ރައީސް އޮފީސް

ކްރޮސް ސަބްސިޑީގެ ހަތް އެއްބަސްވުމެއް ބާތިލުކުރަނީ

ކްރޮސް ސަބްސިޑީ އުސޫލުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ފައިސާ ދިނުމަށް ލިބިފައިވާ ހަތް ހުށަހެޅުމެއް ބާތިލުކުރަން ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކޮށްފައިވަނީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެ ހަތް އެއްބަސްވުން ބާތިލުކުރަން އިކޮނޮމިކް ކައުންސިލުން ނިންމީ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ދައްކާފައިނުވާތީ އާއި އިތުރު މުއްދަތު ދީގެންވެސް ފައިސާ ލިބޭނެ ކަމަށް ނުބެލެވޭތީ އެވެ.

އެއްބަސްވުމާއި އެއްގޮތަށް ސަރުކާރަށް ފައިސާ ދައްކާފައި ނުވާ ހަތް ފަރާތަކަށް ފައިސާ ދެއްކުމަށް މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދޭން ޑިސެމްބަރު 27 ވަނަ ދުވަހު ބޭއްވި އިކޮނޮމިކް ކައުންސިލުގެ ބައްދަލުވުމުގައި ނިންމި ނަމަވެސް އިތުރު މުއްދަތު ދީގެން މި ފައިސާ ލިބޭނެ ކަމަށް ނުބެލެވޭތީ އިތުރު މުއްދަތެއް ނުދީ އެއްބަސްވުން ބާތިލުކުރަން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެއްބަސްވުންތައް ބާތިލުކުރީ ކޮން ރަށްތަކަކަށް ހަދާފައިވާ އެއްބަސްވުންތަކެއް ނާޒިމް ހާމައެއް ނުކުރައްވަ އެވެ.

ކްރޮސް ސަބްސިޑީ އުސޫލުން ފައިސާ ހޯދައިގެން އެއާޕޯޓް އަޅާ ރަށްރަށަކީ ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބެރިޔަންފަރު، ބ. ތުޅާދޫ. ފ. މަގޫދޫ އަދި ތ. ވިލުފުއްޓެވެ.

މި އެއާޕޯޓްތަކުގެ ތެރެއިން ފ. މަގޫދޫ އެއާޕޯޓް އަދި ރ. އަލިފުށި އެއާޕޯޓްގެ މަޝްރޫއު ސަރުކާރުގެ ބަޖެޓުން ފަށާފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ.