ކުޅުދުއްފުށި ސިޓީގައި މިދިޔަ ސަރުކާރުން އިމާރާތްކުރަން ފެށި އިންޖީނުގޭގެ ހަތަރު ފާރު ރޭނުމަށް 45 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާ އިތުރު ސުވާލުކުރުމުގެ ފުރުސަތުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ އެ ސިޓީއަށް ކުރެއްވި ދަތުރުގައި އިންޖީނު ގޭގެ މަސައްކަތް ބައްލަވާލެއްވި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މަޝްރޫއު ފުރަތަމަ ކޮންޓްރެކްޓަރަކާ ހަވާލުކުރީ 15 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށް ނުދާތީ ފެނަކައިން މީހުން ހޯދައިން އެ މަޝްރޫއު ފެށީ 30 މިލިއަން ރުފިޔާއަށް ކަމަށް ވިދާޅުވި އެވެ.
"މިހާރު މަސައްކަތް ނިމިފައި ހުރި މި ދެންނެވީ. ހަމައެކަނި ހުރީ ހަތަރު ފާރާއި މަތީގައި ޓްރަސްތަކެއް. މިހާ ހިސާބަށް ނިމުނުއިރު އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުގައި މިހާރު 45 މިލިއަން ރުފިޔާ އަރައިފި އެތަނަށް،" ތޯރިގު ވިދާޅުވި އެވެ.
އިންޖީނުގެ ނިންމުމަށް ދެގުނަ މަސައްކަތް އަދިވެސް ކުރަން އެބަހުރިކަން ވަޒީރު ފާހަގަކުރެއްވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ކެންދޫގެ އިންޖީނުގޭގެ އަގަކީ އަށް މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މަޝްރޫއަށް އައި ބަދަލުތަކާއެކު އެ މަޝްރޫއުގެ އަގު 10 މިލިއަނަށް އަރާފައިވާ ކަމަށެވެ.