަޅާ ތަނެއްގައި ތަރައްގީކުރަން އިންވެސްޓްކުރަންވެސް ހުޅުވާލާފަ އެވެ.

މި މަޝްރޫއުތަކަށް އެންމެ މަދުވެގެން ފަސް މިލިއަން ޑޮލަރު އިންވެސްޓްކުރަންޖެހެ އެވެ.

މިހާރު މަސައްކަތް ފެށިފައިވާ ހދ. މަކުނުދޫ، ރ. އަލިފުށި، މ. މުލި، ށ. ބިލެތްފަހި، ބ. ތުޅާދޫ، އަދި ތ. ވިލުފުށި އެއާޕޯޓް މަޝްރޫއު ނިންމަން އިންވެސްޓްކުރަން ވަނީ ހުޅުވާލާފަ އެވެ. މި މަޝްރޫއުތަކަށް އިންވެސްޓްކުރެވޭނެ އެންމެ ދަށް މިންވަރަކީ ހަތަރު މިލިއަން ޑޮލަރެވެ.

ރައީސްގެ ގަރާރުގައި ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ފުނަދޫ އެއާޕޯޓާއި ދަރަވަންދޫ އެއާޕޯޓާއި ކުޅުދުއްފުށި އެއާޕޯޓާއި ފުވައްމުލައް ސިޓީ އެއާޕޯޓް އަދި މާވަރުލު އެއާޕޯޓް ތަރައްގީކުރަން ކަނޑައަޅުއްވާފަ އެވެ. މި އެއާޕޯޓްތަކަށް އިންވެސްޓްކުރެވޭނެ އެންމެ ދަށް އަދަދަކީ ހަތަރު މިލިއަން ޑޮލަރެވެ.

މީގެ އިތުރުން ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަދި ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރަން ރައީސްގެ ގަރާރުގައި ވަނީ ކަނޑައަޅުއްވާފަ އެވެ. މި މަޝްރޫއުތަކަށް އިންވެސްޓް ކުރެވޭނެ އެންމެ ދަށް އަދަދަކީ ހަތް މިލިއަން ޑޮލަރެވެ.

ރައީސްގެ ގަރާރުގައި ވަނީ ހައްދުންމަތީ ގަމުގައި އައްސޭރި ޓޫރިޒަމް މަޝްރޫއެއް އަދި އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް މަޝްރޫއެއް ހިންގުމަށް ކަނޑައަޅުއްވާފަ އެވެ. ހައްދުންމަތީ ގަމުގައި އައްސޭރި ޓޫރިޒަމް މަޝްރޫއު ހިންގުމަށް އިންވެސްޓްކުރެވޭނެ އެންމެ ދަށް އަދަދަކީ ހަތް މިލިއަން ޑޮލަރެވެ. އަދި އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް މަޝްރޫއު ހިންގުމަށް އިންވެސްޓްކުރެވޭނެ އެންމެ ދަށް އަދަދަކީ 10 މިލިއަން ޑޮލަރެވެ.