ޑޮމެސްޓިކް އެއާޕޯޓް

އެއާޕޯޓް އެޅުމަށް ބޭނުންވާ ތިން ރަށުގެ ބިން ހިއްކަން ހަވާލުކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ޑޮމެސްޓިކް އެއާޕޯޓްތަކެއް އަޅަން ނިންމާފައިވާ ތިން ރަށެއްގެ ބިން ހިއްކަން ބަޔަކާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ ށ. ބިލެތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށެވެ. މިމަޝްރޫއުގެ އަގަކީ 42.5 މިލިއަން ޑޮލަރު -- 653 މިލިއަން ރުފިޔާ އެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ސޮއިކުރެއްވިއިރު ކެޕިޓަލް މެރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިވަރާޖާ މަނިވައްނަން އެވެ.

ބިން ހިއްކުމަށް ހަމަޖެހިފައިވާ ގޮތް

  • ބިލެތްފަހިން 56.34 ހެކްޓަރު
  • ތުޅާދޫން 44.70 ހެކްޓަރުގެ ބިން
  • ވިލުފުށި 44.70 ހެކްޓަރުގެ ބިން

ކޮންސްޓްރަކްޝަން އާއި ރިއަލްސްޓޭޓް ވިޔަފާރިކުރާ ކެޕިޓަލް މެރިންގެ ހިއްސާދާރުންނަކީ މެނޭޖިން ޑިރެކްޓަރު ސިވަރާޖާ މަނިވައްނަން އާއި އިނގިރޭސިވިލާތުގައި ރަޖިސްޓްރީ އޮންނަ ކެޕިޓަލް އިވެސްޓްމަންޓް އެންޑް ފައިނޭންސް ލިމިޑެޓެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށްޓަކައި އަދި ވެރިކަމުގައި ހުންނަވައިގެން އެއާޕޯޓް އެޅުމަށް އެންމެ ފުރަތަމަ ވައުދުވެވަޑައިގެންނެވި ރަށްތަކަކީ ހދ. މަކުނުދޫ، ށ. ބިލަތްފަހި، ރ. ބެރިޔަންފަރު، ބ. ތުޅާދޫ، ފ. މަގޫދޫ އަދި ތ. ވިލުފުށްޓެވެ.

މިރަށްތަކުގެ ތެރެއިން އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް ހިނގަމުންދާ ހަމައެކަނި ރަށަކީ ފ. މަގޫދޫ އެވެ. އަދި ހދ. މަކުނުދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި، އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު ވަނީ ބިގްފިޝް މޯލްޑިވްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފަ އެވެ.

ރައީސް ވެރިކަމަށް ވަޑައިގަތުމަށްފަހު އެއާޕޯޓް އެޅުމަށް ކުރިން އިއުލާން ކުރި ރަށްތަކެއް ހުއްޓާ މާފަހުން އެއާޕޯޓެއް އެޅުމަށް އިއުލާން ކުރި ރަށެއް ކަމަށްވާ ރ. އަލިފުށި އެއާޕޯޓްގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް އެބަދެ އެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި އެއާޕޯޓަކާ ގުޅޭ ހުރިހާ މަސައްކަތެއް ކޮށް ނިންމި ހަމައެކަނި އެއާޕޯޓް ކަމަށްވާ ހއ. ހޯރަފުށި އެއާޕޯޓްގެ މަސައްކަތް ނިންމާ މިހާރު ދަނީ ހިދުމަތް ދެމުންނެވެ. އަދި ރައީސް ސޯލިހްގެ ވެރިކަމުގައި ގދ. ފަރެސްމާތޮޑާގެ އެއާޕޯޓްގެ ގިނަ މަސައްކަތްތަކެެއް ކޮށް މިދިޔަ މާޗް މަހުގެ 16 ވަނަ ދުވަހު ވަނީ ހުޅުވާފަ އެވެ. މީގެ އިތުރުން މ. މުލީ އެއާޕޯޓްގެ މަސައްކަތް ވެސް މިސަރުކާރުން މިހާރު ދަނީ ނިންމުމުގެ މަސައްކަތް ކުރަމުންނެވެ.