ސަރުކާރުން އަޅަން ނިންމާފައިވާ ހަތަރު ޑޮމެސްޓިކް އެއާޕޯޓް މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ހދ. ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ރައީސް ސޯލިހް މިރޭ ވިދާޅުވީ ހދ. މަކުނުދޫ އާއި ށ. ބިލެތްފަހީގެ އިތުރުން ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓް އަޅާނެ ފައިސާ ހޯދިފައިވާ ކަމަށެވެ.
"މަކުނުދޫ، ބިލެތްފަހި، ތުޅާދޫ އަދި ވިލުފުށީ އެއާޕޯޓް އަޅާނެ ފައިސާ ހޯދިއްޖެ. މަސައްކަތްކުރާނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލެވިއްޖެ، ދެން އޮތީ މަސައްކަތް ފެށުން." ރައީސް ސޯލިހް ވިދާޅުވި އެވެ.
ސަރުކާރުން ވަނީ. ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އެޅުމަށް ނިންމާފަ އެވެ. ރ. އަތޮޅު ނިމުމުން ޑޮމެސްޓިކް އެއާޕޯޓްތަކުން މުޅި ރާއްޖެ ގުޅާލާއި ނިމޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ހިދުމަތާއި ހަނިމާދޫ އެއާޕޯޓާއި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރާއެކު ފުރިހަމަވާނީ ދިރުންހުރި އިގްތިސާދެއްގެ ފުރިހަމަ މޮޑެލްއެއް ކަމަށް ވިދާޅުވި އެވެ.
ހޯރަފުށީ އެއާޕޯޓް ބޭނުންކުރެވުންދާކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް ނިމިފައިވާ ކަމަށާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ އެކްޕެންޝަން މަސައްކަތް މޮބިލައިޒް ކުރެވިފައިވާ ކަމަށެވެ.
ކްރޮސް ސަބްސިޑީ އުސޫލުން ގިރާވަރުފަޅު ހިއްކައިގެން ރެޒިޑެންޝަލް ސިޓީއެއް ތަރައްގީ ކުރުމަށާއި ރާއްޖޭގެ ހަ ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރުމަށްވެސް ވަނީ ރައީސްގެ ގަރާރަކުން ވަނީ ކަނޑައަޅުއްވާފަ އެވެ.
ކްރޮސް ސަބްސިޑީ އުސޫލުން ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓްތައް
- ހދ. މަކުނުދޫ - 23.3 މިލިއަން ޑޮލަރު
- ށ. ބިލަތްފަހި - 23.6 މިލިއަން ޑޮލަރު
- ބ. ތުޅާދޫ - 21.9 މިލިއަން ޑޮލަރު
- ތ. ވިލުފުށި - 33.3 މިލިއަން ޑޮލަރު
- ފ. މަގޫދޫ - 8.2 މިލިއަން ޑޮލަރު
- ރ. އަތޮޅު ދެކުނު ބިތުގައި (ރަށް ކަނޑައެޅިފައި ނުވާ) - 23.6 މިލިއަން ޑޮލަރު
ކްރޮސް ސަބްސިޑީ އުސޫލުން މަޝްރޫއު ކުރިއަށް ގެންދިއުމަން ނިންމާ، މިމަޝްރޫއަށް ފައިނޭންސް ކުރާ ބަޔަކަށް ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް، ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޭނެ އެވެ.