ރާއްޖޭގެ ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތަކެއް ތަރައްގީކުރުމަށް ނިންމާ، އެ ރަށްތަކަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގު ކަމަށް ކުރިން ކަނޑައެޅި އަގު ކުޑަކޮށް އަލުން އެ އެއާޕޯޓްތައް ހަދައިދޭނެ ފަރާތްތައް ހޯދަން އިއުލާންކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ކުރި އިއުލާންގައި ހަ އެއާޕޯޓަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގެއް ކަމަށް ބުނެފައި އޮތީ ފަސް މިލިއަން ޑޮލަރެވެ. ނަމަވެސް މިއަދު ކުރި އިއުލާންގައި އެ އަދަދު ވަނީ ތިން މިލިއަން ޑޮލަރަށް ކުޑަކޮށްފަ އެވެ.
މިއަދު ކުރި އިއުލާންގައި އިތުރު ކަމަކަށް ވެސް ބަދަލު ގެނެސްފައިވެ އެވެެ. ކުރީގެ އިއުލާންގައި ބުނެފައިވަނީ އެއާޕޯޓްތަކަށް ޝައުގުވެރިކަށް ފާޅުކުރާއިރު މުޅި އެއާޕޯޓް ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ވެސް ހުށަހެޅިދާނެ ކަމަށެވެ. ނަމަވެސް މިއަދު ކުރި އިއުލާންގައި ވަނީ މުޅި އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމާ އެކު އެ މަޝްރޫއުގެ ބައެއް ފައިނޭންސް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ދީފަ އެވެ.
ޕްލޭނިން މިނިސްޓްރީ ބިޑް ކުރެވޭ އަގަށާއި ފައިނޭންސް ކުރެވިދާނެ ގޮތަށް ބަދަލު ގެނައި ވަކި ސަބަބެއް އެ މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.
އެއާޕޯޓްތައް އަޅައިދޭނެ ބަޔަކު ހޯދަނީ ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުންނެވެ. އޭރުން އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓުގެ އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކުއިޒިޝަން ކޮސްޓާއި، އެ ތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައިކަނޑައި ދެވޭނެ އެވެ.
މި މޮޑެލްގެ ދަށުން ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު -- އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީގެ ދަށުން، ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހެނީ އިކޮނޮމިކް މިނިސްޓްރީ އަށެވެ.
އެއާޕޯޓް އަޅާ ރަށްތަކާއި ހިނގާ ހަރަދުތައް
- ހދ. މަކުނުދޫ - 23.3 މިލިއަން ޑޮލަރު
- ށ. ބިލަތްފަހި - 23.6 މިލިއަން ޑޮލަރު
- ބ. ތުޅާދޫ - 21.9 މިލިއަން ޑޮލަރު
- ތ. ވިލުފުށި - 33.3 މިލިއަން ޑޮލަރު
- ފ. މަގޫދޫ - 8.2 މިލިއަން ޑޮލަރު
- ރ. އަތޮޅު ދެކުނު ބިތުގައި (ރަށް ކަނޑައެޅިފައި ނުވާ) - 23.6 މިލިއަން ޑޮލަރު
ޕްލޭނިން މިނިސްޓްރީގެ އިއުލާންގައިވާ ގޮތުން ކޮންމެ އެއާޕޯޓަކީ ވެސް ވަކި މަޝްރޫއަކަށް ވާތީ ޝައުގުވެރިކަން ފާޅުކުރާއިރު ތަރައްގީކުރަނީ ނުވަތަ ފައިނޭންސް ކުރަނީ ކޮން އެއާޕޯޓު މަޝްރޫއަކަށް ކަން ބަޔާންކުރަން ޖެހެ އެވެ.
ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް އެޅުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ސަރުކާރުން މިއަދު އަލުން އިއުލާންކުރިއިރު ފ. މަގޫދޫ އާއި ރ. އަތޮޅު ދެކުނު ބިތުގައި އަޅަން ނިންމާފައިވާ އެއާޕޯޓަކީ މުޅިން އަލަށް މިދިޔަ ޑިސެމްބަރުގައި އިއުލާންކުރި ދެ އެއާޕޯޓެވެ. ނަމަވެސް މީގެކުރިން މަކުނުދޫ، ބިލަތްފަހި، ތުޅާދޫ އަދި ވިލުފުށީގައި އެއާޕޯޓް އަޅަން ޝައުގުވެރިވާ ފަރާތްތައް ހޯދަން ސަރުކާރުން އިއުލާންކުރި އެވެ. އެ އިއުލާނާ ގުޅިގެން ބޭރުގެ ފަރާތްތައް ހިމެނޭ ގޮތަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށްވެސް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ މައުލޫމާތު އޭރުވެސް އަދި ފަހުން ވެސް ހާމަކޮށްފައެއް ނުވެ އެެވެ.
ސަރުކާރުން މިހާރު ވެސް ގެންދަނީ މ. މުލި އަދި ގދ. ފަރެސްމާތޮޑާގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް ކުރަމުންނެވެ. އަދި މިއަހަރު ރ. އަލިފުށި އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ފައިސާ ބަޖެޓްގައި ވަނީ ހިމަނާފަ އެވެ.