ޑޮމެސްޓިކް އެއާޕޯޓް

އެއާޕޯޓްތަކަށް ބިން ހިއްކުން އެއްބަސްވުމާ ހަމައަށް

ސަރުކާރުން އަޅަން ނިންމާފައިވާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން ހަތަރު އެއާޕޯޓެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެއްބަސްވުމަކާ ހަމައަށް ދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވަނީ ވިލުފުށީ އެއާޕޯޓްގެ މަސައްކަތް ޕްލޭން ކުރެވިފައިވާ ތާރީހާ ބެހޭ ގޮތުން ސުވާލު ކުރައްވާފަ އެވެ. އެގޮތުން ވިލުފުށީގައި އެއާޕޯޓް އަޅަން ހަމަޖެހިފައިވަނީ މިއަހަރުތޯ އަދި 2028ގެ ކުރިން އެ މަސައްކަތް ކުރެވޭނެތޯ ސުވާލުކުރެއްވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ހަތަރު އެއާޕޯޓެއް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް މީގެ ހަފުތާތަކެއް ކުރިން އިއުލާނު ކުރެވުނު ކަމަށެވެ.

"ޓެންޑާތައް އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އިވެލުއޭޓް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން. އަޅުގަނޑު މި އުއްމީދުކުރަނީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އިވެލުއޭޝަން ނިންމާ އަޅުގަނޑުމެންނަށް އޭގެން ކޮންޓްރެކްޓަރަކާއެކީގައި ފައިނަލް ކޮންޓްރެކްޓް ނެގޯޝިއޭޝަންއާ ހަމައަށް ދެވޭނެ ކަމަށް،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ 2028އާ ހަމައަށް އެއްވެސް އެއާޕޯޓެއްގެ މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުގެ ޕްލޭން ނެތް ކަމަށެވެ. ސަރުކާރުގެ އަމާޒަކީ އެ އެއާޕޯޓްތަކުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށައިގެން ކުރިއަށް ގެންދިއުން ކަމަށާއި އެކަމަކު އެއާޕޯޓްތަކުގެ މަސައްކަތް މިއަހަރު ނުނިމޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ތ. ވިލުފުށީގެ އިތުރުން އިތުރު ރަށްތަކެއްގައި އެއާޕޯޓް އެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ހދ. މަކުނުދޫ، ށ. ބިލަތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި އެޅުމަށް ނިންމާފައިވާ ޑޮމެސްޓިކް އެއާޕޯޓުތަކަށް ބޭނުންވާ ބިން އިތުރުކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

ސަރުކާރުން އަޅަން ނިންމާފައިވާ ހަތަރު ޑޮމެސްޓިކް އެއާޕޯޓް މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

ކްރޮސް ސަބްސިޑީ އުސޫލުން ތަރައްގީކުރަން ނިންމާފައިވާ ޑޮމެސްޓިކް އެއާޕޯޓްތައް

  • ހދ. މަކުނުދޫ - 23.3 މިލިއަން ޑޮލަރު
  • ށ. ބިލަތްފަހި - 23.6 މިލިއަން ޑޮލަރު
  • ބ. ތުޅާދޫ - 21.9 މިލިއަން ޑޮލަރު
  • ތ. ވިލުފުށި - 33.3 މިލިއަން ޑޮލަރު
  • ފ. މަގޫދޫ - 8.2 މިލިއަން ޑޮލަރު
  • ރ. އަތޮޅު ދެކުނު ބިތުގައި (ރަށް ކަނޑައެޅިފައި ނުވާ) - 23.6 މިލިއަން ޑޮލަރު

މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން ވެސް 30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުމަކީ މިސަރުކާރުގެ ސިޔާސަތެކެވެ. ރ. އަލިފުށި، ފ، މަގޫދޫ، ގދ. ފަރެސްމާތޮޑާ އަދި މ. މުލީގައި މިހާރު ދަނީ އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ކުރަމުންނެވެ.